logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފުލުހުން
ކުއްލި ޚަބަރު

ޤާނޫނާއި ޚިލާފަށް ހެކި ހޯދާފަވާތީ، ޖިންސީ ގުނަވަނުގައި ހަރުކޮށްގެން އެތެރެކުރި ކަމުގައި ބުނާ މަސްތުވާތަކެތީގެ ދައުވާ ސާބިތުނުވި

2019 ވަނަ އަހަރުގެ ކުރީކޮޅު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކުރި މީހެއްގެ މައްޗަށް ދައުލަތުން ދަޢުވާކުރި ޑައިމޯފިންގ ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާގައި، ޤާނޫނާއި ޚިލާފަށް ފުލުހުން ހެކި ހޯދާފަވާތީ، ދަޢުވާލިބޭ މީހާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމައިފިއެވެ.

ދަޢުވާ ސާބިތުނުވާކަމަށް ކޯޓުން ޙުކުމްކޮށްފަވަނީ، ހެކި ހޯދުމުގައި ފުލުހުން ހަދާފައިވާ ބޮޑެތި ގޯސްތަކުގެ މައްޗަށެވެ. އެދަޢުވާގައި، ކުށް ސާބިތުނުވާކަމުގައި ކޯޓުން ކަނޑައެޅުމުގައި، އެންމެ ބޮޑަށް ބުރަވެފައިވަނީ، ހެކިންގެ ހެކިބަހުގައި ހުރި ބޮޑެތި މައްސަލަތާއި ޗެއިން އޮފް ކަސްޓަޑީ ސިލްސިލާ ބްރޭކްވެފައިވުމުގެ މައްޗަށެވެ.

ދަށު ކޯޓުގެ ދަޢުވާގައި ފުލުހުންގެ ހެކިބަސް އަދާކުރި ގޮތުން، ދަޢުވާލިބޭ މީހާ ހިފެހެއްޓުމަށްފަހު، މަތި މަތިން ބަލާފާސްކުރިއިރު، މަސްތުވާ އެއްވެސް އެއްޗެއް ފެނިފައިނުވެއެވެ. އެހެން ނަމަވެސް، އިންޓެލިޖެންސުން ދިން މައުލޫމާތެއްގެ މައްޗަށް ބުރަވެ، ތުހުމަތުކުރެވޭ މީހާގެ ޖިންސީ ގުނަވަން ބަލާފާސްކުރުމަށްޓަކައި ނެރުނު އަމުރެއްގެ ދަށުން، އެއަރޕޯޓު މަރިޔާދު ރެސްޓޯރެންޓަށް ދަޢުވާލިބޭ ފަރާތް ވެއްދުމަށްފަހު، ފުލުހުން އެމީހާ ގާތުން ބަލާފާސްކުރިއެވެ. އަދި، ދަޢުވާ ލިބޭ ފިރިހެންމީހާގެ ފިރިހެން ހައްޓާއި އުރަވަޅިއާއި އެއްކޮށްވާގޮތަށް އޮޅާފައި ޓޭޕްއަޅާފައި އޮތްކަމުގައި ބުނެ މަސްތުވާތަކެތި ހޯދީއެވެ.

ދަށު ކޯޓުގައި ދަޢުވާލިބޭ މީހާގެ ދިފާޢީ ވަކީލެއްގެ ގޮތުގައި ވަކާލާތުކުރެއްވި ޤާނޫނީ ވަކީލު ޝަޒީމް ވަޙީދު ބުނެފައިވަނީ، ހެކި ހޯދުމުގައި ފުލުހުން ޢަމަލުކޮށްފައިވަނީ ޤާނޫނާއި ފުލުހުންގެ ޤަވާޢިދުތަކާއި މުޅިން ޚިލާފަށެވެ. އެގޮތުން، ފުލުހުންބުނާ ގޮތުން މަސްތުވާތަކެތި ހޯދާފައިވަނީ ދަޢުވާލިބޭ މީހާ ގާތުން ބަލާފާސްކޮށްގެންނެވެ. އެހެން ނަމަވެސް، ދަޢުވާލިބޭ ފަރާތް ގާތުން ބަލާފާސްކުރީ އެއަރޕޯޓު ކެފޭ ފާޚާނާ ތެރެއަށް ވައްދާފައިކަމަށެވެ. އޭރުވެސް ފުލުހުން އަމަލުކުރަމުން އައި ޤަވާޢިދުގެ ދަށުން، ގާތުން ބަލާފާސްކުރެވޭނީ ފުލުހުންގެ މަރުކަޒެއްގައި ނުވަތަ ހޮސްޕިޓަލެއްގައި އެކަމަށް ޚާއްޞަ ތަނެއްގައެވެ.

ފުލުހުން ދަޢުވާލިބޭ މީހާ ގާތްގަނޑަކަށް ދޮޅު ގަޑިއިރުވަންދެން އެއަރޕޯޓްކެފޭ ތެރޭގައި ހިފަހައްޓާފަވާއިރު، ފުލުހުންގެ މަރުކަޒަށް ދަޢުވާލިބޭ މީހާ ހާޒިރުކޮށް ގާތުން ބަލާފާސްކުރަންވެސް އެކަށީގެންވާ ވަގުތުވެސް ލިބުނެވެ. އެހެން ނަމަވެސް، ފުލުހުން އެގޮތަށްވެސް އަމަލެއްނުކުރިއެވެ. ފުލުހުން އޭރުވެސް އަމަލުކުރަމުން އައި ޤަވާޢިދު ބުނާގޮތުން، ގާތުން ބަލާފާސްކުރާނަމަ، އެކަމާގުޅޭ ރެކޯޑު ދަޢުވާލިބޭ ފަރާތްތަކަށް ދޭންޖެހޭނެއެވެ. އެރެކޯޑުގައި ގާތުން ބަލާފާސްކޮށްގެން ފެނުނުތަކެތީގެ ތަފްޞީލު ހިމަނަންޖެހޭކަމުގައިވާއިރު، ދަށު ކޯޓުގެ ދަޢުވާގައި ދަޢުވާލިބުނު މީހާއާމެދު ފުލުހުން އެގޮތަށްވެސް އަމަލުކޮށްފައިނުވާކަމުގައި ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު ބުނެފައިވެއެވެ.

ދަޢުވާގައި ބުނާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ އެންމެ މުހިންމު ހެއްކެވެ. ޗެއިން އޮފް ކަސްޓަޑީ ބްރޭކް ވެއްޖެނަމަ، މީހެއްގެ މައްޗަށް ކުށް ސާބިތުނުކުރެވޭނެއެވެ. ދަށު ކޯޓުގެ ދަޢުވާލިބުނު ފަރާތުގެ އަތުން މަސްތުވާތަކެތި އޭނާގެ ހަށިގަނޑުން ފުލުހުން ނެގިކަމުގައި ބުނާއިރު، އެތަކެތި އެކެއްގެ އަތުން އަނެކެއްގެ އަތަށް ދައުރުވިގޮތްވެސް ފުލުހުންގެ ހެކިބަހުން އަދި ޗެއިން އޮފް ކަސްޓަޑީއިން ސާފުވާކަށް ނެތްކަމުގައި ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު ބުނެފައިވެއެވެ.

ޖިނާޢީ މައްސަލަތަކުގައި ފަނޑިޔާރުންގެ ދައުރަކީ ޤާނޫނު އަސާސީ އާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ޝަރީޢަތް ހިންގުމެވެ. ޤާނޫނާއި ޚިލާފަށް ހޯދޭ ހެއްކަކީ ޝަރީޢަތުން ބަލައިގަނެވޭނެ ހެއްކެތް ނޫނެވެ. އެކަން، ޤާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ބަޔާންކުރެއެވެ. މިފަދަ ޖިނާޢީ އެތަކެއް މައްސަލަތަކެއްގައި، ކުށް ސާބިތުނުވަނީ ފުލުހުން ހަދާ ބޮޑެތި ގޯސްތަކާހެދިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *