ރާއްޖޭގައި އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އަވަށްޓެރި އިންޑިއާއިން ނުފޫޒުފޯރުވާ ކަަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ތުހުމަތުކުރަން ފަށައިފި އެވެ.
ޕީޕީއެންޕީއެންސީން މާލޭގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޕީއެންސީގެ ނައިބުރައީސް އަދި މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވިދާޅުވީ އިންޑިއާގެ ނުފުޒާ ހެދި، ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އިލެކްޝަންސް ކޮމިޝަނަށް އިންޑިއާއިން ދޭ އެކިއެކި ފަންނީ އެހީތެރިކަމަކީ އިންތިހާބަށް ނުފޫޒު ފޯރުވަން އިންޑިއާއިން ކުރާ ކަމެކެވެ.
"ހަމަ މި ޑިމޮކްރަސީ އައި ފަހުން ވެސް ބައިވަރު އިންތިހާބު ބާއްވައިފި. މިހާވަރަކަށް އަޅުގަނޑުމެނެއް ނުޖެހެޔޭ އަވަށްޓެރި ގައުމުތަކުން ޓްރޭނިން ހަދާކަށް،" އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބާ ގުޅުވައި އިލެކްޝަންސް ކޮމިޝަނަށް ވަރަށް ބައިވަރު ނުފޫޒު އަންނަ ކަމަށް އެ ކޮމިޝަނުގެ މެމްބަރުން ވިދާޅުވާ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ. އެހެން ނަމަވެސް އެއީ ތެދެއްކަމެއް ނުވަތަ ނޫންކަމެއް އަދި ނޭނގެ އެވެ. އީސީއަށް އަންނަ ކަމަށް އޭނާ ކުރެއްވި ތުހުމަތާއި އެކު އިދިކޮޅުން އެކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަށް ވަރަށް ބައިވަރު ނުފޫޒު އެބަ ފޯރުވާ. ވަކިން ހާއްސަކޮށް އިންޑިއާގެ ނުފޫޒު އިންތިހާއަށް އިންތިހާބުގެ ތެރެއަށް ވަންނަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުން އަޅުގަނޑުމެންނަށް ވިދާޅުވަމުން އެބަ ގެންދަވާ،" ޝުޖާއު ވިދާޅުވި އެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ނާކާމިޔާބުވީއްސުރެ، އެމަނިކުފާނާއި އެމަނިކުފާނު އިސްކޮން ހުންނަވާ ޕީޕީއެމްޕީއެންސީން އަންނަނީ އިންޑިއާއިން ރާާއްޖޭގެ ސިޔާސީ މަޝްރަަހަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރަމުންނެވެ. އިންޑިއާއިން ރާއްޖެއަށް އަސްކަރީ ގޮތުން ނުފޫޒުފޯރުވާ ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެ އެވެ.