logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ފިލިޕީންސްއަށް އެރި ތޫފާނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވަނީ ފޮޓޯ: ރޮއިޓާސް

ފިލިޕީންސްއަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 27 އަށް އަރައިފި

މި މަހު ފިލިޕީންސްގެ އެކި ހިސާބުތަކަށް އެރި ތޫފާނުގައި 27 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފިއެވެ.

ޑިސެމްބަރު މަހުގެ ފަހު ހަފްތާއިން ފެށިގެން އެ ގައުމުގެ ދެކުނުގެ އަދި މެދުތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ސިވިލް ޑިފެންސް އޮފީހުން އާދީއްތަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނީ މި އަހަރު ފެށުނު ފަހުން މިހާތަނަށް ތިން ތޫފާނެއްގައި އެ ގައުމުގެ އެކި ކަންކޮޅުތަކުގައި 27 މީހުން މަރުވެފައިވާ ކަމަށެވެ. އެ ހާދިސާތަކުގައި އެގާރަ މީހަކަށް އެކިވަރުގެ އަނިޔާލިބިފައިވާއިރު ތިން މީހަކު ވަނީ ގެއްލިފައެވެ.

ސްޓޭޓްގެ މޫސުން ލަފާކުރާ ޕަގާސާ އިން ވަނީ އާދީއްތަ ލުޒޮންގެ ދެކުނު ފަރާތުގައި ވާ ބިކޯލް ޕެނިންސިއުލާ އާއި ކިއުޒޯން ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީފައެވެ.

"މި ހާލަތުގައި ފެންބޮޑުވުމާއި ވިއްސާރައިގެ ސަބަބުން ބިންގަނޑު ކަނޑައިގެން ދިއުން އެކަށީގެންވަނީ ވަރަށް ބޮޑަށް… މި ނުރައްކާވެދާނެ،" ޕަގާސާއިން ނެރުނު އެޑްވައިޒަރީގައި ބުނެފައިވެއެވެ.

ސިވިލް ޑިފެންސް އޮފީހުން ބުނީ އިވެކުއޭޝަން ސެންޓަރުތަކުގައި 83،000 އަށް ވުރެ ގިނަ މީހުން ބޯހިޔާވަހިކަން ހޯދަމުންދާ ކަމަށެވެ. އަދި ފެންބޮޑުވުމާއި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން 1،200 އަށް ވުރެ ގިނަ ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ.

ފިލިޕީންސަކީ މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނިފައިވާ ގައުމަކަށް ވާއިރު، ދުނިޔެ ހޫނުވަމުން އަންނަ ވަރަކަށް ތޫފާންތައް ބާރުގަދަވަމުން އަންނަ ކަމުގެ އިންޒާރު ސައިންސްވެރިން ވަނީ ދީފައެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *