logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުޓުބޯޅަ "ތަރި"އަކަށް ވާން ހަކީމީ ކުުރި އުނދަގޫ ދަތުރު!

ހިތްވަރު ގަދަ މީހުންގެ އަތުގައި ނަސީބު ވެސް ހިފަ އެވެ. އަޝްރަފް ހަކީމީ އަކީ އެފަދަ މިސާލެކެވެ.

ވޯލްޑްކަޕްގެ ރައުންޑް އޮފް 16 ގައި ސްޕެއިނާއި މޮރޮކޯ ކުޅުނު މެޗްގައި ސްޕެއިންގެ ގޯލަށް އޭނާ ވައްދައި ޕެނަލްޓީ ފުޓްބޯޅައިގައި މޮރޮކޯގެ ތާރީހު އަލުން ލިޔެލައިދިން ގޯލެކެވެ. ޕެނަލްޓީ ޖަހަން ޖެހުނީ އެ މެޗްގެ ފުރިހަމަ ވަގުތާއި އިތުރަށް ކުޅުނު 15 މިނެޓްގެ ދެ ހާފުގައި ވެސް ނަތީޖާއެއް ނުނިކުތުމުންނެވެ.

މޮރޮކޯގެ މުޅި ރައްޔިތުންނާއި އެގައުމަށް ސަޕޯޓްކުރާ އެހެން އެެތައް ބަޔަކު ނޭވާ ހިފަހައްޓާލައިގެން ތިބި އެ ވަގުތުގައި މެޗްގެ މޮޅު ޕެނަލްޓީއެއް، ފުޓްބޯޅައިގެ ބަހުރުވައިން ނަމަ "ޕެނެންކާ" އެއް ސްޕޭނުގެ ގޯލަށް ވައްދައިލީ ވައަތް ފަރާތަށް ކުޑަކޮށް ލެނބިލައި ސްޕޭނުގެ ކީޕަރު ނުބައި ފަޅިއަށް ހަރަކާތް ކުރުވުމަށް ފަހުގަ އެވެ.

ތާރީހީ އެ ލަނޑަކީ އޭނާ ބިނާކޮށްފައިވާ ބައިނަލް އަގުވާމީ ކެރިއަރު އިތުރު އުސްމިނަކަށް ގެންގޮސްދިން ލަނޑެކެވެ. މި ޕެނަލްޓީއާއެކު ކުރީގެ ވޯލްޑް ޗެމްޕިއަން ސްޕެއިން މުބާރާތުން ކަޓައި ތާރީހުގައި ފުރަތަމަ ފަހަރަށް މޮރޯކޯއިން ވޯލްޑްކަޕްގެ ކުއާޓަރފައިނަލުން ޖާގަ ހޯދިއެވެ.

އުޅުނީ ދަތި އެކަމަކު އުފާވެރި ދިރިއުޅުމެއް

ސްޕެއިންގެ މެޑްރިޑަށް އުފަން އަޝްރަފް ހަކީމީ ފުޓުބޯޅައިގެ އުހަށް ދަތުރުކުރީ ވަރުބަލިކުރުވަނިވި ދަތިއުނދަގޫ މަގަކުންނެވެ. އޭނާއަކީ ފުޓުބޯޅައިގައި ތަރިއަަކަށް ވުމުގެ އުއްމީދުގައި ވަރަށް ހަގު އުމުރުގައި ރިއާލްމެޑްރިޑްގެ ސްކައުޓެއްގެ ގޮތުގައި ފުޓުބޯޅައަށް ނުކުތް މީހެކެވެ. އެހެން ނަމަވެސް ކާމިޔާބީއާ ހަަމައަށް ދާން އޭނާ ހޯދަން އުޅުނު ހުރިހާ ފުރުސަތަކާ ހެން އޭނާ ޖެހުނީ "އޮޅުލައި ބައްދާށެވެ".

ހަކީމީ އަކީ ސްޕެއިންގައި ދިރިއުޅޭ މޮރޮކޯގެ 800،000 މީހުންގެ ތެރެއިން އެކަކެވެ. އޭނާ އަކީ މެޑްރިޑްގެ ރަށްބޭރުގައިވާ އިންޑަސްޓްރިއަލް ސަބާބެއް ކަމަށްވާ ޖިޓާފްގައި ދިރިއުޅުނު ފަގީރު އާއިލާއެއްްގެ މެމްބަރެކެވެ. ރިއާލްމެޑްރިޑްގެ ކާސްޓިލާ އެކަޑަމީއަށް ގަވައިދުން ކުރި ދަތުރުތަކުގައި، މުއްސަނދިންގެ ދިރިއުޅުން ފެންނަމުން ދިޔަ ނަމަވެސް ހަކީމީ އޭނާގެ އޭނާގެ ޅަފުރާ ސިފަަކުރަނީ އުފާވެރި ދުވަސްތަކެއްގެ ގޮތުގަ އެވެ.

"އަހަރެންގެ މަންމައަކީ ސާފުކުރާ މީހެއް، ބައްޕައަކީ މަގުމަތީގައި އެއްޗިހި ވިއްކާ މީހެއް. އެމީހުން އެމީހުންގެ މުޅި ހަޔާތް ހޭދަކުރީ އަހަރެންނަށް ޓަކައި،" ސްޕެއިންގެ ރޭޑިއޯ ޕްރޮގްރާމެއް ކަމަށްވާ އެލްޗިރިންގީޓޯ އަށް ދިން އިންޓަވިއުއެއްގައި ހަކީމީ ބުނެފައި ވެ އެވެ.

އެ ޕްރޮގްރާމްގައި އޭނާ ބުނެފައިވާ ގޮތުގައި އޭނާގެ އަޚުންއުޚުތުންގެ އެތައް ކަމެއް މައިންބަަފައިން ގުރުބާންކުރީ އޭނާ މޮޅުމީހަކަށް ހެދުމަށެވެ. އެހެންވެ މިއަދު އޭނާ މަތީ ފެންވަރުގައި ފުޓުބޯޅަ ކުޅެނީ އެމީހުންނަށް ޓަކަ އެވެ.

މޮރޮކޯގެ ރޯޔަލް ފުޓްބޯލް ފެޑެރޭޝަނާއި ކްލަބްތަކުގެ ސަމާލުކަން ހަކީމީއަށް ލިބުނީ ފުރާވަރުގެ އުމުރުގައި ޔޫއެފާ ޔޫތުލީގްގައި ދެއްކި އޭނާ ދެއްކި ހުނަރުންނެވެ. ޔޫރަޕްގައި މޮރޯކޯ ގިނަ ބަޔަކު އުޅޭތީ ސްޕެއިންގެ އިތުރުން ފްރާންސާއި ބެލްޖިއަމާއި ނެދަލޭންޑްސް އިން ވެސް މޮރޮކޯއަށް ނިސްބަތްވާ ހުނަރުވެރި ކުޅުންތެރިން އޭރު އައީ ފެންނަމުންނެވެ. މޮރޮކޯގެ ފެޑެރޭޝަނުން އައީ އެހުރިހާ ކުޅުންތެރިންނާ ވެސް ގާތުން މުއާމަލާތް ކުރަމުންނެވެ.

"އަހަރެމެން ހަކީމީ ނެގީ ރިއާލްމެޑްރިޑްގެ 17 އަހަރުން ދަށުގެ ޓީމަށް ކުޅެނިކޮށް، އޭނާ އަބަދުވެސް އަހަރެމެންގެ އެހެން ސްކައުޓުންނަށް ގުޅާނެ. އަހަރެމެންގެ ތަމްރީނު ކޭމްޕެއް ދެން އޮތީ ކޮންއިރަކުންތޯ ބަލަން. އަހަރެން އޭނާއަށް އަމިއްލަ ގޮތުން ޔަގީންކަން ދިނިން އެކުރާ ގޮތަށް މަަސައްކަތްކުރަމުން އަންނަ ނަމަ ގައުމީ ޓީމަށް ނެގޭނެކަމުގެ ޔަގީންކަން،" މޮރޮކޯ ފުޓްބޯޅަ ފެޑެރޭޝަނުގެ އޭރުގެ ޓެކްނިކަލް ޑައިރެކްޓަރު ނާސިރު ލަރުގޫތު އަލްޖަޒީރާއަށް ވިދާޅުވެފައި ވެ އެވެ.

މޮރޮކޯގެ ގައުމީ ޓީމަށް 2016 ވަނަ އަހަރު ހަކީމީ ނެގި އިރު އޭނާއަށް ވީ އެންމެ 18 އަހަރެވެ. އޭނާ މޮރޮކޯގެ ގައުމީ ޓީމަށް ކުޅެން ނިންމީ ސްޕޭންގެ ޒުވާން ޓީމަށް އޭނާ ކޮންމެވެސް ވަރަކަށް ކުޅެން ވެސް ކުޅުމަށް ފަހުގައެވެ.

"އަހަރެންގެ ސަގާފަތަކީ މޮރޮކޯގެ ސަގާފަތް. ގޭގައި އަހަރެމެން ވާހަކަ ދައްކަނީ އަދި ކައިބޮއި ހަދަނީ ވެސް މޮރޮކޯގެ ސަގާފަތާ އެއްގޮތަށް އަދި އަހަރެންނަކީ ދީނަށް އުޅޭ މުސްލިމެއް. އެހެންވީމާ އެކަމާ ދޭތެރޭ [މޮރޮކޯގެ ގައުމީ ޓީމަަށްތޯ ކުޅޭނީ ސްޕެއިނަށްތޯ ކުޅޭނީ] މާ ބޮޑަކަށް ވިސްނާކަށް ނުޖެހުނު،" ލެކްއިޕް މެގަޒިންއަށް ކުރިން ދިން އިންޓަވިއުއެއްގައި ހަކީމީ ބުނެފައި ވެ އެވެ.

ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގައި މޮރޮކޯގެ ފުރަތަމަ 11 ގައި ހަކީމީ ހިމެނީ ރިއާލްމެޑްރިޑްގެ ސީނިއަ ޓީމަށް ކުޅެލަން ލިބުނު މަދު ދުވަސްކޮޅުގެ ތެރޭގައި ދެއްކި ހުނަރުންނެވެ. ރިއާލް މެޑްރިޑްގެ ސީނިއަ ޓީމަށް ކުޅެން ހަކީމީއަށް ފުރުސަތު ލިބުނީ ޔޫއެފާ ޗެމްޕިއަންސް ލީގްގައި ރެއާލުން ބޮޑެތި ކާމިޔާބީތައް ހޯދި ދުވަސްވަރެއްގަ އެވެ. ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގައި ސްޕެނިޝް ލަލީގާގެ ނުވަ މެޗެއްގައި ކުޅުމުގެ ފުރުސަތު ހަކީމީއަށް ލިބުނު އިރު އޭނާ ދެ ގޯލް ޖެހި އެވެ.

ރިއާލް މެޑްރިޑުން ރަނގަޅު ފުރުސަތެއް ނުލިބުނު

ރަޝިޔާގައި ބޭއްވި ވޯލްޑްކަޕް، ވެގެން ދިޔައީ ހަކީމީއާއި މޮރޮކޯގެ ގައުމީ ޓީމް "އެޓްލަސް ލަޔަންސް" އަށް ވެސް އުނދަގޫ މުބާރާތަކަށެވެ. އެ މުބާރާތުގައި މޮރޮކޯ ކެޓީ ގްރޫޕް ސްޓޭޖުންނެވެ. ވޯލްޑްކަޕްގައި ކުޅުމަށް ފަހު ހަކީމީ އުއްމީދުކުރީ ރިއާލްމެޑްރިޑްގައި މުހިއްމު ދައުރެއް ލިބޭނެ ކަމަށެވެ.

އެކަމަކު އޭނާ އަތް ކުރިމަތިވީ ވަރަށް ހިތްދަތި ގޮތެކެވެ. ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑަށް، ރިއާލުން ހަކީމީ ފޮނުވައިލީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. ބުރޫޝިއާ ޑޯޓްމަންޑާ އެކު ޖަރުމަނުގެ ބުންޑަސްލީގާގައި ހަކީމީ ދެއްކީ ވަރަށް މޮޅު ކުޅުމެކެވެ. ދެ ސީޒަންގައި ކުޅުނު 73 މެޗްގައި އޭނާ 12 ގޯލް ޖެހުމުގެ އިތުރުރުން 17 ގޯލް ޖަހަން އޭނާ އެހީތެރިވި އެވެ. އެ ވަރުން ވެސް އޭނާ އަނބުރާ ގެންދަން ރިއާލުން ދެކޮޅު ހެދި އެވެ.

ރިއާލުން އެގޮތަށް ދެކޮޅުހެދުމުން އޭނާ ދިޔައީ އިޓަލީގެ އިންޓަމިލާނަށެވެ. ހަކީމީގެ ތަރި އެރީ 2020 ވަނަ އަހަރު އިންޓަމިލާނަށް ބަދަލުވުމަށް ފަހު ދެއްކި ހުނަރުންނެވެ. އޭނާގެ ހުނަރުވެރިކަން ބަލައިގަނެ، ފްރާންސްގެ ޕީއެެސްޖީއަށް އޭނާ ގެންދިޔައީ 83 މިލިޔަން ޑޮލަރުގެ ފީއަކަށެވެ.

ނޯޓް: މިއީ އަލްޖަޒީރާ އިންގްލިޝްގައި މާހިރު މިޒާހީ ލިއުއްވާފައިވާ ލިއުއްވުމެއްގެ ޚުލާސާ ތަރުޖަމާ އެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *