logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ޕީޕީއެމުން މިއުޅެނީ އާ ކެންޑިޑޭޓެއް ނެރެންތަ؟

މަނީލޯންޑާ ކުރުމުގެ ކުށާއި ރިޝްވަތު ހިފިކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް، އެ ހުކުމް ކުރި ދުވަހު ވެސް އެމަނިކުފާނުގެ ވަކީލުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެހުކުމް އަދި އިސްތިއުނާފު ނުކުރާކަން ހައިކޯޓްގެ ރަޖިސްޓްރީން އެނގެ އެވެ.

ހުކުމެއް އިސްތިއުނާފުކުރަން ރާއްޖޭގައި މިހާރު އޮންނަ މުހުލަތަކީ 60 ދުވަހެވެ.

އޭގެ ބަދަލުގައި ޕީޕީއެމްޕީއެންސީން މިހާރު ކުރަމުން އަންނަ ކަމީ ޔާމީނަށް ކުރި ހުކުމަކީ "ހަރާން ހުކުމެއް" ކަމަށް ބުނެ މާލޭގައި ސިލްސިލާކޮށް މުޒާހަރާ ކުރުމެވެ.

މިކަމުގައި ސުވާލު އުފެދޭ ކަންތަކެއް އެބަހުރި ކަމަށް ސިޔާސީ މަޝްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން ދެކެ އެވެ. އެ ފަރާތްތަކުން ފާހަގަކުރާ އެއް ކަމަކީ ރައީސް ޔާމީނަށް މީގެ ކުރިން ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފުކުރީ ވަރަށް އަވަހަށް ކަމެވެ.

ގއ. ވޮޑަމުލާގެ މައްސަލައިގައި، މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ޔާމީނު ފަސް އަހަރަށް ޖަލަށް ލާން 2019 ވަނަ އަހަރު ކުރި ހުކުމް، އިސްތިއުނާފު ކުރީ އެންމެ ދެ ދުވަހުގެ ތެރޭގަ އެވެ. އޭރު އެހާ އަވަހަށް އެ މައްސަލަ އިސްތިއުނާފުކުރި އިރު، އެއީ އިންތިހާބެއް ވެސް ބޯމަތިވެފައި ނެތް "ސިޔާސީ ގޮތުން ވަގުތު އޮތް" ދުވަސްވަރެކެވެ.

ރައީސް ޔާމީނު ޖަލަށްލިތާ 15 ދުވަސް ވީ އިރު މިފަހަރުގެ ހުކުމް އިސްތިއުނާފު ނުކުރާ އިރު، ރާއްޖޭގައި މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ވެސް މިހާރު މިއޮތީ ބޯމަތިވެފަ އެވެ. ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ އަދި ޕީޕީއެމްޕީއެންސީއާ އެންމެ ވާދަވެރި ޕާޓީ އެމްޑީޕީން މިހާރު ހޭބޯ ނާރާ އުޅެނީ އެޕާޓީން ނެރޭނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމުގެ އިންތިހާބައިގެންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމަކީ "ހަރާން ހުކުމެއް" ކަމަށް ބެލި ނަމަވެސް އެ ހުކުން ބާތިލުވާން އޮތީ ހައިކޯޓުން އެގޮތަށް ކަނޑައަޅައިގެންނެވެ. މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވާދަކުރެއްވޭނީ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ މުހުލަތު ހަމަވުމުގެ ކުރިން އެމަނިކުފާނުގެ ހުކުމް ބާތިލުކުރެވިގެންނެވެ.

މިހާލަތުގައި ރައީސް ޔާމީނަށް ކޮށްފައިވާ ހުކުމް އިސްތިއުނާފުކުރުން ލަސްކުރުމަކީ "ޗޮއިސް" އެއް ނޫނެވެ. އެއީ ޒަރޫރަތެކެވެ. ޔާމީނަށް ހުކުމް ކުރިތާ 15 ދުވަސް ވީއިރު އެހުކުމް ޕީޕީއެމުން ބުނަމުން އަންނަނީ އެކަން އަދި ލަސްނުވާ ކަމަށެވެ.

ޕީޕީއެމްޕީއެންސީން އުޅެނީ ރައީސް ޔާމީނުގެ ބަދަލުގައި އާ ކެންޑިޑޭޓެއް ނެރެން ތޯ ސުވާލު އުފެދެނީ މިކަންތައްތައް މިހެން ހުރުމުންނެވެ. އެ ސުވާލުގެ ޖަވާބު، ބައެއް ސިޔާސީ ލީޑަރުން މިހާރު ވެސް ވަނީ އަމިއްލަފުޅަށް އުފައްދަވައިފަ އެވެ. އެފަދަ އެއް ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކަމަރުބަންނަވައިގެން ހުންނެވި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި ރ. ހުޅުދުއްފާރުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ " ޕީޕީއެމުން ވެސް އާ ކެންޑިޑޭޓެއް ނެރޭނެ" ކަަމަށެވެ.

"އަދި އަޅުގަނޑަށް ޔަގީން ކަށަވަރު، ޕީޕީއެމުން އާ ކެންޑިޑޭޓަކު ހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އެކަން އެހާ ބޮޑަށް ކަށަވަރުކުރެއްވީ ކޮން ހިސާބެއް ޖައްސަވައިގެން ކޮންކޮން މައުލޫމާތެއް ހޯއްދަވައިގެން ކަމެއް ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ރައީސް ޔާމީނަށް ކުރި، އެމަނިކުފާނުގެ ސަޕޯޓަރުން ބުނާ ގޮތުން ނަމަ "ހަރާން ހުކުމް" އިސްތިއުނާފު ކުރުން ލަސްވެއްޖެ ކަމެވެ. އެ ކަން ލަސްވެ، އެހުކުމް ބާތިލު ނުކުރެވިއްޖެ ނަމަ ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީން ރިޔާސީ ކެންޑިޑޭޓަކު ނުނެރެ، މަގުމަތިވެފައި ތިބެދާނެ ކަމަކަށް ނުބެލެވެ އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *