logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީ ސްމިއަދު ތަސްދީގުކުރައްވަނީ.

ބޮޑެތި ކުށްތަކުގެ މީހުންނަށް ދައުވާނުކޮށް ތިން މަސްދުވަހު ބަންދުގައި ބޭތިއްބޭ އިސްލާހު ތަސްދީފުކޮށްފި

ޖިނާއީ ބޮޑެތި ކުށްތަކުގެ ހުމަތު ކުރެވޭ މީހުން ބަންދުގައި ތަހުގީގުގެ ބޭނުމަށް ބަންދުފައި ބެހެއްޓޭނެ މުއްދަތު ތިން މަސް ދުވަހަށް އިތުރުކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

އެ އިސްލާހުގައިވާ ގޮތުން އެ އިސްލާހު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ހިސާބުން އެ އިސްލާހަށް އަމަލުކުރަން ފަށާނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ކުރިން އޮތް ގޮތުން، ތަހުގީގު ނިމެންދެން ބަންދުގައި މީހަކު ބަހައްޓާ ނަމަ، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހެ އެވެ. ޖިނާއީ ބޮޑު ކުށެއް ނަމަ އެ މުއްދަތު އިތުރު ކުރަން ޕީޖީ އޮފީނހުން ކޯޓަށް ހުށަހެޅެ އެވެ. ގާނޫނު ކުރިން އޮތް ގޮތުން ފަނޑިޔާރަށް އެ މުއްދަތު އިތުރުކޮށްދެވެނީ ގިނަވަގެން 45 ދުވަހަށެވެ.

މިއަދު ތަސްދީގުކުރި އިސްލާހުގައި ވާ ގޮތުން ތަހުގީގު ނިމެންދެން ބަންދުގައި ބަހައްޓާ މީހުންގެ ތަހުގީގު ނިންމަން ޖެހޭ މުއްދަތަކީ 45 ދުވަހެވެ. ތަހުގީގަށް ބަންދުގައި ބަހައްޓާ މުއްދަތު އިތުރުކުރުމާ ބެހޭ މާއްދާތައް ވެސް މިއަދު ތަސްދީގު ކުރި އިސްލާހުގައި ވަނީ ބަދަލުކޮށްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން އެ މުއްދަދު ގިނަވަގެން 60 ދުވަހަށް މިހާރު އިތުރުކުރެވޭނެ އެވެ. އެއީ އެކަމަކު އިތުރުކޮށްދޭ ކޮންމެ ފަހަރަކު 15 ދުވަހަށް ވުރެ ދިގު ނުވާނެ ގޮތަށެވެ.

މި އަދު ތަސްދީގުކުރި އިސްލާހުގައިވާ ގޮތުން، ޖިނާއީ ބޮޑެތި ކުށްތަކުގެ ތުހުމަތަށް ހައްޔަރުކުރާ މީހުން، ތަހުގީގުގެ ބޭނުމަށް ގާތްގަނޑަކަށް ތިން މަސް ދުވަހު ބަންދުގައި ބޭތިއްބުމުގެ އިހުތިޔާރު ފަނޑިޔާރުންނަށް އޮންނާނެ އެވެ.

ޖިނާއީ ބޮޑެތި ކުށްތަކަކީ ޓެރަރިޒަމްގެ ކުށާއި މީހުން މެރުމާއި ނުރައްކާތެރި މާރާމާރީ އާއި ރޭޕްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަނީ ލޯންޑަރިންނާއި މީހުން ޓްރެފިކް ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުމެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *