މާލެ ސަރަހައްދުގައި ސަރުކާރުން ތަރައްގީކުރި ކުޑަގިރި ޕިކްނިކް އައިލެންޑްއަށް ފެރީގެ ހިދުމަތް ދޭން ޝައުގުވެރިވާ ފަރާތްތައްް ހޯދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.
އެޗްޑީސީން މިދިޔަ ބުރާސްފަތިދުވަހު ކުރި އިއުލާނެއްގައި ބުނީ ކުޑަގިރިއަށް ފެރީގެ ހިދުމަތްދޭން ޝައުގުވެރިކަން ފާޅުކުރަން އެ ކޯޕަރޭޝަނުން އެދެނީ އެކަމަށް ބޭނުންވާ މާލީ އަދި ޓެކްނިކަލް ގާބިލުކަން ހުރި ފަރާތްތައް ކަމަށެވެ.
ކުޑަގިރި އަށް ފެރީގެ ހިދުަމަތް ފަށާއިރު އެ ހިދުމަތް ދޭން ބޭނުންވާ ގޮތުގެ ތަފްސީލު އެޗްޑީސީގެ އިއުލާނުގައި ހާމަކޮށްފައި ވެ އެވެ. އެ އިއުލާނުގައިވާ ގޮތުން، ކުޑަގިރިއަށް ފެރީގެ ހިދުމަތް ފަށަން އެޗްޑީސީން ބޭނުން ވަނީ ހަތަަރު އުޅަނދަކާ އެކުގަ އެވެ. އައީ 50-70 މީހުންގެ ޖާގައިގެ ދެ އު އުޅަނދަކާއި 80-100 މީހުންގެ ޖާގައިގެ ދެ އުޅަނދެެވެ.
ކުޑަގިިރިއަށް ފެރީގެ ހިދުމަތް ފަށާއިރު ދަތުުރުތައް ކުރާނެ ގޮތުގެ ވަގުތީ ޝެޑިއުލް އެއް ވެސް އެޗްޑީސީން ވަނީ އެކުލަވައިލާފަ އެވެ. އެ ޝެޑިއުލްގައިވާ ގޮތުން ކުޑަގިރިއާއި މާލެއާ ދެމެދު ކޮންމެ ދުވަހަކު ކުރާނީ ޖުމްލަ ހަ ދަތުރެވެ.
ފެރީގެ ވަގުތީ ޝެޑިއުލް:
- މާލެ – ކުޑަގިރި: ހެނދުނު 6:30 – 50-70 މީހުންގެ ޖާގަ
- މާލެ – ކުޑަގިރި: ހެނދުނު 6:50 – 80-100 މީހުންގެ ޖާގަ
- މާލެ – ކުޑަގިރި: ހެނދުނު 7:10 – 50-70 މީހިންގެ ޖާގަ
- ކުޑަގިރި – މާލެ: ހަވީރު 5:20 – 50-70 މީހިންގެ ޖާގަ
- ކުޑަގިރި – މާލެ: ހަވީރު 5:40 –80-100 މީހިންގެ ޖާގަ
- ކުޑަގިރި – މާލެ: ހަވީރު 6:00 – 50-70 މީހިންގެ ޖާގަ
މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ޕިކްނިކް ދާނެ ރަށެއް ހަމަޖައްސައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި ވައުދުގެ ދަށުން އެއްމެ ފުރަތަމަ ޕިކްނިކް އައިލެންޑްގެ ގޮތުގައި ހަމަޖެއްސީ އެނބޫދޫ ފަޅުގައި ހިއްކާފައިވާ ސަރަހައްދެވެ. ނަމަވެސް ސަރުކާރުން ފަހުން ނިންމީ ޕިކްނިކް އައިލެންޑްއެއްގެ ގޮތުގައި ކުޑަގި ތަރައްގީ ކުރާށެވެ. އެ ރަށުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފަ އެވެ.