މަގުމަތީގެ ސަލާމަތާއި ރަައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން މަޖީދިއްޔާ ސްކޫލާއި ހިރިޔާ ސްކޫލު ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފިއެވެ.
މިކަމަށްޓަކައި ނޮވެމްބަރ 17 ވަނަ ދުވަހުގެ ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ. އެ ރަސްމިއްޔާތުގައި، ސެންޓްރަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި އޮޕަރޭޝަން ސަޕޯޓް ކޮމާންޑުގެ އިސްވެރިންނާއި ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް ރިންޒީ އިބްރާހީމް ވަހީދު އަދި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ޢާއިޝަތު މުޙައްމަދު ޞާލިހުގެ އިތުރުން ދެ ސްކޫލުގެ މުދައްރިސުންނާއި ދަރިވަރުން ބައިވެރިވިއެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި މިނިސްޓަރ ޢާއިޝަތު ނަހުލާ ދެއްކެވި ވާހަކަފުޅުގައި ކޮނެމް ދަރިވަރަކުވެސް އެ ދަރވަރަކަށް ލިބުނު އިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފުަށް އެދިލެއްވިއެެވެ. އަދި މަގުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ދަރިވަރުންގެ ފެންވަރުގައި މަސައްކަތްކޮށްދިނުމަށް ދަރިވަރުންގެ ކިބައިން އެދިލެއްވިއެވެ. އަދި މުޖުތަމައު އަމާންކަންމަތީ ބޭއްވުމަށް މިފަދަ ޕްރޮގްރާމްތައް ވަރަށް މުހިންމުކަން ފާހަގަކުރައްވައި ބެލެނިވެރިންގެ ފަރާތުން ދަރިވަރުންނަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އެދިލެއްވިއެވެ. އަދި މިފަދަ ޕްޮގްރާމާތައް ކުރިއަށް ގެންގޮސްދެއްވާތީ ފުލުހުންނަށް ޝުކުރުއަދާކުރެއްވިއެވެ.
އެ ރަސްމިއްޔާތުގައި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް ދެއްކެވި ވާހަކަފުޅުގައި ދަރިވަރުންނަށް ލިބިގެންދިޔަ ތަމްރީނުތަކާ އެއްގޮތަށް އަމަލުކުރުމަށް އެދިލެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ކުދިންގެ ކޮންފިޑެންސް ލެވެލް އިތުރުވެގެންދާކަމަށް ވިދާޅުވިއެވެ. އަދި އެެހެންދަރިވަރުންނަށް ނަމޫނާ ދެއްކުމަށާއި ސްކޫލަށް އައުމުގެ ކުރިން ފަތިސްނަމާދުކުރުމަށާ އަދި ގަޑިއަށް ފަރުވާތެރިވުމަށާއި ކޯޑިނޭޓަރުން އަންގާގޮތަށް އަމަލުކުރުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެލެއްވިއެވެ. އަދި ގައުމަށް ރަނގަޅު ހިދުމަތެއް ކޮށްދިނުމަށާއި ކިޔެވުމުގެ އިތުރުން ދަރިވަރުން މި ހަވާލުވި ޒިންމާ ރަނގަޅަށް އަދާކުރުމާއި ގަޑިތައް ބަހާލައި ޓައިމް މެނޭޖު ކުރުމަށް އިލްތިމާސްކުރެއްވިއެވެ.
އޭގެ އިތުރުން، ދަރިވަރުން މި ދަސްކުރި ދިރިއުޅުމުގެ ހުނަރުތައް ދެއްކުމަށް ދަރިވަރުންނަށް އެއްބާރުލުން ދިނުމަށާއި މިފަދަ ޕްރޮގްރާމެއްގައި ދަރިވަރުން ބައިވެރިކޮށްދެއްވީތީ ބެލެނިވެރިންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްދެއްވީތީ ފުލުހުްންނަށް ޝުކުރުއަދާކުރައްވައި އަދި ދަރިވަރުންނަށް މިފަދަ އިތުރު ފުރުަސަތުތަކެއް ލިބޭގޮތަށް ތަމްރީނުތައް ހިންގައިދިނުމަށް އެދިލެއްވިއެވެ.
މަޖީދިއްޔާ ސްކޫލާއި ހިރިޔާ ސްކޫލްގައި ނޮވެމްބަރ 11 އިން 16 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ސްކޫލް ސަރަހައްދުގައި ޓަރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ހިއްސާކުރުމާއެކު މަގުމަތީގައި އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން އާންމުންނާ މުއާމަލާތު ކުރުމުގައި ވާހަކަދެއްކުމުގެ ރީތި އަދަބުތައް ބޭނުންކުރުމާ ގުޅޭގޮތުންނާއި ދިވެހިބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭހެން މުއާމަލާތުކުރުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ދަރިވަރުންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ސެލްފް ޑިފެންސް ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. ދެ ސްކޫލްގައި ވަކިވަކީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި ދެ ސްކޫލް ހިމެނޭހެން 66 ދަރިވަރުން ބައިވެރިވެ ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ.