ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލަ އާ ގުޅިގެން ގދ. ރަތަފަންދޫ އިން ދެ މީހަކު އަދި ގދ. ތިނަދޫ އިން އެކަކު ހައްތަރު ކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި ތިން މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ ވޯޓު ލާން ހަމަޖައްސާފައިވާ މަރުކަޒުގައި ހަމަނުޖެހުން އުފައްދާ ވޯޓުފޮޓަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ގދ. ތިނަދޫ ވޯޓްލާ މަރުކަޒްގައި ހުރި ވޯޓްފޮށި އެއްލާލާ މަންޒަރު ފެނެއެވެ. އަދި އެމަރުކަޒުގައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި އުކާލާ މަންޒަރާ އެއްބަޔަކު އަނެއްބަޔަކަށް މާރާމާރީ ހިނގާ މަންޒަރު ވެސް ފެނެއެވެ.
މުޅި ރާއްޖޭގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި ވޯޓުލުން ހުއްޓައިލަން ވެސް ޖެހުނެވެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި ވޯޓުފޮށިތައް ފަޅާލައި ބޮޑެތި ގެއްލުންތައް ދިނުމުން އެކަންކަމުގައި ތުހުމަތުކުރެވޭ މީހުން ދަނީ ހައްޔަރުވެސް ކުރަމުންނެވެ.