ނޭޕާލުގެ މަތިންދާބޯޓެއް ވެއްޓި 66 މީހުން މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މަތިންދާބޯޓު ވެއްޓުނީ ވެރިރަށް ކަތުމަންޑޫއިން ޕޮކަރާއަށް ދަތުރުކުރަމުން ދަނިކޮށެވެ. ޕޮކަރާއަކީ ކަތަމަންޑޫގެ ހުޅަނގުން ގާތްގަނޑަކަށް 200 ކިލޯމީޓަރު (124 މޭލު) ދުރުގައި އޮންނަ ފަތުރުވެރިންގެ އަވަށެެކެވެ.
ނޭޕާލްގެ ޔެޓީ އެއާލައިންސް އިން އޮޕަރޭޓްކުރާ ޓްވިން އިންޖީނުގެ އޭޓީއާރް 72 މަރުކާގެ މަތިންދާބޯޓުގައި 72 މީހުން ތިބި ކަމަށާއި އޭގެ ތެރޭގައި ހަތަރު ފަޅުވެރިން ހިމެނޭ ކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ. ނޭޕާލް ފުލުހުންގެ ތަރުޖަމާނު އަލްޖަޒީރާއަށް ވިދާޅުވީ މިހާތަނަށް އެ ތަނުން 66 މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށެވެ. ހަދިސާގައި އެއްވެސް މީހަކު ސަލާމަތްނުވެއެވެ. ފްލައިޓް ވެއްޓުމާ ގުޅިގެން ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފައެވެ.
"ފަސިންޖަރުންނާއެކު ކަތަމަންޑޫއިން ޕޮކަރާއަށް ދަތުރުކުރަމުން ދިޔަ ޔެޓީ އެއާލައިންސްގެ އޭއެންސީ އޭޓީއާރް 72 ގެ ހާދިސާއާ މެދު މެދު ވަރަށް ހިތާމަކުރަން،" ބޮޑުވަޒީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ. ބޯޓު ވެއްޓުނު މައްސަލަ ބެލުމަށް ސަރުކާރުން ވަނީ ކޮމެޓީއެއް އެކުލަވާލައިފައެވެ.
ބޯޓު ވެއްޓުނު ސަރަހައްދުން ކަޅު ކުލައިގެ ބޮޑު ދުމެއް އުފެދިފައިވާ މަންޒަރު އެގައުމުގެ ޓީވީތަކުން އާއްމުކުރި ވީޑީއޯތަކުން ފެނެއެވެ. މަންޒަރު ދުށް މީހަކު ބުނީ ބޯޓުގައި އަލިފާން ރޯވީ ވެއްޓުނު ފަހުން ކަމަށެވެ.
އޮފިޝަލުން ބުނީ ބޯޓު ވެއްޓުނު ސަރަހައްދުގައި ގިނަ ބަޔަކު ތިބުމުގެ ސަބަބުން މިހާރު ކުރިއަށްދާ ރެސްކިއު އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އޭވިއޭޝަން ސޭފްޓީ ނެޓްވޯކުން ބުނި ގޮތުގައި މި އެކްސިޑެންޓަކީ 2018 ވަނަ އަހަރުގެ މާޗް މަހު ޑާކާއިން ފުރައިގެން ނޭޕާލަށް ދަތުރުކުރި ޔޫއެސް-ބަންގްލާ ޑޭޝް 8 ޓާބޯޕްރޮޕް ފްލައިޓް ކަތުމަންޑޫއަށް ޖައްސަން އުޅެނިކޮށް ވެއްޓުނު ފަހުން ނޭޕާލުގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ އެކްސިޑެންޓެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ރާއްޖޭގަ ގެންގުޅެނީ ތިޔަ މަރުކާގެ ބޯޓުތައް ރަނގަޅަށް ބަލަންޖެހޭ