ރާއްޖޭގައި ނެޝަނަލް ސެންޓްރަލްް ބިއުރޯއިން ބަލާ މައްސަލަތަކުގެ ތެރެއިން 30 ޕަސެންޓް މައްސަލަ ބަލަން މި ސަރަހައްދުގެ އެހެން ގައުމުތަކުގެ އެއްބާރުލުން ބޭނުންވި ކަމަށާއި މި ސަރަހައްދުގެ ރައްކާތެރިކަމަށް ޓަކައި ގައުމުތައް ގުޅިގެން މަސައްކަތްކުރުން ވަރަށް މުހިއްމު ކަމަށް ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެެވެ.
ނެޝަނަލް ސެންޓްރަލް ބިއުރޯ އަކީ އިންޓަޕޯލްއާ ގުޅިގެން ބަލާ މަސައްކަތްތައް ކޯޑިނޭޓްކުރަން އިންޓަޕޯލްގައި ބައިވެރިވާ ގައުމުތަކުގައި ގާއިމްކޮށްފައިވާ އިދާރާ ތަކެކެވެ.
ފަރަންސޭސިވިލާތުގެ ލިޔޯންގައި ކުރިއަށްދާ އިންޓަޕޯލް އަނުއަލް ކޮންފަރެންސް ފޯ ނެޝަނަލް ސެންޓްރަލް ބިއުރޯސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ހަމީދު ވިދާޅުވީ މައުލޫމާތު ހިއްސާކުރުމުގައި ގައުމުތަކުގެ ފުލުހުންގެ އިދާރާތަކަށް އޮޕަރޭޝަނަލް މިނިވަންކަން މުހިއްމު ކަމަށެވެ. ފުލުހުންގެ އިދާރާތަކުގެ ޑާޓާ ބޭސްގެ އެކްސެސް ދިނުން މުުހިއްމު ކަމަށާއި މައުލޫމާތު ހިއްސާކުރުން ހަރުދަނާ ވާނީ އޭރުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގައި އެންސީބީން (ފުލުހުންގެ އިދާރާއިން ) ކުރާ މަސަައްކަަަތަށް ބަލައިލާ އިރު، ބަލާ މައްސަލަތަކުގެ 30 ޕަސެންޓަށް، ސަރަހައްދީ ގައުމުތަކުގެ އެއްބާރުލުން ބޭނުންވޭ. އެހެންވީމާ އަޅުގަނޑުމެންގެ ސަރަހައްދުގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށް ޓަކައި ގުޅިގެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމު ކަމެއް،" ހަމީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގުޅިގެން ހިންގާ އޮޕަރޭޝަންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ރީޖަނަލް ނެޓްވޯކިން ޕްލެޓްފޯމްތައް ގާއިމްކުރުމާއި ކޮންފަރެންސްތައް ބޭއްވުުން ފަދަ ގޮތްގޮތުން ގައުމުތައް ގުޅިގެން މަސައްކަތް ކުރެވިދާނެ އެވެ. އައިއޯއެމްއާއި ޔޫއެން އޯޑީސީ ފަދަ އިދާރާތަކާ ގުޅިގެން އެފަދަ މަސައްކަތްތައް ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދެކުނު އޭޝިއާ ސަރަހައްދަކީ ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން އުޅޭ ސަރަހައްދަށް ވާއިރު މި ސަރަހައްދުގައި ޔޫރޯޕޯލް އާއި އެފްރޯޕޯލް ފަދަ ، ފުލުހުންގެ ނެޓްވޯކެއް މިސަރަހައްދުގައި ނެތް ކަމަށާއި އެހެންވީމާ އިންޓަޕޯލްގެ މަސައްކަތް މިސަރަހައްދުގައި ފުޅާކުރުން މުހިއްމުކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ބޯޑަރުތައް ހުރަަސްކޮށް ކުރާ ކުށްތައް (ޓްރާންސް ނެޝަނަލް ކްރައިމް) ރާއްޖޭގައި މަދެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފްރާންސްގައި ތިން ދުވަހުގެ މުއްދަަތަކަށް ކުރިއަށް ގެންދާ އިންޓަޕޯލް އަނުއަލް ކޮންފަރެންސް ފޯ ނެޝަނަލް ސެންޓްރަލް ބިއުރޯސް ގައި 142 ގައުމަކުން 300 ބޭފުޅުން ބައިވެރިވެވަަޑައިގެންނެވި އެވެ.