އިސްރާއިލް ޕާސޕޯޓް މަނާކުރުމުގެ ބިލްގެ މަސައްކަތް ނުކުރައްވާ މަޖިލީހުގައި ބާއްވާފައި އޮންނަ މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސަރުކާރުން އެމެރިކާ ދިދަދައަށް ބޯލަނބަން ޖެހުނީތޯ ސުވާލުކުރައްވައިފިއެވެ.
ފައްޔާޒު އެ މަނިކުފާނުގެ އެކްސް އެކަކުންޓުގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުގެ އިސްރާފުތަކަށް ހަރަދުކުރަން ދުންފަތް ޓެކްސް ބޮޑުކުރުމަށް އޮކްޓޯބަރ 16 ވަނަ ދުވަހު މަޖިލީހަށް ހުށަހަޅައި އެ ބިލުފާސްކޮށް ރައީސުލްޖުމްހޫރީއްޔާ އެ ބިލް ތަންފީޒުކޮށް 21 ދުވަހުގެ ތެރޭގައި ގާނޫނަކަށްވެ އަމަލުކުރަން ފަށާފައިވާއިރު 2 ޖޫން ގައި މަޖިލީހަށް ހުށަހަޅާފައިވާ އިސްރާއިލް ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ނުކުރަށްވާކަމަށާއި، 241 ކޮމެޓީގައި އެ ބިލު އޮންނަތާ 5 މަސްް މިހާރު ވެފައިވާއިރު ސަރުކާރުން ކުރާ ކަމަކީ ރައްޔިތުންނަށް އޮޅުވާލުމަށް އެބިލުގެ މަސައްކަތް އަވަސްކޮށްދިނުމަށް ގޮވާލައި ބަޔާން ނެރުން ކަމަށެވެ.
އަދި އިތުރަށް އެ ޕޯސްޓްގައި ފައްޔާޒު ވިދާޅުވެފައިވަނީ ސަރުކާރުގެ މުނާފިގުކަން މިހާރު މުޅި ދުނިޔެއަށް ހާމަވެފައިވާކަމަށާއި، ސަރުކާރުން އެކަން އެކުރަނީ ރައްޔިތުންނަށް އޮޅުވާލަންތޯ ނުވަތަ ދިވެހި ދިދައިގެ ބަދަލުގައި އެމެރިކާ ދިދައަށް ބޯލަނބަން ޖެހުނީ ތޯއެވެ.
އޮކްޓޮބަރު 16 ގައި މަޖިލީހަށް ހުށަހަޅައި 20 ދުވަސް ތެރޭ ޓެކްސް ބޮޑުކުރި. ސަރުކާރުގެ އިސްރާފުތަކަށް ހަރަދުކުރަން ދުންފަތް އަގުބޮޑުކޮށް 21 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފެށި. ވޭޕް މަނާކުރަން ބޭނުންވުމުން މަޖިލިސް ތެރެއިން ނިންމައި އެކަން ތަންފީޒު ކުރަން ހޭދަވީ 30 ދުވަސް. ނަމަވެސް، 2 ޖޫންގައި ސަރުކާރުން އިއުލާނުކުރި ގޮތަށް އިޒްރޭލު ޕާސްޕޯޓު މަނާ ނުކުރެވޭ. ސަރުކާރުގެ ނިންމުމަށް ފަހު 166 ދުވަސް ހޭދަވެއްޖެ. ޖޫން 10 ގައި މަޖިލީހަށް ބިލު ބަލައިގަނެ 241 ކޮމިޓީގައި ތަޅު އަޅުވާފައި އޮންނަތާ 158 ދުވަސް ހޭދަވެއްޖެ. ސަރުކާރަށް އަހަރެއް ފުރުން ފާހަގަކުރާއިރު ބިލަށް ގޮތެއް ނުނިންމައި ބާއްވާފައި އޮންނަތާ ފަސް މަސް ފާއިތުވެއްޖެ. ފެންނަމުންދަނީ ސަރުކާރު އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ އޮވެ، އެކަމަށް ގޮތެއް ނުނިންމައި ތިބެ އަވަސް ކުރަން ގޮވާލައި ބަޔާން ނެރެ، ރައްޔިތުންނަށް ޕީއެންސީން އޮޅުވައިލާތަން. ނޫނީ ދިވެހި ދިދަޔަށް ނޫނީ ބޯނުލަބާން ވިދާޅުވެ އެމެރިކާގެ ދިދަޔަށް ބޯލަބަންޖެހުނީތޯ ސުވާލު އުފެދޭ. ބިލު ފާސްކުރިޔަސް ނުކުރިޔަސް ސަރުކާރުގެ މުނާފިގުކަން މުޅި ދުނިޔެއަށް ހާމަވެއްޖެ. ސަރުކާރަށް އަހަރުދުވަސް ވާއިރު ދޮގު ހަދައި އޮޅުވައިލުން ހުއްޓާލައި ބިލާ މެދު ގޮތެއް ނިންމަވާ.