logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ޗައިނާގެ ބެއިޖިން އެއާޕޯޓުގައި ބަޔަކު ފުރަން ގޮސް ފޮޓޯ: އޭޕީ

ކޮވިޑްގެ ސާފު މައުލޫމާތުދޭން ޑަބްލިއުއެޗްއޯއިން އަނެއްކާވެސް ޗައިނާއަށް ގޮވާލައިފި

ޗައިނާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީވެ ރިއެލް ޑޭޓާ ނުވަތަ ފަހުގެ މައުލޫމާތު ހިއްސާކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަނެއްކާވެސް ޗައިނާގެ އޮފިޝަލުންގެ ކިބައިން އެދިއްޖެއެވެ.

ޗައިނާގެ އޮފިޝަލުންގެ ބައްދަލުވުމަށްފަހު އެ އެޖެންސީން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ޑަބްލިއުއެޗްއޯއިން އަނެއްކާވެސް އެޕިޑެމިއޮލޮޖިކަލް ހާލަތާ ގުޅޭ ވަކި އަދި ރިއަލް ޓައިމް ޑޭޓާތައް ގަވާއިދުން ހިއްސާ ކުރުމަށް އެދުނު ކަމަށެވެ. އޭގެ ތެރޭގައި ޖެނެޓިކް ސީކުއެންސިންގެ އިތުރު ޑޭޓާއާއި ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއި އައިސީޔޫގައި އެޑްމިޓްކުރުމާއި މަރުވާ މީހުން ހިމެނޭ ގޮތަށް ބަލިތަކުންކުރާ އަސަރުތަކުގެ ޑޭޓާ ހިމެނޭ ކަމަށެވެ.

"ޑަބްލިއުއެޗްއޯއިން ވަނީ ޗައިނާ އާއި ދުނިޔޭގެ މުޖުތަމައުއަށް ސައްހަ ރިސްކް އެސެސްމަންޓްތައް އެކުލަވާލުމަށާއި ހަރުދަނާ ރެސްޕޮންސްތައް އަންގައިދިނުމަށްޓަކައި މޮނިޓާކޮށް ވަގުތުން ޑޭޓާ ޝާއިއު ކުރުމުގެ މުހިންމުކަން ފާހަގަކޮށްފައި" ޑަބްލިއެޗްއޯގެ ބަޔާނުގައި ބުންޏެވެ.

ހަރުކަށި "ޒީރޯ-ކޮވިޑް" ސިޔާސަތު އުވާލުމާ އެކު ޗައިނާގައި ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކަންބޮޑުވުން އުފެދި، ޗައިނާގެ ޑޭޓާ ރިޕޯޓިންއާ މެދު އަނެއްކާވެސް ސުވާލު އުފެދިފައިވާ އިރު، ބައެއް ހޮސްޕިޓަލްތަކާއި މޯޗަރީތައް ފުރިފައިވާ ކަމުގެ ހެކި ލިބިފައިވީ ނަމަވެސް ރަސްމީ ކޮށް ބަލި ފެތުރޭ މިންވަރު ދަށް ކަމަށް ޗައިނާއިން ބުނެއެވެ. އަދި ބަލީގައި މަރުވަނީ މަދު ބަޔަކު ކަމަށްވެސް ވަނީ ބުނެފައެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެ ބައްދަލުވުމަކީ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށާއި ޑަބްލިއުއެޗްއޯގެ ތަޖުރިބާ އާއި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނާއި ނޭޝަނަލް ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އެޑްމިނިސްޓްރޭޝަންގެ އޮފިޝަލުން ޑަބްލިއުއެޗްއޯއަށް އެޕިޑެމިއޮލޮޖީ، ވޭރިއަންޓް މޮނިޓަރިން، ވެކްސިން، ކްލިނިކަލް ކެއާ، ކޮމިއުނިކޭޝަން އެންޑް ރިސާޗް އެންޑް ޑިވެލޮޕްމަންޓާ ގުޅޭ ގޮތުން ޗައިނާއިން ގެންގުޅޭ ސްޓްރެޓެޖީ އާއި ފިޔަވަޅުތަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވި ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ސީރިއަސް ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން އާއި ބޫސްޓާގެ މުހިންމުކަން އެ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯއިން ތަކުރާރުކޮށްފައިވެއެވެ. ވައިރަލް ސީކުއެންސިން، ކްލިނިކަލް މެނޭޖްމަންޓް އަދި އިމްޕެކްޓް އެސެސްމަންޓް ހަރުދަނާ ކުރުމަށް ޑަބްލިއުއެޗްއޯއިން ޗައިނާއަށް ގޮވާލާފައިވާއިރު، އެ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ވެކްސިން ދިނުމުގައި ރިސްކް ކޮމިއުނިކޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކުރިއެވެ. ކޮވިޑްގެ މާހިރުންގެ ނެޓްވޯކްތަކުގައި އިތުރަށް ގާތުން ބައިވެރިވުމަށް ޗައިނާގެ ސައިންސްވެރިންނަށް ދައުވަތު ދީފައިވެއެވެ.

ލޮކްޑައުންއާ ދެކޮޅަށް ޗައިނާގައި ކުރި މުޒާހަރާތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ދޫކޮށްލާފައިވާކަން ހާމަކޮށްފައެވެ. އެމެރިކާ، ދެކުނު ކޮރެއާ، އިންޑިއާ، އިޓަލީ، ޖަޕާން އަދި ޓައިވާން ފަދަ ގައުމުތަކުން ވަނީ ޗައިނާއިން ދަތުރުކުރާ މީހުންނަށް ކޮވިޑް ޓެސްޓު ކުރަން ޖެހޭ ގޮތަށް ހަމަޖައްސައިފައެވެ.

އަލަށް ކޭސްތައް އިތުރުވެފައި މިވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީން ކޮރޯނާވައިރަހުގެ ފުރަތަމަ ކޭސް ފެނުނުތާ ގާތްގަނޑަކަށް ތިން އަހަރު ފަހުންނެވެ.

އޭގެ ފަހުން މިހާތަނަށް 650 މިލިއަނަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހި، 6.6 މިލިއަނަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *