logo minivan

English

ހޮނިހިރު, 27 ޖުލައި 2024
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ވަކި ބޭފުޅަކު ވަޑައިގަންނަވާ ވަގުތު ބައްދަލުވުންތަައް ބާއްވަން ސަރުކާރުން ސްކޫލްތަކަށް ނާންގާކަމަށް

"ބޮޑެތި ފައުޖުތައް ދިޔައީ ރައީސްގެ ސަލާމަތަށް ނުރައްކާ ކުރާތީ"

ރައީސް އިބްރާޙީމް މުހައްމަދު ސޯލިހު މި ހަފުތާގައި ބައެއް ރަށްރަށަށް ކުރެއްވި ދަތުފުޅުތަކުގަައި ސަލާމަތީ ކަންތައްތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައި ވާތީ އަމާޒުވި ފާޑުކިއުންތަކަށް ރައީސް އޮފީހުން މިއަދު ރައްުދުދީފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރައްވާ ކެމްޕޭނުގައި މާލެއަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންނެވި އިރު ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން އެ ރަށްރަށަށް ގޮސް، ސަލާމަތީ ކަންތައްތައް ވަރުގަދަކުރި އެވެ. ސިފައިންނާއި ފުލުހުން އެ ރަށްރަށުގައި ހަރަކާތްތެެރިވާ މަންޒަރު ފެންނަ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށް، ބައެއް މީހުން އެކަމަށް ފާޑުކި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށަކަށް ވަޑައިގެންނެވި އިރު އެރަށުގައި ފުލުހުން ހަރަކާތްތެރިވަނީ.

ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން އެއްގައި އެ ފާޑުކިއުންތަކަށް ރައްދުދެއްވަމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ނަހަމަގޮތުގައި ހިފައި، ހަމަނުޖެހުން ހިންގަން އިދިކޮޅުފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ބައެއް ރަށްރަށަށް ރައީސް ވަޑައިގެންނެވުމުން، މުޒާހަރާކުރުމުގެ ނަމުގައި ރަށު ތެރޭގެ ހަމަޖެހުން ނަގާލައި އެމަނިކުފާނުގެ ސަލާމަތަށް ނުރައްކާ ކުރަން އިދިކޮޅުން މަސައްކަތް ކުރި އެވެ.

"ކެމްޕޭން ދަތުރުފުޅުތައް ކަވަކުރައްވަމުން ވަޑައިގެންނެވި ނޫސްވެރިންނަށް ފާހަގަކުރެއްވޭނެ ޏ. ފުވައްމުލައް، އަދި ގއ. ވިލިނގިލީގައި ވެސް އިދިކޮޅު ފަރާތްތަކުން އެރަށްރަށުގެ ރަށުތެރޭގެ ހަމަޖެހުން ނަގާލައި، ރައީސްގެ ސަލާމަތަށް ނުރައްކާ ކުރަން ކުރި މަސައްކަތް. ނޫސްވެރިންނަށް ފެނިވަަޑައިގެންފައި ވާނީ،" މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސްގެ ސަލާމަތަށް ޓަކައި އަދި ރަށު ތެރޭގައި ހަމަޖެހުން ގާއިމްކުރުމަށް ޓަކައި އަޅަން ޖެހޭ ފިޔަފަޅުތައް ސަލާމަތީ ބާރުތަކުން އަޅާނެ ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްކަަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ނަމަވެސް އިދިކޮޅުފަރާތްތަކުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރުގެ ފަރާތުން ނުވަތަ ސަރުކާރުގައި ތިއްބަވާ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެ،" މިއުވާން ވިދާޅުވި އެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން އަބަދުވެސް ދޭނެ"

މިއުވާން ވިދާޅުވި ގޮތުގައި ރައީސް ކެމްޕޭނަށް ރަށްރަށަށް ވަޑައިގަންނަވާ އިރުގައި ވެސް އަދި އެނޫން ވަގުތުތަކުގައި ވެސް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ދޭނެ އެވެ. ކެމްޕޭނަށް ރައީސް ވަޑައިގެންނެވުމުން ޝުއޫރު ފާޅުކުރަން ބޭނުންވާ ފަރާތްތަަކަށް ސަރުކާރުން އެ ފުރުސަތު ވެސް ދޭނެ ކަމަަށާއި ރައީސް ވަޑައިގެންނެވި ބައެއް ރަށްރަށުން ޝުއޫރު ފާޅުކުރިތަން ފެނުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް ސޯލިހަކީ މަލްޓިޕާޓީ ޑިމޮކްރަސީއަށް ވަރަށް ފަރިތަ ބޭފުޅެއް. އިދިކޮޅުފަރާތްތަކަށް ޖާގަ އޮންނަންވާނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅެއް. އިދިކޮޅެއް އަދި އިދިކޮޅު އަޑެއް އޮވެގެން ނުވާނެ ކަމަށް ގަބޫލުކުރި ހަތް އަހަރަށް ފަހު، ރައީސް ސޯލިހުގެ ވެރިކަން ފެށިގެން އައުމާ އެކު އިދިކޮޅުފަރާތްތަކުން އަޑު އުފުލަން މިވަނީ ތަންމިނަށް ޖާގަ ދީފައި،" މިއުވާން ވިދާޅުވި އެވެ.

އެ މިނިވަންކަމުގެ ބޭނުން ހިފާނީ އަހުލާގީ ގޮތުން ކޮން މިންގަނޑެއްގައިކަން ނިންމާނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި ރައީސްގެ ޖަލްސާތަކުގައި ގުރުއާން ކިޔަވަމުން ދިޔަ ވަގުތު ވެސް އިދިކޮޅު ފަރާތްތަކުން ލަވަ ޖަހައި އަޑުގަދަކުރި ކަމަށާއި އެ މަންޒަރު ނޫސްވެރިންނަށް ވެސް ފެނިފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ކޮބައިތަ ނުރައްކާ ކުރުމަކީ. މީހަކަށް ނުހައްގުން އަނިޔާ ކުރާތީ އެކަން ހުއްޓާލަން ގޮވުމަކީ ނުރައްކަލެއްތޯ؟ ރައިއްޔަތުންގެ އަޑުނާހާ ރައިއްޔަތުންނަށް އޯގާތެރި ނުވަންޏާ އަޑު އިވޭނެ ގޮތެއް ހަދަން އެބަ ޖެހޭތާ ގަމާރުންތަކާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *