logo minivan

English

އަންގާރަ, 15 އޮކްޓޯބަރ 2024

ތިލަމާލެ ބްރިޖް އަންނަ އަހަރު ގުޅިފަޅާ ހިސާބަށް ނިމޭނެ: ރައީސް

ތިލަމާލެ ބުރިޖް ޕްލޭނާއި އެއްގޮތަށް ކުރިޔަށް ދާކަމަށާއި އަންނަ އަހަރުގެ ޑިސެމްބަރު މަހު އެ މަސައްކަތް ގުޅިފަޅާ ހިސާބަށް ނިމޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކައް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ތިލަމާލެ ބުރިޖުގެ ފުރަތަމަ މަރުހަލާ އަކީ މާލެއިން ފެށިގެން ގުޅީފަޅާ ހިސާބައް ނިންމުންކަމަށާއި އެ މަރުހަލާ ނިންމަން ކުރިން ވެސް ކަނޑައަޅާފައި އޮތް ތާރީހަކީ އަންނަ އަހަރުގެ ޑިސެމްބަރު ކަމަށެވެ.

އެހެން ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖްގެ މަސައްކަތް ވިލިމާލެއާ ހިސާބަށް ނިންމާނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. ރައީސް މިއަދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖްގެ މަސައްކަތް އެހިސާބަކަށް ނުނިމޭނެ އެވެ. އެއީ އެކަމަށް އިތުރު ފައިސާ ހަރަދުކުރަން ޖެހޭ އިރު މިވަގުތު އެހަރަދު ކުރުމަކީ ރަނގަޅުކަމަކަށް ނުވާތީ އެވެ.

"ޕްލޭންގައި މި އޮތީ މާލެ، ގުޅިފަޅާ ހިސާބަށް ޑިސެމްބަރު 2023 އާ ހިސާބަށް ނިންމަން. އަދި އެޕްލޭނާ އެއްގޮތަށް ކުރިއަށް އެބަދޭ. އެއަށް ބަދަލެއް އަންނަންޏާ އަޅުގަނޑުމެން އިއުލާނުކުރާނަން،" ރައީސް ވިދާޅުވި އެވެ.

ބްރިޖްގެ މަސައްކަތުގެ ފެންވަރާ މެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދާތީ އެކަމާ ގުޅޭ ގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތުގެ ފެންވަރު ވަޒަން ކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖް ގެ ފެންވަރު ވެސް ވަޒަންކުރި ޗައިނާގެ ކުންފުންޏާ ކަމަށެވެ. ތިލަމާލެ ބްރިޖްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އެކުންފުނިން ބަލަމުން ގެންދާ ކަމަށާއި އެހެންވީމާ އެ މަސައްކަތުގެ ފެންވަރާ މެދު ސުވާލެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *