logo minivan

English

ހޮނިހިރު, 27 ޖުލައި 2024

މާފަރު އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ ބޮޑުކުރުން ހިމެނޭ ގޮތުން އެ އެއާޕޯޓް ބޮޑުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި އެއް އަހަރުދުވަހުގެ ތެރޭގައި ނިންމާ ގޮތަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 27.1 މިލިޔަން ޑޮލަރުގެ އަގަކަށެވެ.

އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީއާއި އެމްޓީސީސީން ސޮއިކުރީ އެކަމަށް ޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެމްޓީސީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ. ޕްލޭނން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރް ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ.

މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރަނީ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ބޯއިން 777 މަރުކާގެ މަތިންދާބޯޓްތައް ޖެއްސޭ ވަަރަށެވެ. އެ މަސައްކަތް ކުރަން ނިންމައި، އެކަމުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެ އަސަރުތައް ބަލަން އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގައި އެދުމުން، ހެދި ސާވޭއަށް  ފަހު އެ އެޖެންސީން ފުރަަަތަމަ ނިންމީ އެ ހުއްދަ ނުދޭށެވެ.

އެހެން ނަމަވެސް ޝަރުތުތަކަކާ އެކު އެ މަސައްކަތް ކުރިއަށް ގެންދަން އީޕީއޭއިން ފަހުން ހުއްދަ ދިނެވެ. އީޕީއޭއިން 2020 ވަނަ އަހަރު އެ ހުއްދަ ދިނުމާއި އެކު އެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ހަމަ އޭރު އިއުލާނު ކުރި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *