logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޖަޒުބާތުގައި ރައީސް ޔާމީން ދެއްކެވި ދަށު ދަރަޖައިގެ ވާހަކަ!

އިދިކޮޅު ކޯލިޝަނުން އެންމެ ފަހުން ބޭއްވި ޖަލްސާގައި އެންމެ ގިނަ ސިޔާސީ ހަމަލާތައް އަމާޒުކުރުވީ ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއަށެވެ. ރައީސް އަބްދުﷲ ޔާމީނުގެ ޖަޒުބާތީ ވާހަކަތަކުގައި ވެސް އަބްދުﷲ ޝާހިދުގެ ނަންފުޅަށް ކިލަނބުކޮށްލެއްވުމަށް ދަށު ދަރަޖައިގެ ވާހަކަތައް ދެއްކެވިއެވެ. މިހިސާބުން އުފެދެނީ އެންމެ ސުވާލެކެވެ. ރައީސް ޔާމީން، އަބްދުﷲ ޝާހިދު ދެކެ އެހާ ބޮޑަށް ނަފްރަތު ކުރައްވަނީ ކީއްވެތޯއެވެ؟ ޖަވާބު ސާފެވެ؛

ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެ އޮތީ ދުނިޔެއާ މުޅިން ކަހަލަ ގޮތަކަށް އެކަހެރިވެފައެވެ. އަވަށްޓެރި ގައުމުތަކާ ގުޅުން ގޯސްވެފައެވެ. އިންޑިޔާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރުވާފައެވެ. އެހުރިހާ ކަމެއް ހަމަ މަގަށް އަޅުއްވައި، ދިވެހިރާއްޖެ ޚާރިޖީ ދުނިޔޭގައި ފިޔަޖަހުވާލަ ދެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދެވެ. ރައީސް ޔާމީންގެ ފޮރިން ސިޔާސަތުގެ ނާޒުކު ކަމާއި ނިކަމެތިކަން ދިވެހިންނަށް ދައްކުވައި ދެއްވީ ވެސް ޝާހިދެވެ. އަދި އދ.ގެ އާންމު މަޖިލީހުގެ ރައީސްކަން ކުރައްވައި، ދުނިޔޭގެ ނުފޫޒު ފަދަ ބޮޑެތި ގައުމުތަކުގެ ތާޢީދާއި ނުރުހުން ހޯއްދެވީ ވެސް ޝާހިދެވެ. މިއީ ދިވެހިން އެކަމަކާ ފަހުރުވެރިވާ ނަމޫނާ އަދި ތާރީޚީކަމެކެވެ. ރައީސް ޔާމީން ޝާހިދުއަށް ނަފްރަތާއި ރުޅިވެރިކަން ބަންޑުން ކޮށްލެއްވީ މިކަން ކަމަށް ޖަދަލު ކުރެއްވޭނެ އެހެން ހަމައެއް ފެނިވަޑައި ނުގެންނެވުމުންނެވެ.

ރައީސް ޔާމީނާއި ޓީމަށް އެނގިވަޑައި ނުގެންނެވި ހަގީގަތަކީ ފަހުގެ ތާރީޚުގައި ދިވެހިރާއްޖެ ދުށް އެންމެ ކާމިޔާބު އެންމެ ހަރަކާތްތެރި، އެންމެ ހުށިޔާރު އަދި ނަމޫނާ ފޮރިން މިނިސްޓަރަކީ އަބްދުﷲ ޝާހިދުކަމެވެ. މިއީ ދުނިޔެއިން އަބްދުﷲ ޝާހިދު ސިފަކޮށްފައިވާ ގޮތެވެ. ދިވެހި ނޫސްވެރިން އަބްދުﷲ ޝާހިދަށް ދީފައިވާ ދަރަޖައެވެ. ދިވެހިން ޝާހިދުގެ މަސައްކަތައް ބަލައިގެންފައިވާ ގޮތެވެ.

ވަގު ބަދުނާމު ޝާހިދުގެ އިސްތަށިފުޅުގައި ރައީސް ޔާމީނާއި އޭނާގެ ސިޔާސީ ބައިވެރިން އެޅުއްވީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން އާންމު ދިވެހި ރައްޔިތުންނަށް ސާފުކޮށް ދޭހަވާނެ ގޮތަށް އަބްދުﷲ ޝާހިދު ތިލަކޮށްދެއްވާތީއެވެ. މިއަދު ކްރިމިނަލް ކޯޓުން އެ އިއްވި ހުކުމުން ޝާހިދުގެ ވާހަކަފުޅުގެ ހަގީގަތް އެނގިގެން ހިނގައްޖެއެވެ. ރައީސް ޔާމީން ރިޝްވަތު ހިފިކަން އެއޮތީ ޝަރީއަތަށް ސާބިތުވެފައެވެ. މަނީ ލޯންޑްރީގެ މުޑުދާރު އަމަލު އެއޮތީ ސާބިތުވެފައެވެ. ރައީސް ޔާމީން ޕޯޑިއަމުގައި އަނެކުންނަށް ވަގަށް ގޮވުމަކީ އަޖައިބުވާންވީ ކަމެއްނޫނެވެ.

ޕީޕީއެމް ޕީއެންސީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީނުގެ ސްޕީޗް އަޑުއަހާލުމުން ސާފުވަނީ ބަދަލުހިފުމުގެ ރޫހާއި ނަފްރަތާއި ރުޅިވެރިކަމާއި އަނިޔާވެރިކަމުގެ ރާގާއި ޖަޒުބާތުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިފައިވާކަމެވެ. މިސާލަކަށް އެންމެ ފަހު ރިޔާސީ އިންތިހާބުން ނާކާމިޔާބު ލިބިވަޑައިގެންނެވިއިރު އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އިލެކްޝަން އޮޅުވާލީ ކަމަށް ވިދާޅުވެ ދެއްވި އިންޒާރެވެ. ވިދާޅުވީ ޝަރީފު މިހާރު ކަރަންޓުގައި ޖެހެންޏާ ޖެހެންވީ ކަމަށާއި ޕީޕީއެމްޕީއެންސީގެ ވެރިކަމެއްގައި ޝަރީފުއަށް ފިލައިގެން ނުދެވޭނެ ކަމަށެވެ.

ދެން ހަމަލާ ދެއްވީ ކުރީގެ މިތުރު ފަހުން ހަތުރުންނަށްވި ފަނޑިޔާރުންނަށާއި ސަލާމަތީބާރުތަކަށެވެ. އެއަށްފަހު އަވަށްޓެރި އިންޑިޔާއަށް ނަފްރަތުގެ އުދާސްތައް އޮއްސަވާލެއްވީއެވެ. ހަގީގީ ސިޔާސީ ލީޑަރުންގެ ކިބައިން ނުފެންނާނެ ފަދަ ދަށުދަރަޖައިގެ ބަހުރުވައިންނެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *