ޕޮލިސް ބޯޑުގެ ލަފަޔަކަށް، ފުލުހުންގެ ފަސް އޮފިސަރަކު ވަކިކުރަން ނިންމި ނިންމުން ބާތިލުކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ދައުލަތުން މިއަދު ހައިކޯޓުގައި އިސްތިއުނާފުކުރަން އެޓާޖީ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
މިދިޔަ އަހަރު ފާސްކޮށް އަމަލުކުރަން ފެށި ފުލުހުންގެ އާ ގާނޫނުގެ ދަށުން، ޕޮލިސް ބޯޑުގެ ލަފަޔާ އެކު ވަކިކުރީ ހަތް އޮފިސަރެކެވެ. އޭގެ ތެރެއިން ފަސް އޮފިސަރަކު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން އިއްޔެ ހުކުމް ކުރީ ފުލުހުންގެ އިދާރާއިން އެގޮތަށް ނިންމާފައި ވަނީ ފުލުުހުންގެ ގާނޫނާ ހިލާފަށް ކަމަށެވެ.
ވަކިކުރަން ނިންމުމުން ފުލުހުންގެ އިދާރާއާ ދެކޮޅަށް މައްސަލަ ހުށަހެޅީ މިދިޔަ އަހަރު ވަކިކުރި ހަތް އޮފިސަރުންގެ ތެރެއިން ފަސް އޮފިސަރެކެވެ. އެއީ އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
އެ މައްސަަލަ ބެލުމަށް ފަހު ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި އޮތީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އިސް އޮފިސަރަކު ވަކި ކުރެވޭނީ ތުހުމަތު ކުރެވޭ މައްސަލާގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނެފައިވާއިރު، އެ ފަސް އޮފިސަރުންނަށް ނިސްބަތްވާ ގޮތަށް ޕޮލިސް ބޯޑުން އެފަދަ ނިންމުމެއް ނިންމާފައިވާކަން އެނގެން ނެތް ކަމަށެވެ.
އަޙްމަދު މުޙައްމަދު އާއި އިތުރު 4 ފަރާތެއް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ދަޢުވާކުރި ސިވިލް ކޯޓުގެ ނ.
3439/Cv-C/2021 ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފުކުރުމަށް ވަނީ ނިންމާފައެވެ.— AG Office Maldives (@AGOmv) December 22, 2022
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ އެ އޮފިސަރުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރަން ނިންމީ އެ ހުކުމުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު މާނަކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ނުފެންނާތީ ކަމަށެވެ.