ރިޔާސީ އިންތިޚާބު ބޯމަތިވުމުން، އަދުގެ އެމްޑީޕީ ސަރުކާރުންނާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ލީޑަރުން ގައުމިއްޔަތުގެ ވާހަކަ ދެއްކިޔަސް، އެފަރާތްތަކުން ގައުމަށް ދިން އަނިޔާއަށް ރައްޔިތުން މައާފު ނުކުރާނެކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހްމަދު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުންގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުކުރައްވަމުންދާ މި ދަނޑިވަޅުގައި ވަހީދު ވަނީ އެއީ ރިޔާސީ އިންތިހާބާއި ދިމާކޮށް ގައުމު ދެކެވާ ލޯތްބެއް ކަމަށް ބުނެ އެފަރާތްތަކަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން ވަހީދު ވިދާޅުވީ، ރިޔާސީ އިންތިޚާބަށް އަހަރަކަށް ގާތްވުމުން ސަރުކާރު ކޯލިޝަންގައި ތިބި ލީޑަރުން ސަރުކާރުން ކަންކަން ކުރަމުން އަންނަ ގޮތް ގޯސްކޮށް ގައުމިއްޔަތުގެ ވާހަކަ ދައްކަން ފައްޓަވާފައިވާކަމަށެވެ.
އެހެން ނަމަވެސް، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ލީޑަރުންނާއި، ސަރުކާރަށް ވާގިވެރިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މިހާ ދުވަސް ވަންދެން ގައުމަށް ދިން އަނިޔާ ރައްޔިތުން ހަނދާން ނުނެތޭކަމަށާއި، އެފަދަ ލީޑަރުންނަށް ރައްޔިތުން މައާފު ނުކުރާނެކަމަށެވެ.
މިއާއެކު، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާއި، އެ ޕާޓީއާއި ގުޅުން އޮންނަ ސިޔާސީ ޕާޓީތަކަށް ރައްޔިތުން ސާބިތުކަމާއެކު ނޫނެކޭ ބުނަންޖެހޭކަމަށް ވިދާޅުވެ ވަހީދު ވަނީ ރައްޔިތުން ގައުމާއި މެދު އިހުމާލުވި ސިޔާސީ ލީޑަރުންނަށް ނޫނެކޭ ބުނާނެކަމުގެ ޔަގީންކަން އޮތްކަންވެސް ފާހަގަކޮށްފައެވެ.
ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި، އެމްޑީޕީގެ ލީޑަރުންގެ އާއިލީ ބޭފުޅުންނަށް ބަދުއަޚުލާގީ އަމަލުތައް ހިންގާކަމުގެ ތުހުމަތުތައް ކުރެވުމާއި ގުޅިގެން ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުގެ ލީޑަރުން ވަނީ އެމްޑީޕީއާއި މި ސަރުކާރަށް ފާޑުވިދާޅުވާން ފަށާފައެވެ. އެގޮތުން ސަރުކާރުގެ އެންމެ ބޮޑު ހިއްސާ އޮންނަ އެއް ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީން ރޭ "ތައްޔާރު" ނަމުގައި ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ ދައުލަތުގެ ތެރޭގައި ނަހީކުރެއްވި ކަންކަން ހިނގަމުން ދަނީ އެއްވެސް ލިމިޓެއް ނެތި ކަމަށް ބުނެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ސަރުކާރަށް ބަހުގެ ހަމަލާ ދެމުން ދިޔަ ނަމަވެސް އެއްވެސް ޕާޓީއަކުން ސަރުކާރާއި ވަކިވިކަން އަދި އިއުލާން ކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ވަހީދު އެ ކަަކުތަ؟