ދޮށީގެ މަސްވެރިކަން ތަޖުރިބާކޮއްލަން ތ. އަތޮޅު މަދަރުސާގެ ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުން މަހަށް ފުރައިފިއެވެ.
މި ދަތުރަކީ ދިވެހީންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމާއި ބެހޭގޮތުން ތ. އަތޮޅު މަދަރުސާގެ ގުރޭޑު 9 ން މަތީގެ ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ހޯދައި ދިނުމަށް ތ.ގުރައިދޫ މަސްވެރީން އަދި ތ.އަތޮޅު މަދަރުސާގުޅިގެން "މަމެންގެ ލޭނާރު 2022″ ނަމުގައި ކުރިޔަށް ގެންދާ މަސްދަތުރެއް ކަމަށް ތ. އަތޮޅު ސްކޫލުން ބުނެއެވެ.
ދަތުރުގެ ހުރިހައި އިންތިޒާމްތަކެއް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ކަނޑައަޅާފައިވާ މިންގަނޑުތަކާއި އެއްގޮތަށް ކަމަށް އެސްކޫލުން ބުނެއެވެ. ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މުދައްރިސުންނާއި ބެލެނިވެރީން، ޕޮލިހުން އަދި ސިއްޙީއެހީތެރީން މި ދަތުރުގައި ބައިވެރިވެފައިވާކަމަށް އެސްކޫލުން ބުނެއެވެ.
ދަރިވަރުންނާއެކު އެރަށު ދޯނިފަހަރު ފުރާފައިވަނީ މިއަދު ހަވީރުއެވެ. މިދަތުރު ރާވާފައިވަނީ މިރޭ ދިއްލައިގެން އެން ހިފުމަށްފަހު ހަނދުނު ކަނދުފައްޗަށް ގޮސް މަސްބާނާ އެކަން ތަޖުރިބާކޮއްލުމެވެ. ގުރައިދޫއަކީ މަސްވެރިންގެ މެޖޯރިޓީއެއް އޮންނަ ރަށެކެވެ.