އެފްރިކާގެ އެއްވެސް ގައުމަކުން ވޯލްޑްކަޕްގައި މީގެ ކުރިން ހޯދާފައި ނުވާ ވަރުގެ ކާމިޔާބީއެއް މޮރޮކޯއިން މިހާރު ވެސް އޮތީ ހޯދައިފަ އެވެ. އެ އީ ވޯލްޑްކަޕްގެ 90 އަހަރުގެ ތާރީހުގައި ސެމީފައިނަލާ ހިސާބަށް ފޯރި އެފްރިކާގެ ހަމަ އެކަނި ގައުމެވެ. ފްރާންސާ ދެކޮޅަށް މިރޭ ކުޅޭ ސެމީފައިނަލްގައި މޮރޮކޯގެ ސަޕޯޓަރުން ގިނަވި އަނެއް ސަބަބަކީ އެއީ އަރަބި އިސްލާމީ ގައުމަކަށް ވާތީ އަރަބީންނާއި އިސްލާމުންގެ ތެރެއިން އެތައް ބައެއްގެ ލޯބި އެ ޓީމަށް ލިބިފައި އޮތުމެވެ. ކޮންމެ މެޗަކަށް ފަހު ފަލަސްތީނުމީހުންގެ މަތިން ހަނދާންކޮށް ފަލަސްތީނު ދިދަ އުފުލައިލުމަކީ ވެސް މޮރޮކޯއަށް ތާއީދު އިތުރުވި ކަމެކެވެ.
މިހުރިހާ ސަބަބަކާ ހެދި ގަތަރުގައި މިހާރު އެންމެ ބާރަށް ވިކެނީ މޮރޮކޯގެ ޖާޒީ އެވެ. ގަތަރުގެ ވެރިރަށް ދޯހާގެ "ސޫގް ވާގިފް" ނަމަކަށް ކިޔާ ބާޒާރުގެ ސޭޓުންނަށް މިކަން ވެފައި ވަނީ އުފާވެރި އެ ހެނަސް އުނދަގޫ ކަމަކަށެވެ. އެ ބާޒާރުގެ ފިހާރަތަކުން މޮރޮކޯގެ ޖާޒީ މިހާރު ގާތްގަނޑަކަށް ހުސްވެފައި ވާއިރު އެ ޖާޒީއަށް އަދި ވެސް ވަރަށް ޑިމާންޑް ބޮޑެވެ.
ގަތަރުގެ އަލްޖަޒީރާ އިން މިއަދު ޖެހި ރިޕޯޓެއްގައިވާ ގޮތުން، ވޯލްޑްކަޕް ފެށެން ކައިރިވަމުން އައި އިރު ވާގިފް ބާޒާރުގައި އެންމެ ގިނައިން ވިކެމުން އައީ ނަން މަޝްހޫރު ބޮޑެތި ޓީމުތަކުގެ ޖާޒީ އެވެ. އޭރު އެންމެ ގިނައިން ވިކުނީ ބްރެޒިލްއާއި އާޖެންޓީނާގެ ޖާޒީއާއި ގަަތަރު މީހުންގެ އަމިއްލަ ގައުމީ ޓީމުގެ ޖާޒީ އެވެ. ވާގިފް ބާޒާރުން އަލްޖަޒީރާއާ ވާހަކަ ދެއްކި ސޭޓުން ބުނެފައިވާ ގޮތުގައި އޭރު މޮރޮކޯގެ ޖާޒީ ހޯދާކަށް މާގިނަ ބަޔަކު ނާދެ އެވެ.
"ނޮވެމްބަރު މަހު އަހަރެމެންނަށް ވިއްކެމުން އައީ މޮރޮކޯގެ ވަރަށް މަދު ޖާޒީކޮޅެއް، އަހަރެމެން އޭރު ގެނައި އެތައް ޑަޒަނެއްގެ ތެރެއިން،" މުހައްމަދު ސޯދިގު ނަމަކަށް ކިޔާ ސޭޓަކު އަލްޖަޒީރާއަށް ބުންޏެވެ.
އޭނާ ބުނި ގޮތުގައި މޮރޮކޯގެ ޖާޒީ ގަންނަ މީހުންގެެ އަދަދު އިތުރުވާން ފެށީ ގްރޫޕް ސްޓޭޖްގައި އެ ޓީމުން ގިނަ ޕޮއިންޓްތަކެއް ހޯދަން ފެށި ހިސާބުންނެވެ. ޑިމާންޑް އެންމެ ބޮޑުވީ ނޮކްއައުޓް ސްޓޭޖްގައި ސްޕެއިނާއި ޕޯޗްގަލްގެ މައްޗަށް މޮރޮކޯއިން ކުރި ހޯދި ހިސާބުންނެވެ.
"މޮރޮކޯ މޮޅުވާ ކޮންމެ ފަހަރަކު އަހަރެމެން އެތައް ސަތޭކަ ޖާޒީއަކަށް އޯޑަރު ޖަހަން އަދި ޖެހިގެން އަންނަ ދުވަހުގެ މެންދުރުފަހާ ހަމައަށް އެ ހުރިހާ ޖާޒީއެއް ހުސްވޭ،" ސޯދިގު ބުންޏެވެ.
ވޯލްޑްކަޕްގެ ސެމީފައިނަލް ޖާގައެއް މޮރޮކޯއަށް ކަށަވަރު ވުމާއި އެކު ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައް ހާސް ސަޕޯޓަރުންނެެއް ގަތަރަށް އަ އެވެ. ގަތަރަށް އައުމަށް ފަހު އެއިން ކޮންމެ މީހަކު އެންމެ ފުރަތަމަ ދާ އެއް ތަނަކީ ވާގިފް ބާޒާރެވެ. މޮރޮކޯގެ ޖާޒީއެއް ނުވަތަ ދިދައެއް އެއިން ކޮންމެ މީހަކު ގަނެ އެވެ. ބައެއް މީހުން ޖާޒީއަކާ ދިދައަކާ ދެ އައިޓަމް ވެސް ގަނެ އެވެ.
މޮރޮކޯއިން ޕޯޗުގަލް ބަލިކޮށް، ސެމީ ފައިނަލް ކަށަވަރުކުރިތާ އެއް ދުވަސް ފަހުން ޖަރުމަނުން ގަތަރަށް އައި އީނާސް އަލް ކަރީމަކީ ޖާޒީއެއް ގަންނަން ނުލިބިގެން ހިނގަނިކޮށް އަލްޖަޒީރާގެ ރިޕޯޓަރުންނާ ބައްދަލުވި އެކަކެވެ،
"އަހަރެން ގާތު [މީހަކު] ބުނި އަހަރެންގެ ޓީމުގެ ޖާޒީ މިތަނުން ލިބޭނޭ. އެކަމަކު މިތަނުން ހުސްވެއްޖެ ކަމަށް މިވަނީ،" ހިތް ހަމަ ނުޖެހިފައި ހުރެ އަލް ކަރީމް ބުނި ކަމަށް އަލްޖަޒީރާގެ ރިޕޯޓުގައި ވެ އެވެ.
އޭނާ ފަދަ އެތައް ހާސް އެހެން ސަޕޯޓަރުންނެއްގެ ހެޔޮދުއާއާ އެކު މޮރޮކޯއިން މިރޭ ސެމީ ފައިނަލްގައި ކުޅޭނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށެވެ. މޮރޮކޯއަށް ކާމިޔާބު ވިޔަސް ނުވިޔަސް، އެއީ އެޓީމަށާއި ސަޕޯޓަރުންނަށް ވަރަށް ތާރީހީ މެޗެކެވެ.
(އަލް ޖަޒީރާ)