ރިޔާސީ އިންތިހާބު އޮންނަ އަހަރު އައި އިރު ރާއްޖެއަށް އިގުތިސާދީ ދަތިކަން ކުރިމަތިވެ، ސަރުކާރުގެ ހަރަދު ކުޑަކުރަން ޖެހުނީ ސަރުކާރުގެ ރޭވުންތެރިކަމެއް ނެތީމާ ކަަމަށް ތުހުމަތުކުރައްވައި ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރަން ފުވައްމުލަކުގައި މިއަދު ބޭއްވި ޖަލްސާައެއްގައި ނަޝީދު ވިދާޅުވީ އިންތިހާބީ އަހަރު އައި އިރު ރާއްޖެ ދަތީގެ ތެރެެއަށް ގޮސް، ވަޒީފާތައް މަދުކޮށް، ހަރަދު ކުޑަކުރަން ޖެހިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދައުލަތުން ދޭ އިނާޔަތްތައް ވެސް މަދުކުރަން ޖެހިފައިވާ ކަމަށެވެ.
"މިހުރިހާ ކަމެއް އަޅުގަނޑުމެނަށް ކުރާން މިޖެހުނީ ރޭވުންތެރިކަމެއް ނެތީމާ،" ނަޝީދު ވިދާޅުވި އެވެ.
ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުން ނުރުހުން ފާޅުކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެއީ އެމްޑީޕީގެ ނިންމުއް ނޫން ކަމަށެވެ. ޓެކްސް ބޮޑުކުރުމުގެ ސަބަބުން ތަކެތީގެ އަގު ވަރަށް ބޮޑަށް އުފުލިގެން ދާނެ ކަމަށާއި ޖެނުއަރީ އެއް ވަނަ ދުވަހު އުފުލުނު ވަރަށް ވުރެ ވެސް ބޮޑަށް އަދި އުފުލޭނެ ކަމަށާއި އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު ފިހާރަތަކުގައި އެހުރި މުދާ ހުސްވީމާ ދެން ގެންނަ މުދާ އަދި އިންތިހާއަށް އަގުބޮޑުވާނެ. އެ މުދަލުގެ ހުރިހާ އެއްޗަކަށް ބޮޑު އަގު އޮންނާނީ ވަދެފައި،" ނަޝީދު ވިދާޅުވި އެވެ. އިންތިހާބީ އަހަރު ޓެކްސް ބޮޑުކުރުމަކީ އެމްޑީޕީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސިފަކުރައްވަމުން ނަޝީދު ވިދާޅުވީ އެއީ ރައީސަށް ދެވަަނަ ދައުރެއް ދެވެން ނެތް ސަބަބު ކަމަށެވެ.
"ކީއްވެތޯއޭ ތިހެން ތި ހެެއްދެވީ؟ ކީއްވެގެންތޯ މިހެން ހެއްދެވީ މިއީ އަޅުގަނޑުމެންގެ އިންތިހާބީ އަހަރޭ،" ނަޝީދު ވިދާޅުވި އެވެ.
ރިޔާސީ ޕްރައިމަރީއަށް ކެމްޕޭން ކުރައްވަން ފެށްޓެވުމުގެ ކުރިން ވެސް އެމަނިކުފާނު ވަނީ ، ޓެކްސް ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަށް އެކި ފަހަރުމަތިން ފާޑުވިދާޅުވެފަ އެވެ.