logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ކުރިމިނަލް ކޯޓުގައި ހުރި ޖިނާޢީ މައްސަލަތައް ނުނިމި ދިގުލަނީ ކީއްވެ؟

ކުރިމިނަލް ކޯޓަކީ ސްޕީރިއަރ ކޯޓުތަކުގެ ތެރެއިން ޖިނާޢީ މައްސަލަތަށް ބެލުމުގެ އިޚްތިޞާޞް ޤާނޫނުން ލިބިދޭ ކޯޓެކެވެ. އެތަށް ސަތޭކަ ދަޢުވާއެއް ކުރިމިނަލް ކޯޓަށް ކޮންމެ އަހަރަކު ހުށަހެޅެއެވެ. ކުރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އެތަކެއް މައްސަލައެއް ނުނިމި ދިގުލައިގަނެގެންދެއެވެ. މީގެ ސަބަބުން، ދަޢުވާލިބޭ ފަރާތްތަކަށް އެތަކެއް ގެއްލުމެއްވެސް ކުރިމަތިވެއެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ބަލާއިރު، ދަޢުވާކުރުމަކީ އަވަސް މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ކަމެކެވެ. އެއީ، އަސާސީ ޙައްޤެކެވެ. އެހެން ނަމަވެސް، ދަޢުވާކުރުމަށްފަހު، މައްސަލަ ނުނިމި ދިގުލައިގެންދާފަހަރު ވަރަށް ގިނައެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނުގައި، ހުށަހެޅޭ ޖިނާޢީ މައްސަލައެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިނުވެއެވެ. ޖިނާޢީ އިޖުރާއާތުގެ ޤާނޫނާއި، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކަށް ބެލިއިރު، ކޯޓަށް ދަޢުވާ ހުށަހެޅުމާއި، ޝަރީޢަތުގެ އަޑުއެހުންތަށް ފެށުމުގައި މުއްދަތުތަކެއް ޤާނޫނުގައި ބަޔާންކޮށްފައި އެބަހުއްޓެވެ.

މިނިވަން ނޫހާއި ވާހަކަ ދެއްކެވި ދިފާޢީ ވަކީލަކު ބުނެފައިވަނީ، މައްސަލަ ނުނިމި ދިގުލަނީ ސަބަބުތަކެއް ހުރީމާކަމުގައި ޤަބޫލުކުރެވެއެވެ. އެގޮތުން، ދައުލަތުގެ ހެކިން ގަޑިއަށް ޙާޟިރުނުވުމާއި، ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޢަދަދަށް ބަލާއިރު، ފަނޑިޔާރުންގެ ޢަދަދު މަދުވުމާއި، މުވައްޒަފުންނާއި ތަނުގެ ދަތިކަންވެސް އެބަހުރިކަމަށް ވަކީލު ފާހަގަކުރެއްވިއެވެ.

"ބައެއް ފަހަރު ކުދިކުދި މައްސަލަތަކުގައިވެސް ޝަރީއަތް ނިމެންދެން އެބަ ބަންދުކުރޭ. އެތައް ދުވަހަކު "ވާނުވާ" ބަންދެއްގައި އެމީހާ އޮތުމަށްފަހު ހުކުމް ކުރާއިރު އެ ދައުވާއާ ގުޅިގެން އޭނާއަށް އަންނާނެ ހުކުމް ތަންފީޒުކޮށް ނިމިފަ މި އޮންނަނީ. ޝަރީއަތް ދިގުލައިގެން ދިއުމުގެ ސަބަބުން ތަންފީޒު ކުރަން ޖެހޭ ހުކުމަށްވުރެ ޖަލުގައި ހޭދަ ކުރި މުއްދަތު އިތުރު. މިފަދަ ކިތަންމެ ކަމެއް ހިނގާފައެބަހުރި. ހުށައެޅޭ ހުރިހާ ދައުވާތަކަކީ ސާބިތުވާ ދައުވާތަކެއްވެސް ނޫން. ޝަރީއަތް ނިމެންދެން ބަންދުގައި އޮންނަ މީހާ ޝަރީއަތް ނިމޭއިރު މައްސަލަ ސާބިތު ނުވާ ފަހަރުވެސް އާދޭ. ކާކުތޯ މީގެ ޒިންމާ ނަގަނީ." މަޝްހޫރު ދިފާޢީ ވަކީލަކު ވިދާޅުވިއެވެ.

ކުރިމިނަލް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޑްރަގް މައްސަލަތަކަކީ އެންމެ ގިނައިން ހުށަހެޅޭ ބާވަތުގެ މައްސަލަތެކެކެވެ. މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ޑްރަގް ކޯޓުގެ ދައުރަކީ ޑްރަގް ރިހެބިލިޓޭޝަން ފަރުވާގެ މައްސަލަތަށް ކުރިޔަށް ގެންދިޔުމެވެ. އެހެންވީމާ، ޑްރަގް ކޯޓުގެ ދައުރު ކުޑަކަން ފާހަގަވެއެވެ. ކުރިމިނަލް ކޯޓަށް ހުށަހެޅޭ ހުރިހާ ޑްރަގް މައްސަލަތަކެއް ހަމައެކަނި ޑްރަގް ކޯޓުގެ އިޚްތިޞާޞް ހިނގާނޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސްފިނަމަ، ކުރިމިނަލް ކޯޓުގެ ކޭސް ލޯޑް ކުޑަވެގެންދާނެއެވެ. ޑްރަގް ކޯޓަކީ ވަކި ބާވަތެއްގެ މައްސަލަތަކެއްގައި ތަޚައްޞުޞުވެފައިވާ ކޯޓަކަށްވެފައި، އެކޯޓުގައި ފަނޑިޔާރުންވެސް އެބަތިއްބެވެ. އެހެންކަމުން، މައްސަލަތައް ނިމެން މާ ގިނަ ދުވަހެއް ނުނަގާނެއެވެ.

ކޮންމެއަކަސް، ޖިނާޢީ މައްސަލަތަކަކީ ނިމުން ދިގުލައިގެންދާންޖެހޭ ބާވަތުގެ މައްސަލަތަކެއް ނޫނެވެ. ދިވެހިރާއްޖޭގައި ޖިނާޢީ ޢަދުލުގެ ނިޒާމުގައި އެނިޒާމު ހިންގުމަށްޓަކައި ބޮޑެތި ބޮޑެތި ގޮންޖެހުންތަކާއި ދަތިތަށް އެބަހުއްޓެވެ. ކަމާ ގުޅުންހުރި، ޤާނޫނުތަކަށް އެތަކެއް ބަދަލުތަކެއް މިހާރުވެސް ގެންނަންޖެހެއެވެ. ބަޖެޓް ލިބުމާއި، މުވައްޒަފުންނާއި، ފަނޑިޔާރުންގެ ޢަދަދު ގިނަކުރަންޖެހެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *