logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024
ނާއިފް ޝައުކަތު

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބުނު ބައެއް ވިއްކާލުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާ ކަމަށް ބެލެވޭތީ ހައުސިން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ނާއިފް ޝައުކަތުގެ މައްޗަށް ދައުވާކޮށްދިނުމަށް އޭސީސީ އިން ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

އޭސީސީ އިން މިއަދު ބުނީ ނާއިފާއި އަދި ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ ގޮތުގައި ހުންނެވި ހަސަން ވަހީދުގެ މައްޗަށް މިދިޔަ މަހުގެ 30 ވަނަ ދުވަހު ދައުވާކޮށްދިނުމަށް އެދިފައިވާ ކަމަށެވެ.

އޭސީސީ އިން އެދިފައިވަނީ ދެ ބޭފުޅުންގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އުފުލައިދިނުމަށެވެ.

އޭސީސީ އިން ބުނީ މި މައްސަލައިގައި އެ ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށެވެ. އެ ނިންމުން އެ ގޮތަށް ނިންމާފައިވަނީ އޭރު އަމަލުކުރަމުން ދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާއި ހިލާފަށް ކަމަށް އޭސީސީ އިން ދެކެ އެވެ.

އެގޯތި ގަންނަން އެ ގޯއްޗާ އިވެގެން އޮތް ގޯތީގެ ވެރިފަރާތުންނާ އަދި އެހެން ފަރާތަކުންވެސް އެބިން ގަންނަން އެދިފައިވަނިކޮން އެހެން މީހަކަށް ބިން ވިއްކާލީ އުސޫލު އިސްލާހު ކުރަމުންދާ ކަމަށް ބުނުމަށްފަހު ކަމަށްވެސް އޭސީސީ އިން ތުހުމަތު ކުރެ އެވެ.

އޭސީސީ އިން ބުނީ އެ އުސޫލުގައި ބިން ވިއްކުމުގެ ކުރިން ގޯތީގެ ބެހެނިވެރިންނާއި ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންޖެހޭ ކަމަށް ބަޔާންކޮށްފައި އޮންނަ ކަމަށެވެ. ނަމަވެސް އެ ބިން ގަތުމަށް ހުށަހެޅި ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާ ކަމަށާއި އަދި އެކަން ކޮށްފައިވަނީ ބިން ވިއްކި ފަރާތަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމުގެ ބޭނުމުގައި ކަން ތަހުގީގަށް ލިބުނު ހެކިތަކުން އެނގޭ ކަމަށްވެސް އޭސީސީ އިން ބުންޏެވެ.

"ޖުމްލަކޮށް ހަސަން ވަހީދާއި ނާއިފް ޝައުކަތު އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު އެ ދެ ފަރާތުން އެގޮތަށް އަމަލުކޮށްފައިވަނީ އެ ބިން ގަތް ފަރާތަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި އެ އަމަލުތަކުގެ ސަބަބުން އެފަރާތަށް ނާޖާއިޒު މަންފާއެއް ހޯދާދެވިފައިވާކަން ތަހުގީގަށް ހޯދި ހެކިގަރީނާއިން އެނގެ އެވެ،" 2018 ވަނަ އަހަރު ކުރެވުނު ބިމުގެ މުއާމަލާތާ ގުޅޭގޮތުން އޭސީސީ އިން ބުނެފައިވެ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *