ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުގެ ތެރޭގައި ހިމެނޭ ޓޫރިޒަމް ދާއިރާއިން ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުން ނަގާ ޓެކްސް ބޮޑުކުރުމަށް ގާނޫނަށް ގެންނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮސްފިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) އާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނުން ނަގާ ގްރީން ޓެކްސް އަދި ރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ނަގާ އެއާޕޯޓް ޓެކްސް ބޮޑުކުރުމަށް ގާނޫނަށް އިސްޅާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުސައިން އެވެ.
މިއަދު ފާސްކުރި އިސްލާހުގައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޓީޖީއެސްޓީ) 2025 ޖޫން 1 އިން ފެށިގެން 17 ޕަސެންޓަށް އިތުރުކުރުމަށާއި، 1 ޖެނުއަރީ 2025 އިން ފެށިގެން ގްރީން ޓެކްސް މިހާރު ނަގަމުން އަންނަ އަދަދުގެ 50 ޕަސެންޓަށް އިތުރުކުރުމަށާއި، އޭގެ ތެރޭގައި ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދުތަކުގައި ފަތުރުވެރިން ހޭދަ ކުރާ ކޮންމެ ދުވަހަކަށް އެ ފަތުރުވެރިއެއްގެ އަތުން 12 ޑޮލަރު ނެގޭނެކަމަށް ވަނީ ފާސްކޮށްފައެވެ.
އެއާޕޯޓް ޓެކްސް ނެގުމަށް މިއަދު ގެނައި އިސްލާހުތަކަކީ އިކޮނޮމިކް ކްލާހުން ދަތުރުކުރާ ބިދޭސީންގެ އަތުން 50 ޑޮލަރު، ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓުކްލާހުގައި ދަތުރުކުރާ އެންމެންގެ އަތުން 240 ޑޮލަރު، އަދި ޕްރައިވެޓް ޖެޓުން ދަތުރުކުރާ އެންމެންގެ މީހެއްގެ އަތުން 480 ޑޮލަރު ނެގުމަށް ވަނީ ފާސްކޮސްފައެވެ.