logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ލިވާތު ކުރާ މީހުން ޝަރީޢަތް ނިމެންދެން ބަންދުކުރަންޖެހޭ!

އެޑިޓަރުގެ ނޯޓު: މި ލިޔުމަކީ ޤާނޫނީ ވަކީލު އަލްއުސްތާޒު ޝަޒީމް ވަހީދު ލިޔުއްވާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓް މި ނޫހުގައި ޝާއިރުކުރެވިފައި ވަނީ އެފަރާތުގެ ހުއްދައާ އެކުގައެވެ.

ލިވާތުކުރުމަކީ މާތް ވެގެންވާ އިސްލާމް ދީނުގައި އެންމެ ބޮޑަށް ނަޙީކުރައްވާފައިވާ އެންމެ ބޮޑެތި ފާފައިގެ ތެރެއިން ފާފައެކެވެ. އިސްލާމީ ޝަރީޢަތުގައި ލިވާޠުކުރާ މީހާގެ ޙުކުމަކީ މެރުމެވެ. ނުވަތަ ރަޖަމުކުރުމެވެ. މާތްވެގެންވާ އިސްލާމްދީނުގައި އަނބިފިރިކަމުގެ ގުޅުން ހުއްދަކުރެއްވުމުގެ ޙިކުމަތަކީ އިންސާނީ ދަރިފަސްކޮޅު އޮޅުން ބޮޅުންވިޔަ ނުދީ ދެމެހެއްޓުމެވެ. ޖިންސީ އެދުން ފުއްދުމުގައި އެންމެ ރައްކާތެރިކަން ބޮޑު ގޮތަކީވެސް ޝަރުޢީ ކައިވެނީގެ ގުޅުމެވެ.

ދިވެހިރާއްޖޭގެ ޤާނޫނުތަށް ހަދަންޖެހެނީ އިސްލާމީ ޝަރީޢަތާއި ފުށުނާރާ ގޮތުގެ މަތީންނެވެ. ޤާނޫނު އަސާސީގެ 70 ވަނަ މާއްދާއަށް ބަލާއިރު، ޤާނޫނު ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލިހަށް އޮތް ބާރެވެ. ޤާނޫނު ހެދުމުގައިވެސް އިސްލާމް ދީނުގެ އަސްލަކާއި ޚިލާފުނުވާނެ ގޮތުގެ މަތީން ޤާނޫނު ހެދުމާއި ޤާނޫނު އިޞްލާޙުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެކެވެ.

ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ ބުނާގޮތުން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މަޞްދަރަކީ އިސްލާމީ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތާއި ޚިލާފު ނުވަތަ ތަޢާރުޒުވާ ޤާނޫނަކަށް ދިވެހިރާއްޖޭގައި ޢަމަލެއް ނުކުރެވޭނެއެވެ. ރައްޔިތުންގެ މަޖިލީހުން ހަދާ ޤާނޫނުތަކާއި އެއްގޮތަށް ޙުކުމްކުރަންޖެހެނީ ޝަރުޢީ ކޯޓުތަކެވެ. ޤާނޫނު އަސާސީގެ 142 ވަނަ މާއްދާއަށް ބަލާއިރު، ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނު އަސާސީ އާއި ޤާނޫނަށެވެ. ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބަޔާންކޮށްފައި ނެތް ކަމެއްގައި އިސްލާމީ ޝަރީޢަތަށް ރުޖޫޢަވެވިދާނެކަމުގައި އެމާއްދާގައި ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ ޖިނާޢީ ޢަދަލުގެ ނިޒާމުގައި ޢަމަލުކުރެވޭ ޤާނޫނުތަކަކީ ބޮޑެތި މައްސަލަތަކެއްހުރި ޤާނޫނުތަކެވެ. އެމައްސަލަތަށް މެދުވެރިވަނީ ޤާނޫނުތަކަށް ޢަމަލުކުރުމުގައި ހަމަނުޖެހުމާއި، ޤާނޫނު ތަޠުބީޤުކުރުމުގައި ހަމަހަމަނުވުމާއި، އެއްކުށެއްގެ މައްޗަށް އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނުތަށް ހެދުމުގެ ސަބަބުން ޤާނޫނީ މުޅި ނިޒާމު އޮޅުން ބޮޅުންވާތީއެވެ.

އިސްލާމީ ޝަރީޢަތަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ މަޞްދަރުކަމުގައިވިއަސް، އިސްލާމީ ޝަރީޢަތުގައި ލަޢުނަތްލެއްވި ބޮޑެތި ފާފަ ކުށްތަކަކީ ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ބުނާގޮތުން ބޮޑެތި ކުށްތަކެއް ނޫނެވެ. މިސާލަކަށް ބަލާނަމަ، ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުން ފަދަ ކުށްތަކެވެ.

ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާ ބުނާ ގޮތުން، ޖިނާޔަތުގެ 1 އަދި 2 ވަނަ ދަރަޖައިގެ ގޮތުގައި ޤާނޫނުލް ޢުޤޫބާތުގައި ކަނޑައަޅާފަވާ ކުށްތަކާއި، އެހެން ޤާނޫނެއްގައި 10 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަށް ޖަލަށްލުމުގެ އަދަބު ކަނޑައެޅޭ ކޮންމެ ކުށެއް ޖިނާޢީ ބޮޑު ކުށެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް، ޒިނޭކުރުމުގެ ކުށާއި އެއްޖިންސުން ގުޅުން ހިންގުމުގެ ކުށް އެކުށްތަކުގެ ތެރޭގައި ނުހިމެނެއެވެ.

ލިވާތުކުރުމުގެ ކުށް ކަނޑައެޅެނީ ޖިންސީ ކުށުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުންނެވެ. އެމާއްދާ ބުނާގޮތުން، މީހަކު ޖިންސީ ޢަމަލެއް އޭނާއާ އެއްޖިންސުގެ މީހަކާއެކު ހިންގުމަކީ ކުށެއްކަމުގައެވެ. އެކުށަށް އަދަބު ކަނޑައަޅަނީ އެޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) އަދި (ރ) ގެ ދަށުންނެވެ. އެމާއްދާތަކަށް ބަލާއިރު، ރުހުމުގައި އެއްޖިންސުން ގުޅުން ހިންގައިފިނަމަ، ކަނޑައެޅޭ އަދަބަކީ، 5 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެން ނަމަވެސް، މީހެއްގެ ނުރުހުމުގައި އެމީހަކާމެދު އެއްޖިންސުން ޖިންސީ ޢަމަލެއް ހިންގުމުގެ އަދަބަކީ، 7 އަހަރާއި 10 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ވީމާ، މިބުނެވުނު ޖިންސީ ކުށުގެ ޤާނޫނުގެ އަދަބުތަކާއި ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ދ) ގެ ނައްޞަށް ބަލާއިރު، އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމަކީ ޖިނާޢީ ބޮޑު ކުށެއް ނޫނެވެ.

ލިވާޠުކުރުމާއި ޒިނޭކުރުމަކީ ޖިނާޢީ ބޮޑު ކުށެއްކަމުގައި ޤާނޫނުގައި ކަނޑައަޅަންޖެހޭ ބޮޑެތި ކުށްތަކެއް:  

އެއްޖިންސުން ޖިންސީ ޢަމަލު ހިންގުމާއި ޒިނޭކުރުމަކީ ޖިނާޢީ ބޮޑެތި ކުށްތަކުގެ ގޮތުގައި ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައި ކަނޑައަޅަންޖެހޭ ކުށްތަކެވެ. ޤާނޫނީ ވަކީލަކު ނުވަތަ ލޭމަނަކު ވިއަސް ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ފަރުމާކުރިއިރު، އެސަބަބު ދޫކޮށްލެވިފައި އޮތުމަކީ ބޮޑު މައްސަލައެކެވެ.

އިސްލާމްދީނުގައި ކަބާއިރުގެ ދަރަޖައިގާ ޙަރާމްކުރައްވާފައިވާ ކުށްތަށް ޙަރާމްކުރައްވާފައިވަނީ ހަމަ އިންސާނުންގެ ރައްކާތެރިކަމަށްޓަކައެވެ. އެފަދަ ކުށްތަށް ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބޮޑެތި ޖިނާޢީ ކުށްތަކުގެ ގޮތުގައި ގިންތި ކޮށްފައިނެތީ ޤާނޫނު ހެދި ބަޔެއްގެ ނުވަތަ ޤާނޫނުގެ ކޮރުކަމުންކަމެއް ނޭނގެއެވެ.

ޒިނޭކުރާ މީހާއަކީ، މާތް ރަސްކަލާނގެ ރަޙްމަތުން ބޭރުކުރައްވާފައިވާ މީހާއެވެ. އެއީ، އެންމެ ބޮޑު އަބާއްޖަވެރިކަމެވެ. އެފަދަ މީހަކަށް މާތް ރަސްކަލާނގެ ލަޢުނަތް ލެއްވިއެވެ. ޒިނޭކުރުމާއި އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުން ޞިއްޙީ ގޮތުން ބެލިޔަސް ނުރައްކާތެރި އެތަކެއް ބަލިތަކެއް ފެތުރެއެވެ. މިސާލަކަށް ބަލާއިރު، އެއިޑްސް ބައްޔަކީ ޒިނޭކޮށްގެން ފަސޭހައިން އަރާ ބައްޔަކެވެ. އެބަލި އެއްޖިންސުން ގުޅުން ހިންގުމުގެ ސަބަބުންވެސް އެރުން ގާތެވެ. މިބަލީގެ އާޚިރު ނަތީޖާއަކީ، މަރެވެ.

ދިރާސާތައް ދައްކާގޮތުން، ލިވާތުކުރުމަކީ ނުރައްކާތެރި ބޮޑެތި ބަލިތައް އެންމެ ބޮޑަށް ފަހިކޮށްދޭ ކަމެވެ. ފަހުގެ ދިރާސާ ދައްކާގޮތުން، ލިވާޠުކުރުމަކީ ޞިއްޙީ ގޮތުން "ގްރޭޓަރ ރިސްކް" ގެ ގޮތުގައި ގިންތިވެސް ކޮށްފައިވާކަމެކެވެ. ލިވާޠުކުރުމުގެ ސަބަބުން މިވީ 20 އަހަރުތެރޭގައި އެންމެ ގިނައިން ފެތުރިފައިވަނީ ހެޕަޓައިޓަސް ބީ، ސިފިލިސް އާއި އެޗް. އައި. ވީ އެއިޑްސް ބައްޔެވެ.

މިފަދަ ބަލިތަށް ޖެހުނުކަމުގައިވީނަމަވެސް ޢަލާމާތެއް ނުފެނި އެތަކެއް ޒަމާނެއް ވެގެން ހިނގައިދެއެވެ. އެހެން ވުމުގެ ސަބަބުން، މުޅި މުޖުތަމަޢު ޞިއްޙީ ބޮޑު ނުރައްކަލަކަށް ވެއްޓި ހިނގައިދެއެވެ.

ވީމާ، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގުމާއި ޒިނޭކުރުންފަދަ ބޮޑެތި ޖަރީމާ ކުށްތަކަކީ މުޅި މުޖުތަމަޢުއަށްވެސް ބިރުހުރި ޖިނާޢީ ބޮޑެތި ކުށްތަކެއްކަމުގައި ކަނޑައަޅަންޖެހޭނެއެވެ. އެކުށްކުރާ މީހުންނަކީ ތަޙްޤީޤު މަރުޙަލާއާއި ޝަރުޢީ މަރުޙަލާގައިވެސް މުޅި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ބަންދުގައި ތިބެންޖެހޭނެ ބައެކެވެ.

މިއަދު ދިވެހިރާއްޖޭގައި ހާމަވަމުންމިދާ ލިވާޠުކުރުމުގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންގެ ޞިއްޙީ ޙާލަތެއް ބުނެދޭކަށް ނޭނގެއެވެ. އަލަމްގިރިއޭ ކިޔުނު ބިދޭސީ މީހަކާއެކު އެތައް ބަޔަކު ލިވާޠުކުރިއިރު އެމީހުންގެ ޞިއްޙީ ޙާލަތު ކަމާބެހޭ އިދާރާތަކުން ބަލަންޖެހޭނެކަމުގައި ދެކެމެވެ. އެމީހުންގެ ކިބައިން މުޅި މުޖުތަމަޢުއަށް އޮތް ނުރައްކާތެރިކަން ކިތަންމެހާވެސް ބޮޑެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *