logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލިވަޕޫލުން ލީގުގައި ފުރަތަމަ މޯޅު ހޯދީ 9 ގޯލު ޖަހައިގެން ރިކޯޑަކާއެކު!

އިނގިރޭސި ޕްރިމިއާ ލީގުގައި ބޯންމައުތު ކޮޅަށް 9 ލަނޑު ޖަހައިގެން މި ސީޒަންގެ ލީގުގައި ލިވަޕޫލުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. ލީގުގައި ކުޅުނު ފުރަތަމަ 3 މެޗުން ލިވަޕޫލް މޮޅެއް ނުވެއެވެ. ފުރަތަމަ 2 މެޗް ނިމުނީ އެއްވަރު ވެގެންނެވެ. ތިން ވަނަ މެޗް މެންޗެސްޓަރ ޔުނައިޓެޑް އަތުން 2-1 ބަލިވީއެވެ. ނަމަވެސް ބޯންމައުތާ ދެކޮޅަށް ލިވަޕޫލުން ނިކުމެ އެޓީމަށް އަމާޒުވަމުން ދިޔަ ފާޑުކިޔުންތަކަށް ވަނީ ވަރުގަދަ ރައްދެއް ދީފައެވެ.

ލިވަޕޫލަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ބޮލުން ޖެހި ގޯލުންނެވެ. އޭގެ 3 މިނެޓް ފަހުން މެޗްގެ ހަ ވަނަ މިނިޓްގައި އެޓީމްގެ 2 ވަނަ ލަނޑު ޖެހީ 18 އަހަރުގެ ހާވީ އެލިއަޓް އެވެ. މެޗުގެ 28 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން 3 ވަނަ ލަނޑު ޖެހީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑެވެ. މި 3 ގޯލްވެސް ޖަހަން ފުރުޞަތު ތަނަވަސްކޮއްދިނީ ރޮބާޓޯ ފިރުމީނިއޯއެވެ. މި މެޗްގައި އެޓީމުގެ 4 ވަނަ ލަނޑު 31 ވަނަ މިނިޓްގައި ޖެހީ މެޗްގައި މޮޅު ކުޅުމެއް ދެއްކި ބްރެޒިލްގެ ރޮބާޓޯ ފިރްމީނޯއެވެ. މި މެޗްގައި އޭނާ 2 ލަނޑު ޖަހާފައެވެ. ލިވަޕޫލްގެ 5 ވަނަ ލަނޑު ފުރަތަމަ ހާފުހުގެ އިތުރުވަގުތުގައި ޖެހީ ވާޖިލް ވެން ޑައިކެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއްގެ ތެރޭގައި ބޯންމައުތުގެ ކްރިސް މެފަޕް އަތުން ބައިކޮޅަށް ވަން ގޯލާ އެކު ނަތީޖާ 6-0 ބަދަލުވިއެވެ. މެޗުގެ 62 ވަނަ މިނިޓްގައި ފިރްމީނޯ ލިވަޕޫލްގެ ހަތް ވަނަ ގޯލު ޖެހިއިރު، މިއީ އޭނާ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ. 80 ވަނަ މިނެޓްގައި ލިވަޕޫލްގެ އަށް ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފަބިއޯ ކަވާލިއޯ އެވެ. އެންމެ ފަހު ގޯލް 85 ވަނަ މިނެޓްގައި ޖެހީ ފުރަތަމަ ގޯލް ޖެހި ކޮލަމްބިއާގެ ލުއިސް ޑިއާޒް އެވެ. ފަހު 2 ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮއްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގްރީސްގެ ކޮސްޓާސް ސިމިކާސް އެވެ.

މިއީ ޕްރިމިއާ ލީގުގެ ތާރީހުގައި ޓީމެއް ނުވަ ގޯލުން މޮޅުވި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ 1995 ވަނަ އަހަރު އިސްޕްވިޗް ޓައުން އާއި މިދިޔަ ސީޒަނުގައި ސައުތެމްޓަން އަތުން ނުވަ ގޯލުން މޮޅުވެފަ އެވެ. އަދި ލެސްޓާ އިން 2019 ވަނަ އަހަރު ސައުތެމްޓަން ދަނޑުގައި ނުވަ ގޯލުން މޮޅުވި އެވެ.

ރޭ ކުޅުނު އެހެން މެޗްތަކަށް ބަލާއިރު މެންޗެސްޓަރ ސިޓީ ވަނީ 4-2 ލަނޑުން ކްރިސްޓަލް ޕެލަސްގެ މައްޗަށް ކުރި ހޯދާފައެވެ. މި މެޗްގައި ސިޓީގެ ހާލަންޑް ވަނީ ހެޓްރިކް ހަދާފައެވެ. 10 ކުޅުންތެރިންނާއެކު ކުޅުނު ޗެލްސީން ލެސްޓަރ ސިޓީގެ މައްޗަށް 2-1 ކުރި ހޯދި އިރު އާސެނަލް ވަނީ 2-1 އިން ފުލަމްގެ މައްޗަށް ކުރި ހޯދާ ޖެހިޖެހިގެން 4 ނަމަ މޮޅު ހޯދާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *