logo minivan

English

ހޮނިހިރު, 27 ޖުލައި 2024

"ޗެއިން އޮފް ކަސްޓަޑީ" އާގުޅޭ ސްޕްރީމްކޯޓުގެ ޑިރެކްޝަނަކީ ދައުލަތުގެ ހެކިން ހެކިބަސް ދިނުމަށްވެސް ދެވޭ ޑިރެކްޝަނެއް: ލޯޔަރު ޝަޒީމް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ހޯދާ މަސްތުވާތަކެތީގެ ޗެއިން އޮފް ކަސްޓަޑީ ނެތް ޙާލަތެއްގައި ނުވަތަ ޗެއިން އޮފް ކަސްޓަޑީ އާމެދު ސުވާލު އުފެދޭ ހާލަތެއްގައި، އެތަކެތި ގެންގުޅުނު ފަރާތްތަށް ކޯޓަށް ހާޒިރުކޮށް ހެކިބަސްދީފިނަމަ، ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވީކަމުގައި ބެލެވޭނެކަމުގައި ސުޕްރީމް ކޯޓުން ނެރެފައިވާ، ޕްރެކްޓިސް ޑިރެކްޝަނަކީ، ދައުލަތުގެ ހެކިން ހެކިބަސް ދިނުމަށް ދީފައިވާ ޑިރެކްޝަނެއްކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމު ވަހީދު ވިދާޅުވެއްޖެއެވެ.

ދިފާއީ ވަކީލެއްގެ ގޮތުން ބޮޑެތި ގިނަ މައްސަލަތަކެއް ކާމިޔާބު ކުރައްވާފައިވާ ވަކީލު ޝަޒީމް ވަހީދު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނެރެފައިވާ ޕްރެކްޓިސް ޑިރެކްޝަނާއި ގުޅިގެން މަސްތުވާތަކެތީގެ މައްސަލަތަކަށް ދަށު ކޯޓުތަކާއި ހައިކޯޓުން ނިންމުމުގައި މީގެ ފަހުން، ޗެއިން އޮފް ކަސްޓަޑީގައި ހިމެނޭ ހުރިހާ ހެކިން ހާޒިރުކޮށް ހެކިބަސް ނަގަންޖެހޭނެކަމުގައި ބެލެވޭ ކަމަށެވެ. ސަބަބެއް ކަމަށް ވަކީލު ވިދާޅުވެފައިވަނީ ޗެއިން އޮފް ކަސްޓަޑީ އަކީ ފުލުހުން ހޯދާ މަސްތުވާތަކެތި ސީނުން ނެގުމާއި ހަމައަށް ލެބޯޓަރީން ތަޙްލީލުކޮށް ރިޕޯޓު ތައްޔާރުކުރުމާއި ހަމައަށް އެވިޑެންސާއެކު އެޓޭޗް ކުރެވޭ އެންމެ މުހިންމު ކިތާބީ ހެކި ކަމަށެވެ.

މި ޕޯސްޓާ ގުޅިގެން މި ނޫހުން ވަކީލު ޝަޒީމާ ސުވާލުކުރުމުން ވިދާޅުވެފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކަކީ، މީހެއްގެ މައްޗަށް އަދަބު ކަނޑައެޅޭ އެންމެ ހަރުކަށި ކުށްކަމުގައިވާތީ، ޝަރީޢަތުގެ ފަހުގެ މަރުހަލާއެއްގައި ޗެއިންގައި ހިމެނޭ، ހެކިންގެ ހެކިބަސް ފަހުން ނަގައިފިނަމަ، ވަކި ގޮތަކަށް ހެކިބަސް ދިނުމަށް އެހެކިންނަށް ފުރުސަތު ފަހިކޮށްދެވެނީއެވެ.

"މީގެ ކުރީގައިވެސް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ރޫލިންގ އެއްގައި އެބައޮތް، މަސްތުވާތަކެތީގެ މައްސަލައަކީ، އެންމެ ހަރުކަށި އަދަބުދެވޭ ކުށް ކަމަށް. އެހެންވީމާ، ޝަރީޢަތުގެ ފަހުގެ މަރުހަލާއެއްގައި، ޗެއިންގައި ހިމެނޭ ފަރާތްތަށް ޝަރީޢަތަށް ހާޒިރުކޮށް ހެކިބަސް ނަގާނަމަ، ދުރާލައި ހެކިބަސް ވަކި ގޮތަކަށް ރާވާލައިގެން ދިނުމަށް، ދައުލަތުގެ ހެކިންނަށް ޑިރެކްޝަން ސުޕްރީމް ކޯޓުން އެވަނީ ދެވިފަ. ހަމައެކަނި ޗެއިންގައި ހިމެނޭ ފުލުހުންގެ ހެކިބަސް އެކަނި ނުފުދޭނެ. ވެގެންވަންޏާ އެވިޑެންސް ރައްކާކުރާ ކޮންމެ ލޮކަރެއް ހުންނަ ތަނެއްގެ ސީސީޓީވީ ފުޓޭޖްވެސް ހުށަހަޅަންޖެހޭނެ." ވަކީލު ޝަޒީމް ވިދާޅުވިއެވެ.

ޗެއިން އޮފް ކަސްޓަޑީ އާގުޅޭ ގޮތުން މާބޮޑެތި ޤަވާޢިދުތަކެއް ނުވަތަ އުޞޫލެއް ދިވެހިރާއްޖޭގެ ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ތަފްޞީލު ކޮށްދީފައި ނުވެއެވެ. ހަމައެކަނި ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަނަކުން، ވަކި އުޞޫލެއް ޤާއިމުކޮށްދިނުމަކީ، ހަމަޖެހޭ ކަމެއް ނޫންކަމުގައި ގިނަ ޢަދަދެއްގެ ޤާނޫނީ ވަކީލުން ދަނީ ފާހަގަކުރަމުންނެވެ. އެގޮތުން، ޤާނޫނީ ވަކީލު މާނިއުވެސް ވަނީ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަނާއި ގުޅިގެން، އެފަދަ ޑިރެކްޝަނެއް ނެރުމުގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓަށް ނެތްކަމުގައި ވިދާޅުވެފައެވެ.

މިފަހަކަށް އައިސް ޖިނާޢީ މައްސަލަތަކުގައި ހައިކޯޓާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކާހުރެ، ޖިނާޢި އިޖުރާއާތުގެ ޤާނޫނުގެ ބާރު ކެނޑިއްޖެކަމުގައި ބުނެވެސް އެތަކެއް ޤާނޫނީ ވަކީލުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑިރެކްޝަނަށް ޢަމަލުކުރަން ފެށުމާއެކު، މަސްތުވާތަކެތީގެ މައްސަލަތަކުގައި، ކުށް ސާބިތުވާ ރޭޓް އިތުރުވެގެންދާނެކަމުގައި މިހާރު ބެލެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *