logo minivan

English

ހޮނިހިރު, 20 އޭޕްރިލް 2024

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރަކީ، އެފަރާތްތަކަށް ފުރުސަތު ހޯދައިދިނުމުގެ މުހިންމު ބައެއް: ރައީސް

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރަކީ، އެފަދަ ފަރާތްތަކަށް ފުރުޞަތުތައް ހޯއްދަވައި ދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ މުހިއްމު ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ، ރ. އަލިފުށީ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފުތަރުގެ ޑިޖިޓަލް ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، އެ ދަފްތަރުގެ އެންމެ މުހިންމު ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ މަޢުލޫމާތު، ރައްކާތެރިކަމާއި ފަސޭހަ ކަމާއެކު ބެލެހެއްޓުން ކަމަށެވެ. އަދި މިދަފްތަރުގެ ސަބަބުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ކެޓަގަރީ ކުރެވި، އެފަރާތްތަކުގެ ހާލަތްތަކަށް ވަކިވަކިން ބެލި، އެންމެ އެކަށޭނަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށް ދެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޤާނޫނުގެ ދަށުން އެފަދަ މީހުންނާއި ކުދިންނަށް ފޯރުކޮށްދޭންޖެހޭ މާލީއެހީ އާއި އެހެނިހެން އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަން ފާހަގަކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ މާލީ ޢިނާޔަތަށް ގެނެވޭ ބަދަލު ވަރަށް އަވަހަށް ހާމަކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެއިތުރުން މިޖަލްސާގައި އެމަނިކުފާނު ވަނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރިވެލި މަޢުރަޒަކީ، އެފަދަފަރާތްތަކުގެ ހުނަރުވެރިކަން ފެނިގެންދާ މަޢުރަޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައިނަލްއަޤުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެއް ފާހަގަކުރުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އަލި އަޅުއްވާލައްވައި ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން އެމަނިކުފާނު ވިދާޅުވީ، މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ޤައުމުގެ ކޮންމެ ފަރުދެއްގެ އިންސާނީ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުކޮށްދިނުމާއި، އެ ޙައްޤުތައް ލިބިދިނުން ކަމަށެވެ.

މި ޖަލްސާގައި ރިވެލި ތަރި އެވޯޑް ހާސިލްކޮށްފައިވާ ފަރާތްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ. ރިވެލި ތަރިއެވޯޑަކީ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ ރިވެލި މަޢުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާފައިވާ ފަރާތްތަކަށް ދެވޭ ޚާއްޞަ އެވޯޑެކެވެ. މިއެވޯޑު މިއަހަރު، ފަސް ދާއިރާއަކުން 8 ފަރާތަކަށް ވަނީ ދެއްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *