ޗައިނާ އާއި ރަޝިއާ ގުޅިގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތައް ވަރުގަދަކުރަންފެށުމުން ޔޫރަޕާއި އެމެރިކާއިން ކަންބޮޑުވެއްޖެއެވެ.
ރަޝިޔާގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި އެމެރިކާއަށް އަމާޒުކޮށްގެން ވަރުގަދަކަން ދެއްކުމުގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަމްރީނުތަކެއް ފަށާފައިވާއިރު، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވަނީ ރަޝިއާ އާއެކު ރަޝިއާ ފަޅީގައި އޮތީ ކޮން ގައުމެއްކަންވެސް ހާމަކުރައްވާފައެވެ.
ޕޫޓިން ވިދާޅުވެފައިވަނީ 30 އަހަރުގެ ތެރޭގައި ބޭއްވޭ އެއްމެ ބޮޑު ތަމްރީނު ހަރަކާތުގައި 90،000 ސިފައިންނާއި 500 އަށްވުރެ ގިނަ އުޅަނދުފަހަރާއި މަތިންދާބޯޓުތައް ބައިވެރިވާކަމަށެވެ. އޯޝަން-2024″ ގެ ނަމުން ނަން ދީފައިވާ މި ހަތް ދުވަހުގެ ތަމްރީނުތަކަކީ ދާދި ފަހުން ރަޝިޔާ އާއި ޗައިނާއާ ދެމެދު ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކާއި ޖޮއިންޓް ޕެޓްރޯލްތަކުގެ ތެރެއިން އެންމެ ފަހުގެ ތަމްރީނުތަކެވެ.
ރަޝިއާގެ އަސްކަރިއްޔާއިން ބުނެފައިވަނީ ތަމްރީނު ތަކުގައި ބައިވެރިވުމަށް ކަނޑުގެ ސަރަހައްދަށް ޗައިނާއިން ގިނަ ހަނގުރާމަމަތީ އުޅަނދުތަކަކާއި 15 މަތިންދާބޯޓު ފޮނުވާފައިވާ ކަމަށާއި، މީގެ އިތުރުން ޗައިނާ އާއި ރަޝިއާ ގެ އަސްކަރިއްޔާއިން ވަނީ ޖަޕާނުގެ ކަނޑުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އަސްކަރީ ތަމްރީނުތަކުގައި ސްޓްރެޓެޖިކް ކޯޑިނޭޝަން އިތުރަށް ހަރުދަނާކޮށް، ޕެސިފިކްގެ އުތުރުގައި ފަސް ވަނަ ޖޮއިންޓް މެރިޓައިމް ޕެޓްރޯލްވެސް ބާއްވާފައެވެ.
ވޭތިވެ ދިޔަ 10 އަހަރު ބާއްވަމުން އައިސްފައިވާ ރަޝިޔާ-ޗައިނާގެ އަސްކަރީ ތަމްރީނުތަކަކީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިވެގެންދާ ކަން ހާމަވާ ކަމެއްކަމުގައި ތަޖުރިބާކާރުން ބުނެއެވެ.
ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައާއި، ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އާމެދު އުފެދިފައިވާ ނުތަނަވަސްކަމާ، ޓައިވާނުގެ މައްޗަށް ޗައިނާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން މުޅި ދުނިޔޭގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި،ރަޝިއާ އާއި ޗައިނާއިން އެކީ މަސައްކަތްކޮށްގެން ބާރުވެރިކަން ހޯދަން ކުރާ މަސައްކަތަކީ އެމެރިކާ އާއި ޔޫރަޕަށް އޮތް ބިރަކަށް ވާނެކަމެއްކަމުގައިވެސް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ރަޝިއާ އާއި ޗައިނާ އަކީ ދެގައުމުގެ ބޯޑަރުގެ މައްސަލާގައި 1969 ވަނަ އަހަރު ހަނގުރާމަކޮށްފައިވާ ދެ ގައުމެވެ. ނަމަވެސް ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި ހަތިޔާރުގެ ވަރުގަދަ ވިޔަފާރީގެ މުއާމަލާތްތަކެއް ހިނގަމުން އަންނަ އިރު، ހާއްސަކޮށް ޝީ އާއި ޕޫޓިން ގުޅުން އިތުރަށް ބަދަހި ކުރެއްވި އިރު، އަސްކަރީ ކޯޑިނޭޝަން ވަނީ އިތުރުވެފަ އެވެ.
ސެންޓާ ފޯ ސްޓްރެޓެޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީއެސްއައިއެސް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2014 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ދެ ގައުމުގެ އަސްކަރިއްޔާއިން ވަނީ ކޮންމެ އަހަރަކު މަދުވެގެން ހަތަރު އަދި 10 ވަރަކަށް ޖޮއިންޓް މިލިޓަރީ އެކްސަސައިޒް ނުވަތަ ޕެޓްރޯލް ތައް ބާއްވައިފަ އެވެ.
އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް މިފަދަ ހަތް ހަރަކާތެއް މިއަހަރު އެކަނިވެސް ހިނގާފައިވާ ކަމަށް ސީއެސްއައިއެސްގެ ތަފާސް ހިސާބުތަކުން ދައްކާއިރު، އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ޑްރިލްތަކުން ޖުމްލަ އަދަދު ވަނީ 11 އަށް އަރާފައެވެ.
މި ތަމްރީނުތަކާމެދު ޔޫރަޕާއި އެމެރިކާއިން ކަންބޮޑުވާ މައްސަލާގައި ޗައިނާ އާއި ރަޝިއާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ދެ ގައުމުގެ ގުޅުމަކީ ތިން ވަނަ ފަރާތަކަށް ޓާގެޓް ނުކުރާ ގުޅުމެއް ކަމަށެވެ.