logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އިނދިކޮޅު ލީޑަރުން ޖަލަށް ވަޑައިގެން ޔާމީނާ ބައްދަލުކުރައްވައިފި

ރިޝްވަތުހިފުމުގެ ކުށާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް ޔާމީނު ހުންނެވި، މާފުށީ ޖަލަށް އިދިކޮޅު ޕީޕީއެމްޕީއެންސީގެ ލީޑަރުން ވަޑައިގެން އެމަނިކުފާނާ ބައްދަލުކުރައްވައިފި އެވެ.

ޔާމީނާ ބައްދަލުކުރުމަށް ފަހު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ޓްވީޓްކުރެއްވި ފޮޓޯއަކުން ފެންނަ ގޮތުގައި ޔާމީނާ ބައްދަލުކުރައްވަން އިއްޔެ އޭނާއާ އެކ ޖަލަށް ވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ތ.ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫނާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އަދި މާލޭސިޓީކައުންސިލުގެ މެމްބަރު އިބްރާހީމް ޝުޖާއު އެވެ.

ޔާމީނާ ބައްދަލުކުރެއްވުމަށް ފަހު އަބްދުއް ރަހީމް ކުރެއްވި ޓްވީޓްުގައި ވިދާޅުވީ ޔާމީނު ހުންނެވީ ގަދަކޮށް ކަމަށެވެ.

ރައީސް ޔާމީނާ މިއަދު ބައްދަލުވި.ހުންނެވީ ފިސާރި ގަދަކޮަށް.ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް.އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމަށް.މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެކަމަށް.ރައްޔިތުން މާޔޫސްނުވެ ގަދަކޮށް ތިއްބެވުމަށް،" ޓްވީޓުގައި އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ޔާމީނު ކަމަށް ވާތީ މިއަހަރުގެ ރިޔާސީ އިންތިހާބު ކައިރިވާ އިރު އެމަނިކުފާނު ޖަލުގައި ހުންނެވުމުން ޕީޕީއެމްޕީއެންސީން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭ ގޮތަށް ރިޔާސީ އިންތިހާބު ބާއްވައިފި ނަަމަ އެ އިންތިހާބު ބަލައިނުގަންނާނެ ކަމަށް އެ ދެޕާޓީން ވަނީ ބުނެފަ އެވެ.

ޔާމީނު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ޑިސެމްބަރުމަހުގެ 25 ވަނަ ދުވަހު އެވެ. އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް އިދިކޮޅުން ބުނި ނަމަ ނަމަވެސް އެކަމެއް އަދި ނުކުރެ އެވެ. ހުކުމެއް އިސްތިއުނާފުކުރަން ރާއްޖޭގައި އޮންނަނީ 60 ދުވަސް ކަމަށް ވާއިރު ޔާމީނަށް ހުކުމްކުރިތާ މިއަދަށް މިވީ 26 ދުވަހެވެ.

ޔާމީނާ ބައްދަލުކުރެއްވުމުގެ ފުރުސަތު އިދިކޮޅު ލީޑަރުންނަށް މިހާރުގެ ސަރުކާރުން ދިން އިރު، ޔާމީނުގެ ވެރިކަމުގައި އެކި ހުކުމްތައްްކޮށް ޖަލަށްލީ ސިޔާސީ ލީޑަރުންނާ ބައްދަލުކުރުމުގެ ފުރުސަތު އޭރުގެ އިދިކޮޅު ފަރާތްތަކަށް އޭރުގެ ސަރުކާރުން ދީފައެއް ނުވެ އެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *