ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށްޓަކައި ހިނގުމަކީ ހުރިހާ އުމުރުފުރައެއްގެ މީހުންނަށްވެސް ވަރައްގިނަ ސިއްޚީ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އާދަވެ ކޮންމެ ދުވަހަކު ކަނޑައެޅޭ ވަކި މިންވަރަކަށް ހިނގާލުމަކީ ހިތުގެ ދުޅަހެޔޮކަމާއި، ބަރުދަން ހިފެހެއްޓުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކޮންމެ މީހަކަށްވެސް މާ ބޮޑު ތަކުލީފުތަކެއް ނެތި ކުރެވިދާނެ ކަސްރަތަކެވެ.
ކަސްރަތެއްގެ ގޮތުގައި ހިނގުން އިހުތިޔާރުކުރާނަމަ އެކި އުމުުރު ފުރާތަކުގެ މީހުން ހިނގުމުގައި ހޭދަކުރަންޖެހޭ ވަގުތު ތަފާތުވެއެވެ. އެގޮތުން އެކި އުމުރު ފުރާތަކުގެ މީހުން ހިނގުމުގައި ހޭދަކުރަންޖެހޭ ވަގުތު ހިމަނާލާނަމަވެ.
18- 30 އަހަރާ ދެމެދު މީހުން
ޒުވާނުންނަކީ އެމީހުންގެ ބުންވަރު ރަނގަޅު އަދި މަސްތަކުގައި ވަރު ހުންނަ މީހުންކަމުން މި މީހުން ހިނގުމުގައި ހޭދަކުރާންޖެހޭ ވަގުތަކީ 30-60 މިނިޓުގެ ވަގުތެކެވެ. އަދި މި އުމުރު ފުރައިގެ މީހުން ހިނގާއިރު ބާރަށް ނުވަތަ ބްރިސްކް ވޯލްކް އެއްގައި ކޮންމެ ދުވަހުކު ހިނގުން މުހިންމެވެ، މި އުމުރުގައި ހިނގުމަކީ ތިމާގެ ބަރުދަން ލުއިކުރުމާއި، ސްޓްރެސް ދަށްކުރުމަށާއި އަދި ހިތުގެ ދުޅަހެޔޮކަމަށް މުހިންމުކަމެކެވެ،
31- 50 އަހަރާ ދެމެދު މީހުން
މި އުމުރު ފުރައިގެ މީހުންނަށްވެސް ކޮންމެ ދުވަހު ހިނގުން މުހުންމެވެ، އެގޮތުން ކޮންމެ ދުވަހަކުވެސް 30-45 މިނިޓް މި އުމުރު ފުރައިގެ މީހުން ހިނގަންޖެހެއެވެ. މި އުމުރު ފުރައިގެ މީހުންގެ ހިނގުމުގެ އާދަތައް މިގޮތަށް ބެހެއްޓުމުން ބަރުދަން ލުއިކުރުމާއި، ގައިގެ މަސްތައް ރީތިކޮށް ޓޯން ވެފައި ހުރުމާއި، ދިގު މުއްދަތަށް ބޭސްކުރާންޖެހޭ ގައިން ގަޔަށް ނާރާ ކޮލެސްޓްރޯލް އަދި ހަކުރުބަލި ފަދަ ބަލިތަކުން ރައްކާތެރިކޮށްދެއެވެ،
51- 65 އަހަރާ ދެމެދު މީހުން
މި އުމުރު ފުރައިގެ މީހުންނަށް ހިނގަން އެންމެ ރަނގަޅީ 30-40 މިނިޓާ ދެމެދު ވަގުތަކަށެވެ. ސަބަބަކީ މި އުމުރު ފުރައިގައި ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނާތީއެވެ، އެގޮތުން މެޓަބޮލިކް ރޭޓް ދަށްވުމާއި މަސްތަކުގެ ބާރު ދަށްވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހިނގުން މި އުމުރު ފުރައަށް ވަރަށް މުހުންމުވެއެވެ. އަދި މި އުމުރު ފުރައިގެ މީހުން ހިނގުމުގައި އެމީހުންގެ ހަށިގަނޑުގައި ވަރު ހުންނަ މިންވަރަށް ބަލައި ހިނގުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ސްޓިކެއް ނުވަތަ ސަޕޯޓެއް ބޭނުންކުރެވިދާނެއެވެ، އަދި އެއްެވެސް ކަހަލަ އިންޖަރީ އަކުން ސަލާމަތްވުމަށްޓަކައި މި އުމުރު ފުރައިގެ މީހުންނަށް ހިނގުމުގެ ކުރިން ވޯމް އަޕް އަދި ހިނގުމަށްފަހު ކޫލް ޑައުން އެކްސައިޒްއެއް ބޭނުންވާނެއެވެ.
66- 75 އަހަރާ ދެމެދު މީހުން
މި އުމުރު ފުރައިގެ މީހުންނަށް ހިނގުމަށް ހޭދަކުރަން އެންމެ އެދެވޭ ވަގުތަކީ 20-30 މިނިޓާ ދޭތެރޭ ވަގުތެކެވެ. އަދި ހިނގަންޖެހެނީ މެދު މިނެއްގައި މަޑުމަޑުންނެވެ. މި އުމުރު ފުރުގައި މީހުން އާންމުކޮށް ކޮންމެ ދުވަހު 20-30 މިނިޓާ ދެމެދު ހިނގާނަމަ އެކަމުގެ ސަބަބުން ހަށިގަނޑު ބެލެންސް ކުރުމާއި، ހެލިފެލިވެ އުޅުމަށް ފަސޭހަވެގެންދެއެވެ. އަދި މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާއި، ވެއްޓުން ފަދަ ކަންކަމުން ދުރުހެލިކޮށްދެއެވެ. އަދި އުމުރުން ދުވަސްވުމުން ހިނގުމުގެ މި އާދަ ގެންގުޅޭނަމަ މިކަމަކީ އުމުރުން ދޮށީ މީހުންގެ މޫޑްވެސް ރަނގަޅު ކޮށްދޭ ކަމެއްކަން ދިރާސާވެރިން ބުނެއެވެ.
75 އަހަރުން މަތީގެ މީހުން
މަޑުމަޑު ހިނގުމެއްގައި ކޮންމެ ދުވަހަކު މި އުމުރު ފުރައިގެ މީހުން 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ދިގުމިނަކަށް ހިނގާލުމަކީ އެމީހުންގެ ހުޅުތަކުގެ ހަރަކާތްތެރިކަމަށާއިމަސްތަކުގެ ބާރު ޖެއްސުމަށާއި، ހަށިގަނޑު ބެލެންސް ކުރުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި ލޭގެ ދައުރުކުރުމަށް ނުހަނު ބޭނުންތެރިކަމެކެވެ. އެފަދަ މީހުން ހިނގުމުގައި އިއްތިޔާރުކުރާ ރޫޓަކީ ރައްކާތެރި ރޫޓަކަށް ވާނެޖެހޭނެއެވެ.
އަދި އެ މީހުން ބޭނުންކުރާ ބޫޓަކީވެސް ރަނގަޅު ރައްކާތެރި ބޫޓަކަށްވެފައި ހިނގަން ނިކުންނައިރު އެހިތެރިއެއް ބޭނުންކުރުމަކީވެސް ވަރަށް މުހިއްމު ކަމެކެވެ.