logo minivan

English

ހުކުރު, 19 އޭޕްރިލް 2024

ވާނުވާ ޖަހައި ޖަލުގައި އޮތް ޕެސްޓުގެ އާ ލަވައެއް

ވާނުވާ ޖަހައި ޖަލުގައި ބަހައްޓާފައި ހުރި ރާއްޖޭގެ އެންމެ ބޮޑު ހިޕްހޮޕް ރިކޯޑް ލޭބަލް، ސިމްބޮލިކް ރިކޯޑްސްގެ އެއް ފައުންޑިން އާޓިސްޓް، އަދި 'ރާއްޖޭގެ ރެޕް ރަސްގެފާނު' ގެ ގޮތުގައި މަޝްޙޫރުވެފައިވާ އިސްމާއިލް އިފްހާމް (ޕެސްޓް) ގެ އާ ލަވައެއް ނެރެފިއެވެ.

ހުކުރު ދުވަހު ސިމްބޮލިކް ރިކޯޑްސް އިން ސައުންޑްކްލައުޑް، ޔޫޓިއުބް، ފޭސްބުކް، ޓުވިޓަރ، އިންސްޓަގްރާމް އަދި ޓިކްޓޮކްގައި ނެރެފައިވާ މި ލަވައަށް ދީފައިވާ ނަމަކީ 'ވެރިންގެ ވެރިކަން' އެވެ.

ޕެސްޓް ލިޔެ، ކިޔާފައިވާ މި ލަވައިގައި އިންސާފު ލިބުމުގައި ވެރިންނާއި ރައްޔިތުންގެ ފަރަޤުގެ ވާހަކަ ދައްކާފައިވާއިރު، ދެރަ ނިކަމެތިން ކުރިމަތިލާންޖެހޭ ބޭއިންސާފުގެ ވާހަކަ ވަނީ ބަޔާންކޮށްފައެވެ.

އެގޮތުން ވެރިން މޮޓޯކޭޑާއިއެކު 'ތިން ކާރުގައި' އުޅޭއިރު، ރައްޔިތުންނަށް އޮތީ އިންޒާރާއި ޖޫރިމަނާ ކަމަށް ބުނެފައިވެއެވެ. އަދި ވެރިން 'ޤައުމު ދަވާލިޔަސް' މައްސަލަ ސާބިތުވެއްޖެނަމަ ޙުކުމް އަންނަނީ ފަސޭހަކަމާއި އެކު ގޭގައި ހުރެވޭ ގޮތަށް ކަމަށާއި، ނިކަމެއްޗަކަށް ހަމައެކަނި ކުށެއްގެ ތުޙުމަތު ކުރެވުނު ނަމަވެސް 'ވާނުވާ' ޖަހައި ބަންދުގައި ބާއްވާކަން ލަވައިގައި ވަނީ ފާހަގަކޮށްފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުޙުމަތުކޮށް، 13 ފެބްރުއަރީ 2021 ގައި ހައްޔަރުކޮށް އޭގެ ފަހުން ޕެސްޓުގެ މައްޗަށް 5 ދަޢުވާއެއް އުފުލާފައިވާއިރު، ހައްޔަރު ކުރީއްސުރެ އަދިވެސް ޕެސްޓް އޮތީ ވާނުވާ ޖަހައި ޖަލުގައި ބާއްވާފައެވެ. ބޭސްފަރުވާގެ ބައެއް ކަންކަމަށް މި އަހަރު ކްރިމިނަލް ކޯޓުން ޕެސްޓް ގެއަށް ބަދަލުކުރި ނަމަވެސް ދަޢުލަތުން އެ ނިންމުން އިސްތިޢުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާޠިލް ކޮށްފައެވެ. އެއާއި ގުޅިގެން ގެއަށް ބަދަލުކުރިތާ 10 ވަރަކަށް ދުވަސްތެރޭ ޕެސްޓް ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ޖަލުގައި މި ވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ޕެސްޓް ވަނީ އެކިއެކި ޙައްޤުތައް ކަށަވަރު ނުވާތީ ދެ ފަހަރެއްގެ މަތިން ބަނޑުހައިހޫނުކަމުގެ ހާލުތާލުވެސް ކޮށްފައެވެ. އެގޮތުން ދޫނިދޫގައި ހުރިއިރު ބޭސްފަރުވާގެ ކަންކަން ހަމަނުޖެހިގެން 4 ދުވަސް ވަންދެން ޕެސްޓް ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށްފައެވެ. އަދި އޭގެ ފަހުން ކްރިމިނަލް ކޯޓުން އޭނާ ރިމާންޑް ޖަލަކަށް ބަދަލުކުރަން އަމުރުކުރިތާ ދެ މަސްދުވަސް ވީއިރުވެސް ރިމާންޑް ޖަލަކަށް ބަދަލުނުކޮށް ދޫނިދޫގައި ބޭއްވުމުން ޕެސްޓް ވަނީ 8 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުކޮށްފައެވެ.

ޕެސްޓްގެ މައްޗަށް އުފުލާވައިވާ ދަޢުވާގެ ޝަރީއަތް ކުރިއަށް ނުދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި މިހާތަނަށް ޕެސްޓް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ކަނޑައެޅުމަށް ޕީޖީން ބޭނުންކޮށްފައިވާ އުޒުރަކީ ޕެސްޓް އަކީ މުޖުތަމަޢުއަށް ނުރައްކާތެރި މީހެއް ކަމަށް ޕީޖީން ބުނާ ބުނުން ކަމުން، މި މައްސަލައިގައި އޭނާއާ ދެކޮޅަށް އެކަށޭނަ ހެކި ނެތް ކަމަށް ޤާނޫނީ ބައެއް ބޭފުޅުން ލަފާކުރައްވައެވެ.

ސިމްބޮލިކް ރިކޯޑްސް އިން ބުނީ ޕެސްޓްގެ އިތުރު ލަވަތައްވެސް ކުރިއަށް އޮތް ތާނގައި ރިލީޒް ކުރާނެ ކަމަށެވެ. އަދި ޖަލުގައި ހުއްޓަސް ކުރިއެކޭ އެއްފަދައިން ޕެސްޓް އަބަދުވެސް އާދައިގެ ރައްޔިތުމީހާގެ ޙައްޤުތަކަށް ގޮވާލައި އަޑު އުފުލާނެ ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *