logo minivan

English

ހޮނިހިރު, 27 ޖުލައި 2024

އެސްއެސް ނެޓްގެ ޚިދުމަތް ފެބްރުއަރީ މަހު ހިލޭ

ރާއްޖޭގައި އަލަށް ކޭބަލް ޓީވީގެ ޚިދުމަތް ފަށާ އެސްއެސްނެޓުން ފެބްރުއަރީ މަހު ހުރިހާ ކަސްޓަމަރުންނަށް ހިލޭ ޚިދުމަތްދޭން ނިންމައިފިއެވެ.

ދިރާގު ޓީވީގެ ކަސްޓަމަރުން އެސްއެސްނެޓަށް ބަދަލުވާން އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބޭނުންކުރަމުންދާ ޖޯއިބޮކްސް ވެސް ބަދަލުކުރާކަށް ނުޖެހޭނެއެވެ.

މި ލިންކުގައިވާ ފޯމު ފުރާލުމުން ދިރާގު ޓީވީގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު އެސްއެސްނެޓަށް ބަދަލުވެވޭނެއެވެ. އަދި އެސްއެސްނެޓްގެ ކޯލް ސެންޓަރުގެ ނަންބަރު 1633 އަށް ގުޅާލުމުން ވެސް ފޯމު ފުރާލަދޭނެއެވެ. ފޯމު ފުރަން ޖެހޭނީ ދިރާގު ޓީވީ ރަޖިސްޓްރީކޮށްފައިވާ މީހާގެ ނަމުގައެވެ.

އެސްއެސްނެޓްގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) ވިދާޅުވީ ފެބްރުއަރީ މަހު ކަސްޓަމަރުންނަށް ހިލޭ ޚިދުމަތްދޭން ނިންމީ އެސްއެސްނެޓުން އަލަށް ޚިދުމަތް ފަށާއިރު ކަސްޓަމަރުންނަށް ވީހާވެސް ބޮޑަކަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

މޮންދު ވިދާޅުވީ ދިރާގު ޓީވީން ލިބޭ ހުރިހާ ޚިދުމަތެއް އެސްއެސްނެޓުން ލިބޭނެ ކަމަށެވެ.

"ދިރާގު ޓީވީގެ ކަސްޓަމަރުންނަށް މިހާރުވެސް ޚިދުމަތް ލިބެމުން އަންނަ ކޮލިޓީގައި ފުރިހަމަކަމާއެކު އެސްއެސް ނެޓްގެ ޚިދުމަތް ލިބޭނެ. ދިރާގު ޓީވީގައި ހުރި ޗެނަލްތަކަށްވުރެ އިތުރު ޗެނަލްތައް ވެސް އެސްއެސްނެޓުން ލިބޭނެ،" މޮންދު ވިދާޅުވިއެވެ.

މޮންދު ވިދާޅުވީ އެސްއެސްނެޓުން ރަށްރަށުގެ އިޖުތިމާއީ ތަރައްގީގައި ވެސް ބައިވެރިވާނެ ކަމަށެވެ. އެގޮތުން އެކަށީގެންވާ މިންވަރަށް އެސްއެސްނެޓްގެ ޚިދުމަތް ގާއިމްކޮށްފައިވާ ރަށްތަކުގެ އިޖުތިމާއީ ތަރައްގީގައި އެސްއެސްނެޓުން ބައިވެރިވާން ނިންމާފައިވާ ކަމަށް ވެސް މޮންދު ވިދާޅުވިއެވެ.

މުޅި ރާއްޖެއަށް ކޭބަލް ޓީވީގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ އެސްއެސްނެޓްގެ ކޭބަލް ޓީވީ ޚިދުމަތް މި މަހުގެ 30 ވަނަ ދުވަހު ފެށުމަށް މިހާރު ވަނީ ނިންމާފައެވެ.

"މި ފަށަނީ ވަރަށް މުހިންމު ދަތުރެއް. އެސްއެސްނެޓުން އަބަދުވެސް ބަލާނީ އެންމެ ކޮލިޓީކޮށް އަދި އެންމެ އަގުހެޔޮކޮށް ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށް،" މޮންދު ވިދާޅުވިއެވެ.

ދިރާގު ޓީވީގެ ޚިދުމަތް ލިބޭނީ މިމަހުގެ ނިޔަލަށެވެ. ދިރާގަކީ ރީބޮޑްކާސްޓް ކުރުމުގެ ލައިސެންސް ހުއްދަ ނުދޭވޭނެ ކުންފުންޏެއްކަމަށް ނިންމާ މޯލްޑިވްސް ބްރޮޑްކާސްޓިން ކޯޕަރެޝަނުން ނިންމާފައިވަނީ ކޭބަލްޓީވީ ހިންގުމުގެ ލައިސެންސް ދިރާގަށް އިތުރަށް ނުދިނުމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *