logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމް 3 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

އާރަށުގެ މައްސަލައިގައި ޔޫސުފް ނައީމް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

ރިޝްވަތު ދިނުމުގެ ކުށަށް ޔޫސުފް ނައީމްގެ މައްޗަށް އިއްވީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަދަބު ލުއިކުރުމަށް ނައީމްގެ ހުށަހެޅުންތައް 

  • 14 ވަނަ މާއްދާގެ ދަށުން ޔޫސުފް ނައީމް ކުށުގެ ރިކޯޑެއް މި މައްސަލައިގެ ކުރިން ނެތް ކަމަށް ބުނެ،
  • 15 ވަަނަ މާއްދާގެ ދަށުން އޭނާއަކީ 2004 ވަނަ އަހަރު، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ މެމްބަރުކަން އަދާކޮށްފައިވާ ބޭފުޅަކަށް ވެފައި، 2009 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރަށް ރައްޔިތުން މަޖިލީހުގެ ވ. ފެލިދޫ ދާއިރާގެ މެމްބަރުކަން ކުރައްވާފައި ވުމުން އޭނާއަކީ ގަދަރުވެރި ޝަހްސިއްޔަތަކަށް ވާކަމަށް ބުނެ، އަދި ޓޫރިޒަމް ސިނާޔަތުގައި 1993 ވަނަ އަހަރުން ފެށިގެން އަމިއްލަ ވިޔަފާރީކޮށް އާންމުދަނީ ހޯދަމުން ދާކަމަށް ބުނެ،
  • 21 ވަނަ މާއްދާގެ ދަށުން އޭނާއަކީ ހިތަށް ހޮޅިކޮޅެއް ލެއްވުމަށް ސާޖަރީއެއް ކޮށްފައިވާ މީހަކަށް ވެފައި، ހާސްކަމާއި ދުރުގައި އުޅުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވާތީ ހާއްސަ އަޅާލުމަށް ބޭނުންވާ މީހެއް ކަމަށް ބުނެ،

މި ނުގުތާތަށް ފާހަގަކުރުމަށްފަހު ނައީމްގެ ފަރާތުން ވަނީ އޭނާގެ މައްޗަށް ސާބިވި ކުށުގެ އަދަބުގެ ދެބައިކޮޅު އެއްބައި ގޭ ބަންދަށް ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި ޖޫރިމަނާއެއް ކުރުމަށްފަހު ކަމުގައި ވީނަމަވެސް އަދަބު ލުއިކޮށްދިނުމަށް ދިފާއުން އެދުނެވެ.

"ކުށުގެ އަދަބުގެ ބައެއްގެ ގޮތުގައި ޖޫރިމަނާ އެއް ހިމެނުމަކީ ކުރެވޭ މަލާމާތެއް ކަމުގައި ނޫނީ ވެގެން ނުވާނެ،" ހައިކޯޓުގެ (އިބްރާހިމް ޝާހިދު ވ ދައުލަތް) ގަޒިއްޔާއަށް ހަވާލާދެމުން ދައުލަތުގެ ވަކީލުން ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ ޖަލު ބަންދުން، ގޭ ބަންދަށް ބަދަލުކޮށްދެނީ ކުދި ކުށްތަކުގައި ކަމަށެވެ. އަދި ޔޫސުފް ނައީމްއަކީ ރައްޔިތުން މަޖިލީހުގެ މެމްބަރުކަމާއި ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ ބޭފުޅަކަށް ވާތީ، އޭނާގެ މައްޗަށް ސާބިތުވި ކުށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެ ފަދަ ކުށްތަކާއި ދުރުވުމަށް ހާއްސާ ސަމާލުކަމެއް ދޭން ޖެހޭނެ މީހެއްގެ ގޮތުގައި ބެލެވޭނެ ކަމަށެވެ. އެކަމަށް އިޝާރާތްކޮށް، ދައުލަތުން ދެކުނީ، އޭނާ ކުށް ކުރީ ކުށުގެ ދަރަޖަ އެނގި ހުރެ ކަމަށެވެ. އެެހެންވެ އަދަބު ލުއި ކޮށްދިނުމަށް ދައުލަތުން އިންކާރު ކުރި އެވެ.

ކުށް ސާބިތުވި ކަމަށް ކަނޑައެޅުމުގައި ފަނޑިޔާރު ރިޔާއަތް ކުރި ބައެއް ކަންކަން: 

  • އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށް ކުއްޔަށް ދޫކުރަން ޔާމީން މަސައްކަތް ކުރި ކަމަށާއި ޔޫސުފް ނައީމަށް އެ ރަށް ދޭން އުޅުނު ކަން އެނގެން އޮތުމުން
  • ރިޝްވަތުގެ ފައިސާ ހޯދުމަށް ޔާމީން އެކި ފަހަރު މަސައްކަތް ކޮށްފައިވާ ކަމާއި، އެދިވަޑައިގަތް އަދަދަށް އެމަނިކުފާނުގެ އެކައުނޓަށް ފައިސާ ޖަމާވިކަން ހެކިތަކުން ސާބިތުވުމުން
  • މަނީ ލޯންޑްރިންގެ ދައުވާގެ ދެ ރުކުން ކަމުގައިވާ ކުށް ކޮށްގެން ހޯދައިގެންވާ ފައިސާއެއް ކަމާއި، ކުށްކޮށްގެން ހޯދި ފައިސާއެއް ކަން އެނގިހުރެ ބޭނުން ކުރި ކަން ދައުލަތަށް ޝައްކެއް ނެތް މިންވަރަށް ސާބިތުކޮށްދެވިފައި ވުމުން.

މި މައްސަލައިގެ ބާވަތުން ޖަލުހުކުމުން ޖޫރިމަނާއަކަށް ބަދަލުކޮށްދެވެން ނެތް ކަމަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ ނިންމަވާފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *