ގއ. ނިލަންދޫއަށް އުފަން ޝަޒީމް ވަހީދަކީ ކުރިމިނަލް ބޮޑެތި މައްސަލަތަކުގައި ދިފާޢީ ވާކީލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ހުނަރުވެރި ވަކީލެކެވެ. އުމުރުން 29 އަހަރުގެ ޝަޒީމްގެ ޒުވާން ދައުރުގައި އޭނާ ގެންދަނީ ވަރަށް ސީރިއަސް އަދި ބޮޑެތި ޖިނާއީ މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ގޮތުގައި ތަފާތު ދައްކަމުންނެވެ. މިއިންޓަވިއުއަކީ ޒުވާން ވަކީލުންގެ މަސައްކަތްތަކަށް ދެވޭ ހިތްވަރެއް ކަމަށް ދެކެމެވެ. އިންޓަވިއު ކިޔާލާށެވެ.
ޝަޒީމްގެ ޤާނޫނީ ދާއިރާގެ ތަޖުރިބާގެ ކުރު ތަޢާރަފެއް ކިއުންތެރިންނަށް ކިޔާލަދީބަލަ!
ޝަޒީމް: 2015 ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމާއެކު ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙްޤީޤުކުރާ ފަރާތެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމަށްފަހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އުފެދުމާއެކު އެކޮމިޝަންގެ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކޮށްފައިވާނެ. އަދި އެއަށްފަހު، މިއަދާ ހަމައަށްވެސް މަސައްކަތްކުރަމުން އަންނަނީ ކޯޓުތަކުގައި ވަކާލާތުކުރާ ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުން. ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގައި މިހާރު ފަސް އަހަރު ދުވަސް މި ހޭދަވީ. ވަކިން ޚާއްޞަކޮށް ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ދިފާޢީ ވަކީލެއްގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކޮށްފައިވާނެ.
ރާއްޖޭގެ މިހާރުގެ ޤާނޫނީ ވެށި ސިފަކުރައްވާނީ ކޮން ގޮތަކަށްތޯ؟
ދިވެހިރާއްޖޭގެ މިހާރު ޤާނޫނީ ވެށި ނުވަތަ ޤާނޫނީ ނިޒާމު މިއަދު މިއޮތީ ވަރަށް ބޮޑަށް ވާދަވެރިވެ، އެކި އެކި ފިކުރުތަކުގެ މީހުންނާއެކު ސިޔާސީ ކުލަވަރު ޖެހިފަ. ޤާނޫނީ ދާއިރާގައި މިއަދު އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޤާނޫނު ހަދާ މަޖިލިސް. ޤާނޫނު ހަދާ މަޖިލީހަކީ ދައުލަތުގެ 3 ބާރުގެ ތެރެއިން އެއްބާރުކަމުގައިވާއިރު، ޤާނޫނީ ދާއިރާއިން އެއްވެސް ތަޢުލީމެއް ތަޖުރިބާއެއްނެތި ތިބޭ ބޭފުޅުން ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބުކުރެވިފައިވާތީ، ޤާނޫނު ހެދުމާއި، ޤާނޫނުތަކަށް އިޞްލާޙު ގެނައުމުގައި ބޮޑެތި ހުރަސްތަކެއް އަދި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ. ޤާނޫނަކީ މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި ދިމާވާ މައްސަލަތަކުގައި ޙައްލު ހޯދުމަށް އޮންނަ މުހިންމު ވަޞީލަތްކަމުގައިވާއިރު، ޤާނޫނު ހެދުމުގައި ޤާނޫނީ ދާއިރާގެ ޢިލްމާއި ތަޖުރިބާހުރި މެޖޯރިޓީ ޢަދަދަކަށް ބޭފުޅުން ޤާނޫނު ހަދާ މަޖިލީހުގައި ތިބުން ކޮންމެހެން ލާޒިމް ކަމަށް އަޅުގަނޑު ދެކެން. ޤާނޫނު ހެދުމާއި ޤާނޫނަށް ބަދަލު ގެނެސް ޤާނޫނު އިޞްލާޙުކުރުމުގައި ސިޔާސީ ފިކުރަށް ބެލުން ޢާންމުވެފައިވާއިރު، މުޖުތަމަޢުގެ ފައިދާއާއި މަޞްލަޙަތަށް ވިސްނައި، އިޚްލާޞްތެރިކަމާއެކު ޤާނޫނު ހެދުމުގެ މަސައްކަތްކުރާ މެމްބަރަކު ނެތް.
ރާއްޖޭގައި ދުޅެހެޔޮ ޤާނޫނީ ވެއްޓެއް ބިނާކުރާނީ ކިހިނެއްތޯ؟
ދިވެހިންނަކީ ޤާނޫނަށް ނުފަރިތަ ބައެއް. ޤާނޫނަށް އަހުލުވެރި ބަޔެކޭ ނުބުނެވޭނެ. ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަށް ގެޒެޓްކުރުމާއެކު އެޤާނޫނު ޢާންމުކޮށް ޝާއިޢުވީކަމުގައި ބަލާ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި ދުޅަހެޔޮ ޤާނޫނީ ވެއްޓެއް ޤާއިމުކުރެވޭނީ ޤާނޫނަށް ދިވެހިން އަހުލުވެރިވެގެން. ޤާނޫނެއް ޢާންމުކޮށް ޝާއިޢުކުރުމާއެކު، އެޤާނޫނެއްގެ މަޢުލޫމާތު ރައްޔިތުންނަށް ޢާންމުކޮށް ގެނެވޭނެ ހަރުދަނާ އިންތިޒާމްތަކެއްވެސް ނެތް. އެފަދަ ކަމެއްގައި ޒިންމާވެރިވެ ޒިންމާ އުފުލާނެ ބަޔަކު ނެތީ. ވަޒީފާގެ ދާއިރާއަށް ބެލިކަމުގައި ވީނަމަވެސް، ވަޒީފާއާބެހޭ ޤާނޫނަކީވެސް މިހާރުން މިހާރަށް އެތަކެއް އިޞްލާޙުތަކެއް ގެންނަންޖެހިފައިވާ ނުވަތަ ވަޒީފާއާބެހޭ މުޅިން އައު ޤާނޫނެއް ހަދަންޖެހިފައިވާ ޤާނޫނެއް.
ޖިނާޢީ އިޖުރާއަތާއި މަދަނީ އިޖުރާއަތަށް ގެންނަން މަޖުބޫރު ކަންތައްތަކަކީ ކޮބާ؟
ޖިނާޢި އިޖުރާއާތަށް ގެންނަން މަޖުބޫރު ކަންތައްތަކަކީ، ޖިނާޢީ އިޖުރާއާތުގައި ބަޔާންކޮށްފައިއެވާ އިޖުރާއާތުތަކާއި ޚިލާފުވެއްޖެނަމަ، ޢަމަލުކުރަންޖެހޭނެ ގޮތް ޖިނާޢީ އިޖުރާއާތުގެ ޤާނޫނަށް ގެނައުން. އެއީ، މިސާލަކަށް ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން ދަޢުވާކުރުމަށްޓަކައި ޤާނޫނު ފަހިކޮށްދީފައިވާ މުއްދަތުތަކާއި، ކޯޓަށް ދަޢުވާ ބަލައިގަތުމަށްފަހު އިބްތިދާއީ އަޑުއެހުމާއި، ޝަރީޢަތް ހިންގުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ މުއްދަތުތަކާއި، ޚުލާޞާ ބަޔާން އިއްވުމަށްފަހު ޙުކުމްކުރުމާ ދެމެދު އެހިނގާ މުއްދަތުތަކަށް ޢަމަލުނުކުރާނަމަ، ދެން ޢަމަލުކުރާނޭ ގޮތެއް ނެތް. ކޮންމެ ގޮތެއްވިއަސް، ޖިނާޢީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކޯޓަކުން ޢަމަލު ނުކޮށްފިނަމަ، ބައެއްގެ ޙައްޤުތަކެއް ގެއްލޭނެ. ދަޢުވާއަށް އިޞްލާޙު ގެނައުމުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހަށް ދީފައިވާ އިޚްތިޔާރީ ބާރު ކޯޓަކަށް މައްސަލަ ވެއްދުމާ ހަމައިން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ނުލިބޭގޮތަށް ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް އިޞްލާޙުތަކެއް ގެންނަންޖެހޭ. އަދި، މީގެ އިތުރުން ދައުލަތުގެ ހެކިވެރިން ޙާޟިރު ކުރުމުގައި ހަރުދަނާ އުޞޫލުތަކެއް ޖިނާޢީ އިޖުރާއާތުގެ ޤާނޫނަކު ނެތް. ޢާންމުކޮށް ހެކިވެރިން ޙާޟިރު ނުވުމަކީ އަޑުއެހުމެއް ކެންސަލްވުމުގެ މައިގަނޑު ސަބަބެއް. އަދި، މީހެއްގެ ބަންދާމެދު ގޮތެއް ކަނޑައަޅާއިރުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނެ ކަމާގުޅުންހުރި މާއްދާތަކަށް ފަނޑިޔާރުން ކޮންމެހެން ރިޢާޔަތްކުރުން ލާޒިމުވާގޮތަށް މާއްދާއެއް ނުވަތަ މާއްދާތަކެއް ޖިނާޢީ އިޖުރާއަތުގެ ޤާނޫނަށް ގެންނަންޖެހޭ. އަދި، ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގެ މާއްދާތަށް މާނަކުރުމުގައި އެއްވެސް ޤަވާޢިދަކުން ހަނި ނުކުރެވޭނެފަދަ ގޮތަކަށް ޖިނާޢީ އިޖުރާއާތުގެ ޤާނޫނު ބައްޓަންކުރެވިފައި އޮންނަންޖެހޭ.
ތަހުޤީޤީ ދާއިރާގެ ހުރި ބަރުހެލި އަދި ނޫފުބެދޭ ކަންތައްތަކަކީ ކޮބާ؟
ތަޙްޤީޤި ދާއިރާ އަށް ބަލާނަމަ، މައްސަލަ ތަޙްޤީޤުކުރާ ފަރާތުން މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަކާމެދު ދެކޭ ގޮތަކީ މުހިންމު ކަމެއް. މައްސަލައެއް ތަޙްޤީޤުކުރުމަކީ ފޮރުވިފައިވާ ކަމެއްގެ ޙަޤީޤަތް ހޯދުން. މައްސަލައެއް ތަޙްޤީޤުކުރަން ފެށުމުގެ ކުރިން އެމައްސަލައަކާމެދު އެއްވެސް އެއްޗެކޭ ބުނުމަށް ނުވަތަ ތުހުމަތުކުރެވޭ ފަރާތަކީ ކުއްވެރިޔާކަމުގައި ކަނޑައަޅާކަށް ތަޙްޤީޤުކުރާ އެކަކަށްވެސް ނޭނގޭނެ. އެހެން ނަމަވެސް، ދިވެހިރާއްޖޭގައި ތަޙްޤީޤުކުރާ ފަރާތްތަކުން، ތަޙްޤީޤުކުރަން ފުރަތަމަ ފައްޓަނީވެސް، ތުހުމަތުކުރެވޭ ފަރާތަކީ ކުއްވެރިޔާ ކަމުގައި ކަނޑައަޅައިގެންކަން ފާހަގަކުރެވޭ.
ޕްރޮސެކިއުޓަ ޖެނެރަލްގެ ޤާނޫނަށް ބަދަލު ގެންނަން ޖެހޭތޯ؟
ޕްރޮސެކިއުޓަ ޖެނެރަލްގެ ޤާނޫނަށް އިޞްލާޙު ގެނެސް ޕްރޮސެކިއުޓަ ޖެނެރަލަކީ އެމީހެއްގެ ބެކްގްރައުންޑްގައިވެސް އެއްވެސް ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެފައިވާ އެއްވެސް ސިޔާސީ ފިކުރަކަށް ތާއީދުކޮށްފައިވާ މީހަކު ކަމުގައި ވެގެންނުވާނެކަމުގައި، ޤާނޫނަށް އިޞްލާޙުތަކެއް ކޮންމެހެންވެސް ގެންނަންޖެހޭ. އަދި ދަޢުވާލިބޭ ފަރާތްތަކުގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް މަސައްކަތްކުރަންޖެހޭ ފަރާތެއްކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ވާންޖެހޭނެ. އަދި، ޖިނާޢީ މައްސަލަތަކުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފައިނުވާ ވަކީލުންނަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޕްރޮސެކިއުޝަންގެ ވަޒީފާދިނުމާއި، ކޯޓުތަކުގައި ޖިނާޢީ މައްސަލަތަކުގައި ވަކާލާތު ކުރެވިގެން ނުވާނެ ގޮތަށް ޤާނޫނަށް އިޞްލާޙު ގެންނަންޖެހޭ. ދަޢުވާކުރުމުގައި ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނު ބުނާއިރު، މިފަހަކަށް އައިސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުންކުރާ ދަޢުވާތަކަކީ، ހަމަހަމަކަމާއެކު އިންޞާފުވެރިކަމާއެކު ކުރެވިފައިވާ ދަޢުވާތަކެއްކަމުގައި ނުދެކެން. އަދި، ޕްރޮސެކިއުޓަރުންގެ ސުލޫކީ މައްސަލަތަށް ބެލި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ޤާނޫނުގެ ތެރެއިން ކޮންމެހެންވެސް ގެންނަން ޖެހޭނެ.
މަދަނީ ދާއިރާއިން ރާއްޖެއަށް ތަޢާރަފުވާން ޖެހޭ އާ ޤާނޫނުތަކަކީ ސިޔާސަތު ތަކަކީ ކޮބާ؟
މަދަނީ އިޖުރާއާތުގައި، އެންމެ ބޮޑު ގޮންޖެހުމަކީ ޢަމަލުކުރެވޭނެ ސިވިލް ޕްރޮސީޖަރ ކޯޑެއް ދިވެހިރާއްޖޭގައި ނެތުން. މިހެންވުމުގެ ސަބަބުން ބޮޑެތި ބޮޑެތި ދަތިތަކާއި ކުރަމަތިލާންޖެހޭ. ސިވިލް ޕްރޮސީޖަރ ކޯޑެއް އޮތުމަކީ، މަދަނީ މައްސަލައެއްގައި މައްސަލަ ދިމާވާ ހިނދުން ފެށިގެން ކޯޓަކަށް މައްސަލަ ހުށަހެޅުމާއި، މައްސަލަ ބަލައިގަތުމާއި، އަޑުއެހުންތަށް ކުރިއަށް ގެންދިއުމާއި، ޙުކުމްކުރުމާއި ހަމަޢަށް ޢަމަލުކުރާނޭ ގޮތެއް ކަނޑައެޅިފައިއޮތުމެވެ. މިއީ، ދިވެހިރާއްޖޭގެ މަދަނީ އިޖުރާއާތުގެ ނިޒާމުގައި ކޮންމެހެންވެސް ބޭނުންތެރިކަމެއް.
ޖަލުތަކާއި ޕެރޯލުއަދި ރީހެބިލިޓޭޝަންގެ ދާއިރާއަށް ހުރި ޤާނޫނީ ގޮންޖެހުންތަކަކީ ކޮބާ؟
ޖަލުތަކުގެ ޙާލަތު ދަށްވުން. ކަސްޓޯޑިއަލް ޖަލުތަކާއި އެޖަލުތަކުން ލިބޭ ޚިދުމަތްތުގެ ދަތިތަކާއި އިދާރީ އިންތިޒާމްތަކުގެ ދޯދިޔާކަން. ރިމާންޑް ޖަލުތަކުގެ ގޮތުގައި ޤާނޫނުގައި ބުނާފަދަ ޚިދުމަތްތަށް ލިބެން ހުރީ ދެ ޖަލަކުން. ވީމާ، ރިމާންޑް ޖަލުތަކުގެ ޢަދަދު މަދު. ޖަލުތަކުން ޤައިދީންނަށް ކެއުމާއި ބުއިމަކީ އިންސާނީވަންތަ ކެއުމަށާއި ބުއިމަށް ހެޔޮވާވަރު ކާތަކެތިކަމުގައިވާންޖެހޭނެ. ޤައިދީންއަތުން ފައިސާ ހޯދުމުގެ ބޭނުމުގައި ރިމާންޑް ޖަލުތަކުގައި ޝޮޕް ހިންގުމުގެ ބޭނުމެއްނެތް. ޖަލުތަކުން ލިބޭ ޞިއްޙީ ފަރުވާއަކީ ޕެނަޑޯލް ގުޅައެއް ނުވަތަ ޕެއިންކިލާއެއް ކަމުގައި ވެގެންނުވާނެ. ހަރުދަނާ ޞިއްޙީ ފަރުވާލިބޭނެ ސްޕެޝަލިސްޓުންގެ ޚިދުމަތް ލިބެންވާނެ.
ޕެރޯލް؛
ޕްރޯލް ލިބޭނެ ކުށުގެ ގިންތި ދަށްކޮށް، ޤައިދީންގެ އަޚްލާޤާއި ސުލޫކަށް ބަލައި ފަސޭހައިން ޕެރޯލްގެ ފުރުޞަތު ފަހިކޮށްލިބޭނެ އިންތިޒާމްތަކެއް ހަމަޖެހެންވާނެ. ޕެރޯލް ފުރުޞަތު ލިބުމަށް ޤާނޫނުބުނާ ޙުކުމް މުއްދަތު ލުއިކުރުމަކީ ކޮންމެހެންވެސް ލާޒިމުކަމެއް.
ރިހެބިލިޓޭޝަން؛
ރިހެބިލިޓޭޝަންއަށް ބަލާނަމަ، އިންސާނީ ވަޞީލަތްތަކާއި މުވައްޒަފުންގެ ދަތިތަށް ހުރިކަން ފާހަގަކުރެވޭ. ރިހެބިލިޓޭޝަން ސެންޓަރުތައް އިނގިލިން ގުނާލެވޭހާ މަދު. ފަރުވާ ފުރުޞަތު ބޭނުންވާ ފަރުވާ ފުރުޞަތު ޙައްޤުވާ އެތަކެއް ބަޔަކު ތިބިއިރު، މުވައްޒަފުންނާއި ޖާގައިގެ ދަތިކަމަކީ ފަރުވާ ފުރުޞަތުތަކަށް އޮތް ހުރަހެއްކަމުގައި ވެގެންނުވާނެ.
ޝަރުއީ ދާއިރާއަށް އިތުބާރު ބޮޑުކުރެވޭނީ ކިހިނެއް؟ އެކަމަށް ހުރި ގޮންޖެހުންތަކަކީ ކޮބާ؟
ޝަރުޢީ ދާއިރާގެ ޤަދަރާއި ހައިބަތު ދަމަހައްޓައިގެން. ޝަރީޢަތްކުރާ ފަނޑިޔާރުންގެ މުސްތަޤިއްލުކަން ދަމަހައްޓައިގެން. ޖުޑިޝަރީއަކީ އެންމެ މުހިންމު އެއް ބާރު. ވީމާ، މިދާއިރާއަށް، ފަނޑިޔާރުން ޢައްޔަނުކުރުމާއި، ފަނޑިޔާރުންގެ ފެންވަރު ބެލުމާއި، ޕްރޮމޯޝަންދިނުމާއި، ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުމާއި، ފިޔަވަޅު އެޅުމާއި، ވަކިކުރުމުގައި ހަރުދަނާ ނިޒާމެއް ޤާނޫނަކުން ޤާއިމުކުރެވިގެން. ނޫސްތަކުގައި ފަނޑިޔާރުންނާއި ގުޅޭގޮތުން ލިޔާ ލިޔުންތަކުގައި މަޞްދަރު އެނގޭނެފަދައިން ލިޔުން ބުއްދިވެރި. މީޑިއާ އަދި ސިޔާސީ ޕޯޑިއަމްތަކުގައި ފަނޑިޔާރުންނާއި ގުޅޭގޮތުން ކޮންމެ ކޮންމެ ވާހަކައެއް ދެކެވިގެންނުވާނެ. އަދި، އެފަދަ ވާހަކައެއް ދައްކައިފި މީހެއްގެ މައްސަލަތަށް ބެލޭނެ ނިޒާމެއް އޮންނަންޖެހޭނެ. ޝަރީޢަތްތަށް ކުރާއިރު ޢާންމުކޮށް ހުޅުވާލައިގެން ޝަރީޢަތް ކުރެވެންވާނެ. އެއީ، ކޯޓުގެ ދޮރު ހުޅުވާލައިގެން. އަދި، ޝަރީޢަތްތައް ޓީވީން ލައިވްކުރެވޭނެ އިންތިޒާމްތައް ހުރުމަކީ ޤާނޫނު ލާޒިމްކަމެއްކަމުގައި ހަދަން ޖެހޭނެ.
ޤާނޫނީ ވަކީލުންނަށް ހޯދައިދޭން ޖެހޭ އާފުރުސަތުތަކަކީ ކޮބާ؟
ޤާނޫނީ ވަކީލުން ތަމްރީނުކުރުމުގައި ހަރުދަނާ ނިޒާމެއް ނެތް. ޤާނޫނީ ވަކީލުކަން ކިޔަވަންފަށާ ހިނދުން ފެށިގެން ޤާނޫނީ ވަކީލެއްގެ ގާތުގައި ޤާނޫނީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ހޯދުން މުހިންމު. އަދި، ޤާނޫނީ ވަކީލުންނަށް ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގުމާއި، ޤާނޫނީ ދާއިރާގެ ފޮތްތައް ފަސޭހައިން ލިބޭނެ އިންތިޒާމްވެސް ހަމަޖެހިފައި އޮންނަންވާނެ. ޤާނޫނީ ވެބްސައިޓްތަކަށް ފަސޭހައިން އެކްސެސްވެވޭނެ އިންތިޒާމް ހަމަޖެހިފައިއޮތުން މުހިންމު. ކޯޓުތަކުގައި ވަކާލާތުކުރަން ފެށުމުގެ ކުރީގައި، ޤާނޫނީ ވަކީލުކަމުގެ ހުވާކުރާ ވަކީލުންނަށް މޫޓިންގ ޕްރޮގްރާމްތަށް ހިންގުން ވަރަށް މުހިންމު.
ލޯޔަރު ޝަޒީމް އަކީ ޖިނާޢީ މައްސަލަތަކުގައި ވަކާލާތު ކުރައްވަމުންގެންދަވާ ވަކީލުންގެ ތެރެއިން އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް ވަކީލެވެ. ދަށު ކޯޓުތަކުން ފެށިގެން މަތީ މަރުހަލާގެ ކޯޓުތަކުގައި ވަކާލާތު ކުރައްވައެވެ. އަދި ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް ފާޅުކަން ބޮޑު ގޮތެއްގައި ވަކާލާތު ކުރައްވައެވެ.