ކޮވިޑް-19 މުޅިން ފުހެވިގެން ދަންދެން، އެ ބަލިން ރައްކާތެރިވުމުގެ ހަރުކަށި ފިޔަވަޅުތައް ދަމަހައްޓަން ޗައިނާ ސަރުކާރުން ހިންގާ ސިޔާސަތާ މެދު އެގައުމުގެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައި، އެ ރުޅިވެރިކަން ވަރުގަދަ މުޒާހަރާތަކަށް ބަދަލުވެއްޖެ އެވެ.
ކޮވިޑުން ރައްކާތެރިވާ ފިޔަވަޅުތައް އުވައިލަން ގޮވާލައި ޗައިނާގެ އާއްމުން މުޒާހަރާ ކުރަން ފެށީ މިދިޔަ ހަފުތާގަ އެވެ. އޭއެފްޕީއާ ހަވާލާދީ އަލްޖަޒީރާ ބުނި ގޮތުގައި ކޮވިޑްގެ ފިޔަވަޅުތައް އުވައިލަން ގޮވާލައި ކުރަމުން ދާ މުޒާހަރާތައް ޗައިނާގެ ވެރިރަށް ބެއިޖިންއާއި ވިޔަފާރީގެ މަރުކަޒީރަށް، ޝަންހާއީ އަދި އެގައުމުގެ އިރުމަތީގައިވާ ނަންޖިން އަށް ވެސް މިހާރު ވަނީ ފެތުރިފަ އެވެ.
"މިނިވަންކަން ލިބޭނެ،" ބެއިޖިން ގެ ޝިންހުއާ ޔުނިވާސިޓީގައި މުޒާހަރާކުރަމުން ދިޔަ ދަރިވަރުން ގޮވަމުން ދިޔަ ކަމަށް އޭއެފްޕީގެ ރިޕޯޓެއްގައި ވެ އެވެ. ކޮވިޑް-19 ހުއްޓުވަން ކަމަށް ބުނެ، ޗައިނާ ސަރުކާރުން އަޅާފައިވާ ފުރަބަންދު ފިޔަވަޅު އުވައިލަން ވެސް އެ ދަރިވަރުން ގޮވި ކަމަށް އޭއެފްޕީގެ ރިޕޯޓްގައި ބުންޏެވެ.
ޝިންހުއާ ޔުނިވާސިޓީގެ ދަރިވަރުން އޭއެފްޕީއަށް ބުނެފައިވާ ގޮތުގައި އެ ޔުނިވާސިޓީގައި މުޒާހަރާކުރަން ފެށީ ޖީއެމްޓީގަނޑިން މިއަދު ހެނދުނު 11:30 އެހާކަށް ހާއިރު އެވެ. އެ މުޒާހަރާ ވަރުގަދަވީ ނުރުހުން ފާޅުކުރުމުގެ ލިއުންތައް ލިޔެފައިވާ ބޯޑުތަކެއް ހިފައިގެން ދަރިވަރުން، ޔުނިވާސިޓީގެ ކެންޓީނުގެ ދޮރުމައްޗަށް ނުކުތް ހިސާބުންނެވެ. އެއަށް ފަހު 200 އާއި 300 އާ ދެމެދުގެ އަދަދެއްގެ މީހުން އެ މުޒާހަރާއާ ގުޅުނެވެ.
ޗައިނާގެ އެކި ޝަހަރުތަަކުގައި ކުރަމުން ގެންދާ މުޒާހަރާތަކާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ޗައިނާއަކީ އާއްމުގޮތެއްގައި ހިޔާލުފާޅުކުރުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަން އޮންނަ ގައުމެއް ނޫނެވެ. އެގައުމުގައި 1989 ވަނަ އަހަރުގެ ފަހުން ފާޅުގައި އެއްވެސް ބަޔަކު މުޒާހަރާއެއް ކުރިކަން އެނގޭކަށް ނެތެވެ.
އެހެން ނަމަވެސް އެ އާދަ ފޫވައްޓާލައި މިފަހަރު ކުރަމުން އަންނަ ވަރުގަދަ މުޒާހަރާތަކުގެ މައުލޫމާތު ވެސް މުޒާހަރާގެ ބައިވެރިން ގެންދަނީ ޗައިނާއިން ބޭރަށް އާއްމުކުރަމުންނެވެ. މިހާރު ކުރަމުން ގެންދާ މުޒާހަރާތަކުގެ ވީޑިއޯތައް ސޯޝަލް މީޑިއާއަށް ވެސް ބައެއް މީހުން ވަނީ ދޫކޮށްލައިފަ އެވެ.
އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޗައިނާ ސަރުކާރާއި އެގައުމުގެ ރައީސް ޝީޖިންޕިން އާ ދެކޮޅަށް ވެސް މުޒާހަރާތަކުގެ ބައިވެެރިން ގެންދަނީ އަޑުއުފުލަމުންނެވެ. '
ކޮވިޑް ފިޔަވަޅުތަކާ ދެކޮޅަށް އަޑުއުފުލާ މީހުންގެ އަދަދު ޗައިނާގައި އިތުރުވީ ޒިންޖިއާންގެ ޕްރޮވިންސްގެ ވެރިރަށް އޫރުމްގީ ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހަކު މަރުވުމުންނެވެ. ޗައިނާގެ އާއްމުން ތުހުމަތުކުރާ ގޮތުގައި އަލިފާނުގެ ހާދިސާގައި އެހާ ގިނަ ބަޔަކު މަރުވީ ކޮވިޑް ހުއްޓުވަން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެކަމަކު ޗައިނާ ސަރުކާްރުން އެކަން ދޮގުކުރެ އެވެ.