ފަލަސްތީނުގެ ރައްޔިތުން ގެއްލުވާލާނެ ކަމަށް ހައްދުފަހަނައަޅާފައިވާ އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރުގެ ކޯލިޝަން ޕާޓީ ކަމުގައިވާ ޔަމީނާ ޕާޓީގެ މެމްބަރު އަދި އެގައުމުގެ ރިލިޖަސް އެފެއަރސްގެ ޑެޕިއުޓީ މިނިސްޓަރު، މަޓަން ކަހާނާ ބުނެފިއެވެ.
އިސްރާއިލުން ގަދަކަމުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އަވަށުގެ އިފްރާތު ސަރަހައްދުގެ "ޑެރެޗް އެވޮޓް" ހައިސްކޫލުގައި ވާހަކަ ދައްކަމުން މަޓަން ކަހާނާ ބުނެފައިވަނީ އޭނާއަށް އެކަނި، ފިތަކަށް ފިތާލައިގެން ކުރެވޭނެ ކަމެެއްނަމަ، ހުރިހާ އަރަބިންތަކެއް ގެއްލުވާލައި، ރޭލަކަށް އަރުވައި ސްވިޒަލޭންޑަށް ފޮނުވާލީސް ކަމަށެވެ.
"އަހަންނަން އެކަނި ކުރެވޭނެ ކަމެއް ކަމަށްވާނަމަ، ހިތަށް އަރާ ފިތެއް ހުންނާނެ ނަމައޭ. އެއަށް ފިތާލުމުން ހުރިހާ އަރަބިން ގެއްލޭނެ ކަހަލަ. ގެއްލުވާލާފަ، އެ މީހުން ރޭލަކަށް އަރުވާލާފަ ސްވިޒަލޭންޑަށް ފޮނުވާލަން. އެތާ އެމީހުން އުފާވެރި ދިރިއުޅުމެއް އުޅުމަށް އަހަރެން އެދެން. އެކަމަކު އެކަހަލަ ފިތެއް ނެތް. ތަގުދީރުގައި އޮތީ މި ދެ ގައުމު އެކުގައި މިތާ އުޅުން. " މަޓަން ކަހާނާ ބުނެފައިވެއެވެ.
މަޓަން ކަހާނާ އިތުރަށް ބުނެފައިވާގޮތުގައި، ފަލަސްތީނާއި އިސްރާއީލުގެ ދެމެދުގައި އަވަސް މުސްތަގުބަލެއްގައި ސުލްހަ ގާއިމްކުރެވޭނެ ކަމަށް އޭނާ ނުދެކޭ ކަމަށެވެ.
"އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި 1967 ވަނަ އަހަރު ބޯޑަރުތައް ހުރި ގޮތަށް އެނބުރި ރުޖޫޢަވެއްޖެ ނަމަ ސުލްހަވެރިކަމާއި އެކު ދިރިއުޅޭ ދެ ގައުމު އޮންނާނެ. އެހެންވެ އަހަރެން މި ބުނަނީ ދެގައުމަށް ހަމަޖެހިގެން ނޫޅެވޭނެއޭ. ހަމަގައިމުވެސް ކައިރި މުސްތަގުބަލެއްގައި އެކަން އެގޮތަކަށް ނުވާނެ." 1967 ގައި އޮތް ހާލަތަށް ކަންކަން ނުދާނެކަން ފާހަގަ ކުރަމުން މަޓަން ކަހާނާ ބުނެފައިވެއެވެ.
މަޓަން ކަހާނާ އިތުރަށް ބުނެފައިވާގޮތުގައި ފަލަސްތީނުގެ އެ ބިމުގައި އެންމެ ފުރަތަމަ ދިރިއުޅުން ފެށީ ފަލަސްތީނުގެ ރައްޔިތުން ކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށާއި އެއީ ތާކުންތާކު ނުޖެހޭ ވާހަކައެއްކަމަށެވެ.
"އެމީހުން (އަރަބިން) އެ ބުނަނީ އެ މީހުން މި ބިމުގައި އުޅެމުންދަނިކޮށް އަހަރެމެން އައިސް އެމީހުން ބޭރުކުރީ އޭ. އެއީ ތާކުން ތާކު ނުޖެހޭ ދޮގު ވާހަކައެއް." ކަހާނާ ބުނެފައިވެއެވެ.
މަޓަން ކަހާނާގެ މި ވާހަކަތަކުން ގިނަ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުންނާއި މުސްލިމުންގެ ނުރުހުން ވަނީ އޭނާ އަށް އަމާޒުވެފައެވެ. އޭނާ މިފަދައިން ފަލަސްތީނުގެ ބިމަކީ އިސްރާއީލުގެ ތަނެއް ކަމަށް ހަދާން އުޅުނު ކަމުގައި ވިޔަސް، ތާރީޚަށް ނަޒަރު ހިންގާލުމުން އިސްރާއީލުގެ ނަމުގައި އެއްވެސް ގައުމެއް ނެތް އިރެއްވެސް ދިޔަކަން ހާމަވެގެންދެއެވެ. އަދި މިހާރު އެމީހުން އިސްރާއީލުގެ ނަންދީގެން އަމިއްލަ ބިމެއްގެ ގޮތުގައި ހަދައިގެން އުޅޭ އެ ބިމަކީވެސް މީގެ އެތައް އަހަރެއް ކުރިން ފަލަސްތީނުގެ ނަމުގައި ދުނިޔޭގެ ޗާޓުތަކުން ފާހަގަކޮށްލެވޭ ބިންކަން ތާރީޚީ ފޮތްތަކުން ހާމަވެއެވެ.