logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ފުލުހުން މިއަދު ތިބީ ކަންކަން އިސްލާހުކުރަން ފެންބޮވައިގެންފައި: ސީޕީ

ފުލުހުންގެ މަސައްކަތްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކޮންމެ ދުވަހަކު ވެސް ކުރަމުން އަންނަަ ކަމަށާއި ފުލުުހުން މިއަދު ތިބީ ކަންތައްތައް އިސްލާހުކުރަން ފެންބޮވައިގެންފައި ކަމަށް ކަމިޝަނަރް އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާވެއްޖެ އެވެ.

ފުލުހުންގެ މަސައްކަތަށް އާއްމުންގެ ހިޔާލާއި މަޝްވަރާއާއި ދިރާސާތައް ހުށަހަޅަން އަންނަ މާޗްމަހު ބާއްވާ ކޮންފަރެންސާ ބެހޭ މައުލޫމާތު ދޭން މިއަދު ބޭއްވި މީޑިއާބްރީފިންގައި ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އިސްލާހީ ބަދަލުތައް ގެންނަން ހުށަހަޅާ ހުށަހެޅުންތަކާއި ހިޔާލުތައް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ. އެ މުއައްސަސާއަކީ އޭނާ މިހާރު ވިދާޅުވި ގޮތުގައި ގޮތްދޫނުކުރާ މުއައްސަސާއެއް ނޫނެވެ.

"ފުލުހުންގެ ހިދުމަތުގެ ތެރޭގައި ކަންކަން އިސްލާހުކޮށް ކުރިއަށް ގެންދިއުމަށް ޓަކައި އަޅުގަނޑުމެން ވެސް [މިތިބީ] ވަރަށް ބޮޑަށް ފެންބޮވައިގެންފައި. އަދި އެފަދަ ހިޔާލުތަކާއި ހުށަހެޅުންތަަކަށް ވަރަށް ރިސެޕްޓިވް ވެސް މުއައްސަސާއެއް މިއީ. އަޅުގަނޑުމެންގެ މުއައްސަސާއަކީ މިއަދު އެހާ ރިޖިޑް މުއައްސަސާއެއް ނޫން،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފާޑުކިއުމުގެ ނަޒަރަކުން އެއްވެސް ފަރާތަކުން ހުށަހަޅާ ކަމެއް ބޮލާލައި ޖަހައި، އެ ހުށަހެޅުމަކަށް އަޅައިނުލައި ތިބުމަކީ ފުލުހުންގެ މުއައްސަސާއިން މިހާރުކުރާ ކަމެއް ނޫނެވެ. އިލްމީ ގޮތުން ދިރާސާކޮށްގެން އެކި ފަރާތްތަކުން ހުށަހަޅާ ކަންތައްތައް ބަލައިގަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ކުށުގެ ވެށްޓާއި ކުށްކުރުން ހުއްޓުވުމާ ބެހޭ ގޮތުން ޔުނިވާސިޓީތަކާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ފަރުދުން ހިމެނޭ ގޮތުން ކުރާ ދިރާސާތައް ހުށަހަޅުމަށް ޓަކައި އަންނަ މާޗްމަހު ކޮންފަރެންސެއް ބާއްވާނެކަން މިއަދު ވަނީ އިއުލާނުކޮށްފަ އެވެ. މިއަދުގެ މީޑިއާ ބްރީފިން ގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ ކޮންފަރެންސް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ބާއްވާނެ ކަމަށެވެ.

ހަމީދު ވިދާޅުވީ ފުލުހުންގެ މަސައްކަތުގެ ވަކިވަކި ދާއިރާތަކުގެ ކުރިއެރުމަށް ޓަކައި ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރުވެސް ހިނގާ ކަމަށެވެ. އެކަމަށް ޓަކައި ފުލުހުންގެ ތެރޭގައި ކުރަން ޖެހޭ މަޝްވަރާތައް ކުރުމާއި ދިރާސާތައް ކުރުމުގެ މަސައްކަތް ކޮންމެ ދުވަހަކުހެން ހިނގާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ތެރޭގައި ހަދަން ޖެހޭ ދިރާސާތައް ހަދައި އަޅުގަނޑުމެން ތެރޭގައި ފެންނަން ހުރި ޑޭޓާގެ މައްަޗަށް އެ ފިޔަވަޅުތައް އެޅުމުގެ ކަންކަން ހިނގާ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުލުުހުންގެ ތަމްރީނުތަކުގެ މުގައްރަރާއި ފުލުުހުން އެންމެ ފުރަތަމަ ހަދާ ޓްރޭނިން އަށް ވެސް މިދިޔަ ދެއަހަރެއްހާ ދުވަހުގެ ތެރޭގައި ވަރަށް ގިނަ ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. ކުރިން މަސައްކަތްކުރާ ގޮތާ ހިލާފަށް ރައްޔިތުންނާ ގާތުން، ރައްޔިތުންނާ އެކުގައި މަސައްކަތް ކުރަން މިހާރު އިތުރު ހިތްވަރެއްލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *