logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް2024: އެންމެ މޮޅު އަންހެން އެތްލީޓް އަކަށް ދީމާ

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' އެވޯޑް ފާތިމަތު ދީމާ އަލީ ހާސިލްކޮށްފިއެވެ.

މި އެވޯޑް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން، 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024′ ގެ ނަމުގައި، ޒުވާނުންގެ މަރުކަޒުގައި މިރޭ ބޭއްވި ހާއްސަ ހަފްލާގައި ރައީސް ޑރ މުހައްމަދު މުއިއްޒެވެ.

ރައީސް ޑރ. މުއިއްޒު، ވަނީ 'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2024’ގެ އެންމެ ޝަރަފުވެރި އެވޯޑްތައް ހަވާލުކޮށްދެއްވައިފައެވެ.

މި ހަފްލާގައި ރައީސް ވަނީ، 'ލައިފްޓައިމް އެޗީވްމަންޓް އެވޯޑް' ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. މިއަހަރު ލައިފްޓައިމް އެވޯޑު ލިބިވަޑައިގެންފައިވަނީ އަލްމަރްޙޫމް އަޙްމަދު ޙާފިޒްގެ ހަނދާނަށާއި، އަބްދުއްސައްތާރު ހަސަނަށެވެ.

މީގެ އިތުރުން 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ގޯލްޑް' ހަސިލުކުރެއްވި ފާތިމަތު ދީމާ އަލީ އަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ސިލްވަރ' ހާސިލުކުރެއްވި ފާތިމަތު ނަބާހާ ޢަބްދުއްރައްޒާގަށާއި، 'ސްޕޯޓްސްވުމަން އޮފް ދި އިޔަރ- ބްރޮންޒް' ހާސިލުކުރެއްވި އާމިނަތު ނަބީހާ އަބްދުއްރައްޒާގަށް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒެވެ.

އަދި 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ގޯލްޑް' ހާސިލުކުރެއްވި މުޙައްމަދު ޝައްފާން އިސްމާއިލަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ސިލްވަރ' ހާސިލުކުރެއްވި އަޒްނީން ރަޝާދަށާއި، 'ސްޕޯޓްސްމަން އޮފް ދި އިޔަރ- ބްރޮންޒް' ހާސިލުކުރެއްވި ނިބާލް އަހްމަދަށްވެސް އެވޯޑު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުއިއްޒު އެވެ.

އެވޯޑު ހަވާލުކުރެއްވުމަށްފަހު ރައީސް ވަނީ މި ހަފްލާގައި އެންމެ ޝަރަފުވެރި ދެ އެވޯޑު ހާސިލުކުރެއްވި ދެ ބޭފުޅުންނާއެކު ހާއްސަ ހަނދާނީ ފޮޓޯއެއް ނަންގަވައިފައެވެ.

މި ހަފްލާގައި ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފްވެސް ބައިވެރިވެވަޑައިގެން، ބައެއް ހާއްސަ އެވޯޑުތައް ހަވާލުކޮށްދެއްވާފައިވެއެވެ. އަދި ކުޅިވަރު ދާއިރާގެ ކުރިއެރުމަށް ރާއްވަވާފައިވާ އަދި ފައްޓަވާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު ވަނީ މި ޖަލްސާގައި ވާހަކަފުޅު ދައްކަވައިފައެވެ.

'މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް' އަކީ ކުޅިވަރުގެ ދާއިރާއިން ރާއްޖެއަށް ހިދުމަތްކޮށްދެއްވާފައިވާ އަދި ހިދުމަތްކޮށްދެއްވަމުންދާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވަމުންދާ އެންމެ ޝަރަފްވެރި އިޙްތިފާލެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *