logo minivan

English

ހޮނިހިރު, 27 ޖުލައި 2024

ނަޝީދު އެންމެ ފަހުން ބަލި ގަބޫލުކުރައްވައިފައި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވާފައިވާ ކަން އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުން ގަބޫލުކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނު ކުރިތާ 24 ގަޑި އިރު ވީ އިރު ވެސް އެ އިންތިހާބުގެ ނަތީޖާ ގަބޫލުކުރެއްވުމާއި މެދު އެއްޗެއް ވިދާޅުނުވެ ހުންނެވުމަށް ފަހު އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވި މެސެއްގައި ނަޝީދު ވިދާޅުވީ "އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސޯލިހަށް ލިބުނު ކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެ" ކަމަށެވެ.

"އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް. އަޅުގަނޑަށް ފެންނަނީ ރައީސް ޞާލިޙާއެކު ގޮސް 2023 ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް،" މެސެޖްގައި ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު ކެންޑިޑޭޓެއްގެ ގޮތުގައި ނެރެގެން ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުނުކުރެވޭނެ ކަމަށް ވިދާޅުވާ ވިދާޅުވުމުން އެ މެސެޖްގައި ވެސް ނަޝީދު ތަކުރާރު ކުރެއްވި އެވެ. އެއާ އެކު ހުށަހެޅުއްވުމަކީ "ފިކުރެއްގެ ދިރުން" މި ނަމުގައި ހުރިހާ ރަށެއްގައި ގޮފިތައް ހަދައި، ޕާޓީން ކަނޑައިލި 39،000 މީހުން އަލުން ވައްދައިގެން އެމީހުންނާ އެކު ގޮތް ނިންމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"…ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދުކުރާ ރިޔާސީ ކެންޑިޑޭޓެއް ކަނޑައަޅާނީ ފަހުން،" ނަޝީދު ވިދާޅުވި އެވެ.

ފިކުރެއްގެ ދިރުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި އެމަނިކުފާނު ގެންގުޅުއްވި ޝިއާރެވެ.

"ތާއީދުކުރަން ފަސޭހަވާނީ ބަރުލަމާނީއަށް އެއްބަސްވާ ކެންޑިޑޭޓަކަށް"

ތާއީދުކުރާނެ ކެންޑިޑޭޓަކު ނިންމާނީ ފަހުން ކަމަށް ވިދާޅުވި ނަމަވެސް ތާއީދުކުރައްވަން ފަސޭހަވާނީ ކޮން ކަހަލަ ކެންޑިޑޭޓަކަށް ކަން ނަޝީދު ހާމަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ ތާއީދުކުރަން ފަސޭހަވާނީ ރިޔާސީ އިންތިހާބުގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން އެއްބަސްވާ ކެންޑިޑޭޓަކަށް ކަމަށެވެ.

" ރިޔާސީ އިންތިހާބުގެ ކުރިން ޕާލަމެންޓްރީ ނިޒާމަށް ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަވާނެ ކެންޑިޑޭޓް،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ "ގައުމީ މަޖިލިސް، އެހާރާއި މިހާރު" ގްރޫޕަށް ނަޝީދު ފޮނުއްވި އެ މެސެޖަށް ޖަވާބު ދެއްވަމުން އެޕާޓީގެ ޗެެއާޕާސަން ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ނަޝީދު އަލުން ވިސްނާވަޑައިގަންނަވަން އެދިވަޑައިގަންނަވާ ކަމަށެވެ. ޕާޓީގެ އުސޫލާއި ގަވައިދު ބަދަލުނުކޮށް، ނަޝީދު އެ ވިދާޅުވި ގޮތަށް ކަންތައް ކުރެއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

" ޓިކެޓް ކާމިޔާބުކުރާ ފަރާތަކީ ޕާޓީގެ ކެންޑިޑޭޓް،" ފައްޔާޒު ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ހޮނިހިރު ދުވަހު އެޕާޓީން ބޭއްވި ރިޔާސީ ޕްރައިމަރީ، ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެ ވޯޓުގެ 60 ޕަސެންޓަަށް ވުރެ ބޮޑު ބައި އެމަނިކުފާނު ކާމިޔާބުކުރެއްވި އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *