logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މުޅި ގައުމުގެ ފޯކަސް "ފޯޅަވައްސައް"

ފޯޅަވަހި ޖަޒީރާއާމެދު މޮރިޝަސް އާއި އިނގިރޭސިންނާ ދެމެދު އޮތް ކޯޅުމާ ގުޅިގެން، ފޯޅަވަހި ޖަޒީރާއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް ICJ އިން މިހާރު ވަނީ ނިންމުމެއް ނިންމާފައެވެ. އަދި އެ ނިންމުމަށް އަލިފުދާލުގެ ގިނަ ގައުމުތަކުން މިހާރު ވަނީ ތާއީދު ވެސް ކޮށްފައެވެ. ރާއްޖެއިން ވެސް އިހަށްދުހު ހާމަކުރިގޮތުގައި، އެ ކޯޅުމުގައި ކުރިން އިނގިރޭސިންނާއެކު ތިއްބަސް ރާއްޖެއިން މިހާރު ބޭނުން ވަނީ މޮރިޝަސްގެ އަތުގައި ހިފާށެވެ.

މިހާރު ރާއްޖޭގެ ކުރިމަތީގައި އޮތް މައްސަލައަކީ ITLOS ގައި ހިނގަމުންދާ، ފޯޅަވަހި ޖަޒީރާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދީ އިން ކަނޑައެޅުމަށް މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައެވެ. ރާއްޖޭގެ ދެކުނުން ރާއްޖޭގެ ސަރަހައްދީ އިން، ފޯޅަވަހި ޖަޒީރާގެ އިމަށް އަރާ ނުވަތަ ފުށުއަރާ މައްސަލައެވެ.

ކަނޑުގެ ސަރަހައްދީ އިމުގެ ފުށުއުރުން އާންމުކޮށް ހައްލުކުރާ އުސޫލުން، ފުށުއަރާ ހިސާބު ހަމަހަމައަށް ދެބަައިކޮށްލައިފި ނަމަ ރާއްޖޭގެ ސަރަހައްދީ އިމުން ބައެއް އުނިވީއެވެ.

މިހެންވެ ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރެވެން އޮތް ފަސޭހަ ގޮތަކީ ފުށުއެރުމާމެދު ގޮތެއް ނުނިންމައި އިން ވަކިނުކޮށް ބޭއްވުން ކަމަށް ގަބޫލުކުރެވެއެވެ. ފޯޅަވަހި ޖަޒީރާގެ މައްސަލައިގައި ރާއްޖެއިން އިނގިރޭސިންނާއެކު ތިބެން ޖެހުނީ މި ސަބަބަށްޓަކައި ކަމަށް ބެލެވެއެވެ. އެހެނީ އެ ސަރަހައްދުގެ އިން ކަނޑަނޭޅިގެން އިނގިރޭސިން ނޫޅޭތީއެވެ. މޮރިޝަސް މޮޅުވެއްޖެ ނަމަ މިއަދު މި ދެކޭ ދުވަހާ ބައްދަލު ވެދާނެތީއެވެ. މޮރިޝަސްއިން އިމުގެ ކަންތަކާ އުޅެފާނެތީއެވެ.

ވީމާ ރާއްޖެއިން އިނގިރޭސިންނާއެކު ތިބުމުގެ ބޭނުމެއް މިހާރަކު ނެތްތާއެވެ. މޮރިޝަސް އާއި އިނގިރޭސިންނާ ދެމެދު އޮތް މައްސަލަ މޮރިޝަސް ކޮޅަށް ނިމި ގިނަ ގައުމުތަކުން ވެސް އެ ގޮތަށް ރުހުން ދީ ނިންމާފައި ވާތީއެވެ.

ރާއްޖެއިން މިހާރު ވިސްނަން ޖެހެނީ މިހާރު ހިނގާ ސަރަހައްދީ އިމުގެ މައްސަލައިގައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރެވޭނެ ގޮތެއް ހޯދުމަށެވެ. ރާއްޖޭގެ ސަރަހައްދުން ޒައްރެއްގެ ވަރުވިޔަސް އުނިވުމަށް ރާއްޖެއަށް ރުހެވެން ނޯންނާނެތީއެވެ. ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރެވެން އޮތް ޔަގީނީ މަގަކީ ITLOS ގައި މިހާރު ހިނގާ އިމުގެ މައްސަލަ މޮރިޝަސްއިން ނެގުންކަމަށް ފެނެއެވެ. އެ ކަމައިގެން މޮރިޝަސްއިން ނޫޅުމެވެ.

ފޯޅަވަހި ޖަޒީރާއާމެދު ICJ އިން ނިންމާފައިވާ ނިންމުމާމެދު އަލިފު ދާލުގައި ރާއްޖެއިން މޮރިޝަސްއާއެކު އޮތަސް ނެތަސް އެޔަކުން އެ ގައުމަށް ވާނެ ސީދާ ގެއްލުމެއް ފައިދާއެއް ވެސް ނޯންނާނެއެވެ. މޮރިޝަސްއާއެކު އޮތުމުގެ މަސްލަހަތު އޮތީ ރާއްޖެއަށެވެ.

ރާއްޖެއިން މޮރިޝަސްގެ އަތުގައި ހިފަައި، ސަރަހައްދީ އިމުގެ މައްސަލައަށް ITLOS ގެ ބޭރުން ހައްލު ހޯދުމަށް މަސައްކަތް ފެށުމަކީ ރަނގަޅު މުހިއްމު ނިންމެކެވެ. ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ މައްޗަށް ބިނާވާ ނިންމުމެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *