ޗާގޯސް މައްސަލައާ ގުޅޭގޮތުން ފުލުހުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެން އިސްކަންދަރު ބިލްޑިންގައި ބާއްވައިފި އެވެ.
ފުލުހުން ބުނީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ އެ ސެޝަނުގައި، ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ އާއި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ބައިވެރިވެވަޑައިގެންނެވި ކަމަށެވެ. ފޮރިން މިނިސްޓްރީއާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެހެން ބައެއް އިސް ވެެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭ ބޭއްވި އެ ސެޝަނުގައި މައުލޫމާތު ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތެވެ.
ޗާގޯސް މައްްސަލައިގެ މައުލޫމާތު ފުލުހުންނަށް ދޭން ނިންމީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުންނެވެ.
ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ކުރާ މަސައްކަތުގައި ރާއްޖޭން އެގައުމަށް ތާއީދުކުރަން ނިންމުމުން ސިޔާސީ ބައެއް ފަރާތްތަކުން ގެންދަނީ އެކަމާ ގުޅުވައި ސަރުކާރަށް އެކިއެކި ތުހުމަތުތައް ކުރަމުންނެވެ. އެފަދަ ބައެއް ފަރާތްތަކުން ތުހުމަކުރާ ގޮތުގައި ސަރުކާރުގެ އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުން ބޮޑު ބައެއް ގެއްލޭނެ ކަމަށެވެ. އެެހެން ނަމަވެސް ސަރުކާރުން އަންނަތީ އެވާހަކަތް ދޮގުކުރަމުންނެވެ.