logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައްޔިތުންގެ މަޖިލިސް

މަޖިލީހުން އިތުރުކުރި 160 މިލިޔަން ރުފިޔާއާ އެކު 42.8 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން އިތުރުކުރި 160 މިލިޔަން ރުފިޔާއާ އެކު ޖުމްލަ 42.8 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވަޑައިގެންނެވި 69 މެމްބަރުންގެ ތެރެެއިން 61 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް ވޯޓްދެއްވީ އަށް މެމްބަރެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން އެ ބަޖެޓް ދިރާސާކުރި އިރު އެކި މެމްބަރުން އިތުރުކުރަން ހުށަހެޅި ފައިސާއާއި އެކު މަޖިލީހުން އިތުުރުކުރި ޖުމްލަ އަކީ 160 މިލިޔަން ރުފިޔާ އެވެ. ކޮމިޓީން އެގޮތަށް ފާސްކޮށް މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މިދިޔަ ހަފްތާގައި މެމްބަރުން ފުޅާ ދާއިރާއެއްގައި ބަހުސްކުރުމަށް ފަހު އެ ރިޕޯޓަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓަށް އެހި އިރު އެ ރިޕޯޓަށް ބައެއް އިސްލާހުތައް ހުށަހެޅި ނަމަވެސް އެއިން އެއްވެސް އިސްލާހެއް ފާހެއް ނުވެ އެވެ.

ބަޖެޓް ރިޕޯޓަށް މިއަދު އެންމެ ގިނަ އިސްލާހު ހުށަހެޅުއްވީ މާވަށު ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ސައީދެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް މަޖިިލީހުގެ ބަޖެޓް ކޮމިޓީން ގެނައީ ޖުމްލަ ތިން އިސްލާހެކެވެ. އެއީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ އިތުރު ކުރުމާއި، ޕީއެސްއައިޕީއަށް 124 މިލިއަން ރުފިޔާ އިތުރު ކުރުން އަދި ކޮންޓިންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ އުނިކޮށް، އެ ފައިސާ އައްޑޫ ގަމުގައި ދޫގަސް ތަރައްގީ ކުރުމަށް ހަމަޖެއްސުމެވެ.

ބަޖެޓް ކޮމިޓީން ރިޕޯޓް އެކުލަވައިލީ 11 ރިކޮމެންޑޭޝަނެއް ވެސް ހިމަނައިގެންނެވެ.

ބަޖެޓަށް ކޮމިޓީން ހުށަހެޅި އެއް ރިކޮމެންޑޭޝަނަކީީ އަންނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތައް ލިބޭނެކަން ކަށަވަރު ކުރުމަށް ދުރާލާ ގައުމުތަކާއި ޖަމްއިއްޔާތަކާ އެކު ސަރުކާރުން މަޝްވަރާކުރުމެވެ. އާސަންދައިގެ ހިދުމަތްތައް ހަރުދަނާކޮށް، ބޭކާރު ހަރަދު ކުޑަކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ވެސް ރިކޮމެންޑޭޝަނެއްގެ ގޮތުގައި ރިޕޯޓްގައި ހިމަނާފައި ވެ އެވެ.

ކައުންސިލުތަކުގެ މާލީ ކަންކަން ގާނޫނާއި، ގަވައިދާއި އުސޫލާ ހިލާފަށް ކުރާ ކައުންސިލުތަކުގެ ބްލޮކް ގްރާންޓް ހިފެހެއްޓުމާއި ސަބްސިޑީގެ ނިޒާމު މުރާޖައާ ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ހަރަދުތައް ބެޖެޓުން ހަމަޖެއްސުމަށް ވެސް ކޮމިޓީން ރިކޮމެންޑް ކޮށްފައި ވެއެވެ. ކޮމިޓީން ވަނީ ބަޖެޓުގެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭނަމަ ދުރާލާ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވެސް ކޮމިޓީން ރިކޮމެންޑް ކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *