ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސް ގާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ގެނައި ބަދަލުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.
ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އިތުރުކުރަން ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން ދިރާސާކުރުމަށް ފަހު ނިންމީ އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ. އެ ގޮތަށް ނިންމައި ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރީ އެއްވެސް ބަދަލެއް ނުގެނެސް އެ އޮތް ގޮތަށެވެ.
އެގޮތަށް ފާސް،ކުރީ މަޖިލީހުގެ 55 މެމްބަރަކު ވޯޓުދެއްވައިގެންނެވެ. އެ ބިލު ފާސްކުރަން ނުފެންކަމަށް ވޯޓު ދެއްވީ 26 މެމްބަރެކެވެ.
ރައީސް އެ ބިލު މިއަދު ތަސްދީގުކުރައްވައި ގާނޫނެއްގެ ގޮތުގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން، އަންނަ ޖެނުއަރީ މަހުން ފެށިގެން ޓެކްސް ރޭޓްތައް އެ ގާނޫނާ އެއްގޮތަށް ބަދަލުވާނެ އެވެ. ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ރާއްޖޭގެ އިގުތިސާދު ގާތްގަނޑަކަށް ހުއްޓުނު ވަގުތު ސަރުކާރުން ބޮޑެތި ހޭދަތަކެއްކޮށް، އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނިވެސް އިތުރުވެފައި ވާތީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށެވެ.
ޓެކްސް ރޭޓް ތައް ބޮޑުކުރުމުން ދައުލަތުގެ އާމްދަނީ އަހަރަކު ތިން ބިލިޔަނުން އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެ އެވެ.