logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގދ. ދާންދުއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުތް ބައެއް ރައްޔިތުންނާ ސަލާމްކުރައްވަނީ. ރައީސް ވިދާޅުވީ ގެއްލުނު އެތައް ހައްގެއް ހޯދައިދެވިއްޖެ ކަމަށް. ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ކިބައިން ނިގުޅައިގަނެވިފައި ހުރި އެތައް ހައްގެއް ހޯދައިދެވިއްޖެ: ރައީސް

ރައްޔިތުން 2018 ވަނަ އަހަރު ވޯޓު ދިން އިރު އޭރު ގެއްލިފައި ހުރި ހައްގުތައް ހޯދައިދޭން އެދުނު ކަމަށާއި އޭރު ރައްޔިތުންގެ ކިބައިން ނިގުޅައިގަނެފައި ހުރި އެތައް ހައްގެއް މިހާރު ހޯދައިދެވިއްޖެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ގއ. ދާންދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރަން އެރަށުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައީސްކަމަށް އެމަނިކުފާނު އިންތިހާބުކުރަން ރައްޔިތުން ވޯޓު ދިން އިރު އެ ވޯޓް ދިނީ ގިނަ ކަންތައްތަކަކަށް އެދި ތިބެ ކަމަށެވެ. އޭގެ އެއް ކަމަކީ އޭރު އޮތް ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް ގެނައުން ކަމަށާއި އޭރު އޮތް ނުތަނަވަސްކަމާއި އިޖުތިމާއީ ބިރުވެރިކަން ނައްތައިލުމަކީ ވެސް ރައްޔިތުން ބޭނުންވި ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

" އޭރު ގެއްލިފައި އޮތް ރައްޔިތުންގެ ޙައްޤުތައް ހޯދައިދޭން އެދުނު. ބޭނުންވެފައި އޮތް އަސާސީ ޚިދުމަތްތަކެއް، އެތައް ދުވަހެއް ވާންދެން ވަކިވަކި ފަރުދުންނަށާއި، ރަށްރަށަށް ބޭނުންވެފައި ހުރި އަސާސީ ޚިދުމަތްތައް ރައްޔިތުން އަވަހަށް ބޭނުންވޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އޭރު ރާއްޖޭގައި އޮތް ހަލަބޮލިކަން އޭރު އޮތް ގޮތަކަށް މިހާރަކު ނެތެވެ. އޭރު ގެއްލިފައި އޮތް އެތައް މިނިވަންކަން މިހާރު ހޯދައިދެވިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

" ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައި ހުރި އެތައް އަސާސީ ޙައްޤުތަކެއް، މިނިވަންކަމެއް ހޯދައިދެވިއްޖެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކަށް މިހާރަކު ހުރަހެއް ނެތް. ނޫސްތަކުގައި އެ ގެންދަވަނީ، އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތް ފާޅުކުރަމުން، ހާމަކުރަމުން. އެއީ، އަޅުގަނޑު ކަމަށްވިޔަސް، މި ތިއްބެވި ވަޒީރުންނާ ދިމާއަށް ކަމަށްވިޔަސް، ބޭނުން ވާހަކައެއް، ބޭނުންގޮތަކަށް ލިޔެ ވާހަކަ ދައްކަމުން އެ ގެންދަނީ. ހުރަހެއްނާޅަން. އަޅުގަނޑުމެންނަށް އެ ކަންތައް ބަލައިގަނެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ކަމަށް ވަޑައިގެންނެވި އިރު ރާއްޖޭގެ ހާލަތު އޮތް ގޮތް ސިފަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އޭރުގައި ރާއްޖޭގެ ވިޔަފާރިވެރިންނަށް ވެސް މިނިވަންކަމެއް ނެތް ކަމަށެވެ. ޓޫރިޒަމް ދާއިރާގައި އިންވެސްޓް ކުރަން ބޭނުން ވެއްޖެ ނަމަ އެކަން އޭރު ކުރަން ޖެހޭ ގޮތް މިއަދު އެއޮތީ ފެންނަން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ ޓޫރިޒަމަށް ރަށެއް ހޯދުމަށް ޓަކައި އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް މީހަކު ރިޝްވަތު ދިން ކަމަށް ތުުހުމަތުކޮށް، ދައުލަތުން އެމަނިކުފާނާ ދެކޮޅަށް އުފުލާފައިވާ ދައުވާއަށް ކަމަށް ބެލެވެ އެވެ.

"ވިޔަފާރިއެއް ކުރަން ބޭނުންކަމަށްވަންޏާ، އަދި ޓޫރިޒަމް ދާއިރާގައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަން ބޭނުންވެއްޖެ ކަމަށްވަންޏާ، ކުރަންޖެހޭގޮތް، އޭރު ކުރެވިފައި އޮތްގޮތް، ކުރިގޮތް މިއަދު އޮތީ ފެންނަން،" ރައީސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެވާހަކަފުޅުގެ ތަފްސީލަކަށް އެމަނިކުފާނު ވަޑައެއް ނުގަންނަވަ އެވެ. އޭގެ ބަދަލުގައި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަން މިހިސާބަށް އައި އިރު މިނިވަންކަމާ އެކު ވިޔަފާރި ކުރުމުގެ މާހައުލެއް ގާއިމްކޮށްދީފައިވާ ކަމަށެވެ. ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ތެރޭގައި އެެއްވެސް ވިޔަފާރިވެރިއަކަށް ހުރަސްނާޅާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *