logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ވޯލްޑްކަޕް 2022: ޝަރަފާއެކު ކުޅުން ހުއްޓާލުމަށް މެސީއަށް ރަނުގެ ފުރުޞަތެއް!  

އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ދުނިޔޭގައި މިވަގުތުހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިންގެ ތެރޭގައި އެންމެ އުހުގައި ހުރި އެއް ކުޅުންތެރިޔާއެވެ. މިފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަކީ މެސީގެ އެންމެ ފަހުގެ މުބާރާތްކަމުގައި ދާދި ފަހަކުން މެސީވަނީ ބުނެފައެވެ. މީގެ ކުރީން މެސީވަނީ 4 ވާލްޑްކަޕެއްގައި އާޖެންޓީނާއަށް ކުޅެފައެވެ.

ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގައި އެންމެ ފުރަތަމަ މެސީ ފެނިގެން ގޮސްފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުވިލާތުގައި ބޭއްވި ދުނިޔޭގެ ތައްޓަށް ކުޅުނު ފުޓުބޯޅަ މުބާރާތުގައެވެ. އެމުބާރާތުގައި އެންމެ ފުރަތަމަ ކުޅެފައިވަނީ ސާބިއާ އެންޑ މޮންޓެނީގްރޯ އަތުން 1-6 ގެ ނަތީޖާއިން އާޖެންޓީނާ މޮޅުވި މެޗުގައެވެ. އެމެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މެޗުގެ 88 ވަނަ މިނެޓުގައި ގޯލެއްވެސް ވަނީ ޖަހައިދީފައެވެ. އޭރު މެސީގެ އުމުރުން 19 އަހަރެވެ. އެމުބާރާތުގައި އާޖެންޓީނާ މުބާރާތުން ކަޓާފައިވަނީ ކުއާޓަރ ފައިނަލްގައި، ޖަރުމަނު ވިލާތުގެ އަތުން ޕެނަލްޓީ ޖަހައިގެން 2-4 ގެ ނަތީޖާއިން ބަލިވެގެންނެވެ.

މެސީގެ ދެވަނަ ވޯލްޑްކަޕަކީ 2010 ވަނަ އަހަރު ސައުތު އެފްރިކާގައި ބޭއްވި ވޯލްޑްކަޕެވެ. އެމުބާރާތުގައި މެސީވަނީ އާޖެންޓީނާއާއެކު ކުއާޓަރ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓަރ ފައިނަލްގައި އާޖެންޓީނާ ބަލިވެފައިވަނީ ޖަރުމަނުވިލާތުގެ އަތުން 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެމުބާރާތުގައި މެސީއަށް އެއްވެސް ގޯލެއް ކާމިޔާބުކުރެވިފައިވެސް ނުވެއެވެ.

މެސީގެ 3 ވަނަ ވޯލްޑްކަޕަކީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕެވެ. އެމުބާރާތުގައި މެސީގެ ހުނަރުވެރިކަންވަނީ ފެނިގެންގޮސްފައެވެ. އެމުބާރާތަށް އާޖެންޓީނާ ދިޔައިރު މެސީހުރީ އޭނާގެ ޕީކުގައެވެ. މުޅި އާޖެންޓީނާ ޓީމު އެއްކޮށް ކޮނޑަށްލައިގެން އުޅުނީ މެސީކަމުގައި ބުނެވިދާނެއެވެ. އެމުބާރާތުގެ ފައިނަލްގައިވެސް އާޖެންޓީނާ ބަލިވީ ޖަރުމަނުވިލާތުގެ އަތުން 0-1 ގެ ނަތީޖާއިންނެވެ. ގުރޫޕް ސްޓޭޖުގައި އާޖެންޓީނާ ކުޅުނު ހުރިހާ މެޗެއްގައި މެސީވަނީ ސްކޯކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޯލް އެވޯޑު ލިބުނީވެސް މެސީއަށެވެ.

2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވާލްޑްކަޕަކީ މެސީއަށް އެހާ ކާމިޔާބު މުބާރާތެއް ނޫނެވެ. ޙަޤީޤަތުގައި އެމުބާރާތަކީ މެސީގެ މުޅި ކެރިއަރުގައި ދިމާވި އެންމެ ބޮޑު ހިތްދަތިކަމެވެ. އާޖެންޓީނާއަށް ނޮކައުޓަށް ކޮލިފައިވުމުގައި އެންމެ ބޮޑެތި ގޮންޖެހުންތަށް ކުރިމަތިވި ފަހަރެވެ. އެހެން ނަމަވެސް، ގުރޫޕް ސްޓޭޖު ފަހު މެޗުގައި މެސީގެ ޖާދުލާއެކު ނައިޖީރިއާއަތުން މޮޅުވެ، ރައުންޑ އޮފް 16 ގައި އެމްބާޕް އަދި ފްރާންސްގެ އަތްދަށުވެ، މެސީ އަދި އާޖެންޓީނާއަށް މުބާރާތް ނިމުނީއެވެ.

މިފަހަރުގެ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތަށްފަހު ޔަޤީނުންވެސް މެސީ ދެނެއް ވޯލްޑްކަޕުން ނުފެންނާނެއެވެ. މެސީއާއެކު އާޖެންޓީނާގައި ވާދަކުރި އެތަކެއް ހުނަރުވެރި ކުޅުންތެރިންވެސް މިހާރުވަނީ ކުޅުން ހުއްޓާލާފައެވެ. އޭގެ ތެރޭގައި ކާލޯސް ތެވޭޒް، ސާޖިއޯ އަގުއެރޯ، ގޮންޒާލޯ ހިގުއައިން އަދި މަޝެރާނޯ ފަދަ ހުނަރުވެރި ކުޅުންތެރިން ހިމެނެއެވެ. މިފަހަރުގެ މުބާރާތަށްފަހު ޑިމާރިއާ އަދި ނިކޮލަސް އޮޓަމެންޑީވެސް ކުޅުން ހުއްޓާލާނެކަމަށް ބެލެވެއެވެ.

އާޖެންޓީނާއަކީ މަރަޑޯނާގެ ރަން 1986 ގެ ފަހުންވެސް މޮޅެތި އެތަކެއް ފުޓުބޯޅަ ކުޅުންތެރިންގެ ޤައުމެވެ. އޭގެ ތެރޭގައި ގެބްރިއެލް ބަޓިސްޓޫޓާ، ޒެނެއްޓީ، އޮރްޓޭގާ، ސިމިއޯނީ، އަޔާލާ، ކްރެސްޕޯ، ސަވިއޯލާ އަދި ވެރޯން އާއި ރިކުއެލްމޭފަދަ ލެޖެންޑުން ހިމެނެއެވެ. އެހެން ނަމަވެސް، މީގެން އެއްވެސް ކުޅުންތެރިއަކަށް މެސީފަދަ ހުނަރުވެރިކަމެއް އާޖެންޓީނާގައި ދެއްކިފައިނުވެއެވެ. މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން މެސީ ހޯދައިފިނަމަ އާޖެންޓީނާގައި ޑިއޭގޯ މަރަޑޯނާ އެކަނި މަސައްކަތުން ހޯދައިދިން ވޯލްޑްކަޕް ފަދައިން، މިއީ މެސީ އާޖެންޓީނާއަށް ހޯދައިދިން ތައްޓެއްކަމުގައި ބެލޭނެ ޖާގަ އެބައޮތެވެ. ޝަރަފާއެކު ނިންމާލުމަށް މެސީއަށް ރަނުގެ ފުރުޞަތެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *