ހަރުދަނާ ޖީލެއް ބިނާކުރުމަކީ ހަމަ އެކަނި ޓީޗަރުންނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ހާސިލުވާނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ނައިބުރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް 40 އަހަރު ފުރުން ފާހަގަކުރަން އެ މަރުކަޒުން ބޭއްވި ޖަލްސާގައި ފައިސަލް ވިދާޅުވީ ރަނގަޅު ތަޢުލީމީ ޖީލެއް ބިނާކުރެވޭނީ، މުޖުތަމައުގެ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށެވެ. ސްކޫލެއްގައި ކިތަންމެ ފެންވަރު ރަނގަޅު ޓީޗަރުންތަކެއް ތިބި ނަމަވެސް، އަދި ވަސީލަތްތައް ހުރި ނަމަވެސް، ހަރުދަނާ ދަރިންތަކެއް ބިނާ ނުކުރެވޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. މުޖުތަމަޢަށާއި ޤައުމަށް ފައިދާ ހުރި ޖީލެއް ބިނާކުރުމުގައި އެންމެން ގުޅިގެން މަސައްކަތް ކުރަން އެމަނިކުފާނު އެދިވަޑައިގަތެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒަކީ ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދެވޭ ނިޒާމެއްގެ ތެރެއިން ކިޔަވައިދިނުމަށް ހަމަޖައްސާފައިވާ ސްކޫލެއްކަމަށާއި ފާއިތުވި ދިޔަތަނުގައި ވެސް އެ ސްކޫލުން ގިނަ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ ކަމަށް ވެސް ފައިސްލް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަރުކަޒަށް 50 އަހަރު ފުރޭއިރު އެތަން ވެގެން ދާނީ ވަށައިޖެހޭ ތަޢުލީމެއް ފޯރުކޮށްދޭ ތަނަކަށް ކަމަށެވެ.
ސްކޫލެއްގެ ދައުރަކީ މުޖުތަމައަށް ފއިދާ ހުރި އަދި ގައުމަށް ބޭނުންތެރި ޖީލެއް ބިނާކުރަން ބޭނުންވާ މަސައްކަތާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ގިނަ ދާއިރާތަކަކުން ކުރިއަށް ދިއުމުގެ ފުރުސަތު ރާއްޖޭގައި އެބަ އޮތް ކަމަށް ވިދާޅުވެ، އެ ފުރުސަތުތަކުގެ ބޭނުންކުރަން ދަރިވަރުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.