މީގެ ހަތަރުމަސް ކުރިން ގުރައެއް ވަގަށްނެގި މީހަކު ހޯދުމަށް ފުލުހުން މިއަދު އޭނާގެ ފޮޓޯ އާއްމުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ޕޮޓޯއާ އެކު އާއްމުކުރި ބަޔާނުގައި ބުނީ އެ ޕޮޓޯއިން ފެންނަ މީހާއަކީ މިއަހަރުގެ އޮގަސްޓް މަހުގެ އަށް ވަނަ ދުވަހު ގުރައެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މާފަންނު ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާ މީހެއް ކަމަށެވެ.
ގުރައެއް ވަގަށް ނަގާފައިވާ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/BAOWA73apo pic.twitter.com/yR0bvbzOxp
— Maldives Police (@PoliceMv) December 22, 2022
ފުލުހުން އާއްމުކުރި ފޮޓޯއިން ފެންނަ ގޮތުގައި ގުރާ ވަގަށް ނެގި މީހާ އޭތި ހިފައިގެން ދިޔައީ ބައިސްކަލެއްގަ އެވެ. ފޮޓޯއިން ފެންނަ ބާވަތުގެ ބައިސްކަލްތައް މާލޭގައި މިހާރު އާއްމުކޮށް ދުއްވަނީ ބިދޭސީންނެވެ.
އެއިއުލާނުގައި ބުނި ގޮތުގައި އެގުރާ ވަގަށް ނަގާފައިވަނީ މާފަންނު ބިސްބުރު ކައިރިން، ޖަވާހިރު ހިނގުމުގައި ހުރި ތަނަކުންނެވެ. އެއީ 3500 ރުފިޔާގެ އަގު ހުރި ގުރައެއްކަމަށް ވެސް ބުންޏެވެ.
އެމީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅަން ފުލުހުން އެދެއެެވެ.