logo minivan

English

ހޮނިހިރު, 20 އޭޕްރިލް 2024

ފާއިތުވި 4 އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން އެތައްހާސް ވަޒީފާއެއް ވަނީ އުފެދިފައި: ރައީސުލްޖުމްހޫރިއްޔާ

ފަތުރުވެރިކަމުގެ ދާއިރާއިން ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެތައްހާސް ވަޒީފާއެއް އަލަށް އުފެއްދިއްޖެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެންވިދާޅުވީ، ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާގައި ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ދައުލަތުގެ އިސްވެރިންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގެ ބާނީންނާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އިސްބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ފުރަތަމަ ފަހަރަށް ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 17 ނޮވެމްބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިސޯޓާއި 471 ގެސްޓް ހައުސް ހުޅުވާފައިވާ ކަމަށެވެ. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދު ކަމަށާއި، އެ ތަންތަން ހުޅުވުމާއެކު، ފަތުރުވެރިކަމާ ގުޅުން ހުރި އެހެން ދާއިރާތަކުންވެސް، އިތުރު އެތައް ހާސް ވަޒީފާއެއް އުފެދިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އޮތް ހިސާބަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިސޯޓާއި، 3 ޔޮޓް މެރީނާ އާއި 13 ޓޫރިސްޓު ހޮޓަލާއި 721 ގެސްޓް ހައުސް ހިންގަމުންދާ ކަމަށެވެ. އޭގެ އިތުރުން ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި 147 ޓޫރިސްޓް އުޅަނދާއި 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ދާއިރު، ފަތުރުވެރިކަމުގެ އެނދުގެ ޢަދަދަށް ބަލާއިރު މިހާރު 57436 އެނދު އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚާއި އަދި ފަތުރުވެރިކަން ފެށިގެން މިއަދާއި ހަމައަށް އައި ގޮތުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި ވިދާޅުވީ، ރާއްޖޭގެ އިޤުތިޞާދު ހަލުވި ދުވެލީގައި ކުރިޔަށް ގެންދިޔަ މައި އިންޖީނަކީ ފަތުރުވެރިކަމުގެ ސިނާޢަތުކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީންނަށް މިއަދު ޝުކުރު އަދާކުރައްވަން ޖެހިވަޑައިގަންނަވަނީ އެހެންވެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ޕްރައިވެޓް ސެކްޓަރގެ ބައިވެރިވުމާއެކު ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް މިޞިނާޢަތު ސިންދަފާތުކުރުން ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސާލު މުޅި ރާއްޖެއަށް ފަތުރައިލުމަކީ އެއް އަމާޒު ކަމަށާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން ހަނިމާދޫ އެއާޕޯޓާއި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި، ގަން އިންޓަރނޭޝަލް އެއާޕޯޓުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވައިގެ ބަނދަރުތައް ތަރައްޤީވެ، ސީ ޕްލޭންގެ ވިއުގަ ފުޅާވެ، އާރް.ޓީ.އެލް ފެރީތަކުން މުޅި ރާއްޖެ ގުޅާލެވިގެންދާއިރު، ރަށު ފަތުރުވެރިކަމަށް މިހާރަށް ވުރެ މާ ފަހި ފުރުޞަތުތަކެއް އޮންނާނީ ހުޅުވިފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހި ފަތުރުވެރިކަމުގެ ކޮލިޓީ އާއި އިތުބާރު ހިފެހެއްޓުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެއް އަދި ޤައުމީ ވާޖިބެއް ކަމަށާއި، އެއީ، ދިވެހިރާއްޖެއާ މެދު ފަތުރުވެރިން ޝައުޤުވެރިވާ ސިފަތައް އެ ގޮތުގައި ދެމެހެއްޓުން ކަމަށެވެ. އަދި ރާއްޖެއަށް ފަތުރުވެރިން ޝައުޤުވެރިކުރުވާ އެންމެ މުހިންމު ސިފަތަކަކީ، ދިވެހިންގެ މެހްމާންދާރީ އާއި މިރާއްޖޭގެ އަމާންކަމާއި ޞުލްޙަ މަސަލަސްކަން ފާހަގަކުރައްވައި، އެ މަތިވެރި ޒިންމާއަށް ދިވެހި ހުރިހާ ރައްޔިތުން ވެސް ސަމާލުވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" އިފްތިތާޙްކޮށްދެއްވައި، އެ އެވޯޑް ލިބިވަޑައިގެންނެވި 6 ފަރާތަކަށް އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެ ވަޑައިގެން، "މޯލްޑިވްސް ޓޫރިޒަމް އެވޯޑް" ލިބިވަޑައިގެންނެވި ބައެއް ބޭފުޅުންނަށް ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި 3 އޮކްޓޫބަރު ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގައި ފުރަތަމަ ޓޫރިސްޓު ރިސޯޓެއް ހުޅުވުނީ އެދުވަހުގައި ކަމަށްވާތީއެވެ. މާލެ އަތޮޅު ވިހަމަނާފުށީގައި، ކުރުނބާ ވިލެޖްގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓް ހުޅުވުނީ، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *